"މިނިސްޓަރު މިރޭ 50،000 ރުފިޔާ ހަމަޖައްސާލަދެވިދާނެތޯ؟"
"ބްރޯ، ރިސޯޓް ޓްރިޕް މި ވީކްގައި ހަމަޖައްސައިދީ ޕްލީޒް. މުޅި މި ޓްރިޕް ފްރީކޮށް ދޭން ވާނެ. ޕީޖީ {ޕާލަމެންޓްރީ ގްރޫޕު} އުފާ ފާޅުކުރަން. ވަރަށް ކުޑަކޮށް މި ދުއްވާލަނީ. ހެހެ. ޓުޑޭ ހަވީރު 4:00ގައި ފުރަން ރެޑީ،"
"ބްރޯ، ސައިކެއް ގަންނަންވެގެން 50000 އެރޭންޖް ކޮށްދީބަ، ތޭންކްސް،"
"މިސްޓަ އަދީބު. މަނިކުފާނު ވަރަށް މުހިންމު މިކޮޅަށް. ދޭން ވިދާޅުވި އެހީގެ ބާކީ ނުދެވި އޮތީ މިހާރު ބާރަ ލައްކަ [ރުފިޔާ]. މިރޭ ކޮންމެ ވެސް ވަރެއް ދީ. ވަރަށް ވަރަށް މުހިންމު ވާތީ ދަންނަވާލީ. ވަރަށް ވަރަށް ބޭނުން މިރޭ،"
"މޯނިން ބްރޯ. ވަރަށް އާޖަންޓްކޮށް 150،000 ރުފިޔާ ހަމަޖައްސާލަދެވިދާނެތޯ؟ ވަރަށް ވަރަށް އާޖަންޓް،"
"ރިސޯޓް ކަންތައްތަކުގައި ކިހިނެއްތޯ ހަދަންވީ؟ [އޭނަ ރެޑީ] 4 މިލިއަން [ދައްކަން]. ކުރިއަށް ދާންވީ ގޮތް އަންގައިލަދެއްވުން އެދެން،"
މިއީ މިއަދު ވެސް ދައުލަތުގެ ވަރަށް އިސް މަގާމުތަކެއްގައި އިންތިޚާބުކޮށްގެންނާއި އައްޔަންކުރައްވައިގެން ތިއްބެވި ބޭފުޅުންތަކެއް, އޭރުގެ "ބޮޑު ވަޒީރެއް ފަދަ" ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބަށް، ފޮނުވާފައިވާ ކަމަށް ފޮރެކްސިކް ރިޕޯޓުން ފެންނަ މެސެޖުތަކެކެވެ. އަދީބު އޭރު ގެންގުޅުއްވި ފޯނުން, އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ 'ފަރަޑޭ ފޮރެންސިކްސް'އިން ރިކަވާކުރި ކަމަށް ބުނާ, 81،167 މެސެޖު މި ފަހުން މުޅި ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާއިރު އޭގެން ދިވެހި ވެރިންގެ ފެންވަރު ވަރަށް ރީއްޗަށް ފެނެއެވެ. ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި އިދިކޮޅުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނޭ ގޮތަށެވެ.
އެ މެސެޖުތައް ކިޔާލުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރިކަމަށް އެތައް ތުހުމަތުތަކެއް ކުރެވެއެވެ. އޭގެ ތެރޭގައި ވަރަށް ހުތުރު, ބޮޑެތި ކަންކަން ވެސް ހިމެނެއެވެ. ދެން އެންމެ ފާހަގަވި އަނެއް ކަމަކީ, ޕޯޑިއަމްތަކުގައި ވަރަށް ގައުމީ އަދި ދީނީވެގެން ރައްޔިތުންގެ ރުހުން ހޯދަން ވާހަކަދައްކަވާ ބޭފުޅުންގެ ފެންވަރެވެ. މާތް الله ގަންދީ ހުވާކޮށްގެން މަގާމުތަކާ ހަވާލުވެ ތިއްބެވި, ބޮޑެތި ސިންގާ ފިރިހެނުންނާއި އަންހެނުން ފައިސާއަށް އެދި އާދޭސްކޮށްފައި އެވަނީ ވަކި ވަރަކަށް ނޫނެވެ. ހަލާލެއް, ހަރާމެއް ނުބަލައި ލިބުނު ގޮތަކަށް ފައިސާ ހޯދަން, ކޮށްފައި ހުރި އާދޭހާއި އުޅެފައި ހުރި ގޮތް ފެނި އެހެން މީހުން ލަދުގަންނަ ހިސާބަށް ކަންކަން ގޮސްފިއެވެ. އެކަމަކު، ތުހުމަތުކުރެވޭ ބޭފުޅުން ލަދުގަންނަހެނެއް ހިޔެއްނުވެއެވެ. އިސް މަގާމުތަކުގައި އަދިވެސް އެ ތިއްބެވީ އެހެންވެއެވެ.
ތަހުޒީބީ ގައުމެއްގައި ނަމަ ވާނީ ކިހިނެއް؟
ރާއްޖޭގައި އޮންނަ ކަމެކެވެ. ސިޔާސީ މީހެއްވެއްޖެ ނަމަ ދެން އުޅޭނެ ގޮތަކަށް އުޅެންވީއެވެ. ކުރާނެ ވައްކަމެއް ކޮށްގެން, ހަދާނެ ދޮގެއް ހަދައިގެން, ރިޝްވަތަށް ޕާޓީ ބަދަލުކޮށް، ވޯޓު ވެސް ދޭންވީއެވެ. "އެ ދެން ސިޔާސީ މީހުން އުޅޭ ގޮތް" ކަމަށް ބުނެ ނިންމާލާނީއެވެ. ސިޔާސީވުމަކީ އުޅޭނެ ގޮތަކަށް އުޅެން އޮންނަ ލައިސެންސެއް ފަދައެވެ. ނަމަވެސް، އެއީ ދުނިޔޭގެ ކުރިއަރާފައިވާ ތަހުޒީބީ ގައުމުތަކުގައި އެކަން އޮންނަ ގޮތެއް ނޫނެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގާ ސިޔާސީ މަގާމުތަކުގައި ތިބެވޭނީ އިޚުލާސްތެރި, އަދުލުވެރިންނަށެވެ. އެ ނޫން އަމަލެއް އެ މީހުންގެ ފަރާތުން ފެނިއްޖެނަމަ ޖެހޭނީ އަމިއްލައަށް އިސްތިއުފާދެއްވާށެވެ. ނޫނީ ވަކި ކުރާނެއެވެ. އެ ވަރުން ނުވެގެން، އެ ކުށަށް އެ ގައުމުތަކުގައި އަދަބު ދޭނެއެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީނާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު-- ފޮޓޯ/ ރައީސް އޮފީސް
މީގެ ލައްކަ މިސާލު އެބަހުއްޓެވެ. ސިންގަޕޫރުގެ ތަރައްގީގެ ބާނީ ލީކުއާން ޔޫގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ގައުމުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލެރެންސްއެވެ. ސަރުކާރާ ކިތަންމެ ގުޅުން ބޮޑު ނަމަވެސް, ކިހާ މުހިންމު މީހެއް ނަމަވެސް ކުށް ކޮށްފިނަމަ ބެލުމެއް ނޯންނާނެއެވެ. އޭގެ އެއް މިސާލަކީ މި ފަހުން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމަނިއަމް އިސްވަރާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެވެ. ބިލިނިއަރު, އޮންގް ބެންގް ސެންގް އަތުން ރިޝްވަތު ނެގި ކަމަށް ތުހުމަތުވުމުން ސުބްރަމަނިއަމް މަގާމުގައި ހުންނަވަނިކޮށް، ސިންގަޕޫރުގެ ސަރުކާރުން އެ މައްސަލަ ބަލަން ފުރުސަތު ދިނެވެ. މައްސަލަ ބެލުމަށް ފަހު, މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޭނާގެ މައްޗަށް 27 ދައުވާއެއް އުފުލުމާ ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އެންމެ ފަހުން، ކުށް ސާބިތުވެ ޖަލު އަދަބު ދަނީ ދަންފީޒުކުރަމުންނެވެ.
އަނެއް މިސާލަކީ ޗައިނާއެވެ. އެ ގައުމުގައި ކޮރަޕްޝަނަށް ފުރުސަތެއް ނޯވެއެވެ. ޗައިނާގެ 60 ޓްރިލިއަން ޑޮލަރުގެ މާލީ ސިނާއަތަށް އަމާޒުކޮށްގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިން ކުރިއަށް ގެންދެވި, އެންޓި ކޮރަޕްޝަން ޕްރޮގްރާމްގެ ތެރެއިން އެތައް ބަޔަކަށް އަދަބު ދިނެވެ. އޭގެ ތެރޭގައި ބޭންކުތައް ހިމެނޭ ގޮތަށް މާލީ ދާއިރާގައި ހަރަކާތްތެރިވި އެތައް ބަޔަކާއި ސަރުކާރުގެ އެތައް އޮފިޝަލުންނެއް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނޭ, ބޭންކް އޮފް ޗައިނާގެ ބްރާންޗެއްގެ ވެރިޔާ ޒޫ ގުއޯޖޫންގެ މައްޗަށް ވަނީ 325 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ, 2023 ވަނަ އަހަރު އުމުރަށް ޖަލަށް ލައިފައެވެ.
ހަމައެހެންމެ 2016 ވަނަ އަހަރު ވަނީ, ޗައިނާގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ބައި އެންޕެއިގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވުމާ ގުޅިގެން މަރުގެ އަދަބު ދީފައެވެ. އެ އަދަބު ދިނުމުގެ ކުރިން އޭނާގެ ކިބައިން ސިޔާސީ ހުރިހާ ހައްގެއް ވަނީ ނަގައިފައެވެ. އަދި، އޭނާގެ ހުރިހާ މުދަލެއް ވަނީ ދައުލަތަށް ނަގައިފައެވެ. މި ކުށް އޭނާގެ މައްޗަށް ސާބިތުވިއިރު އޭނާއަކީ އެ ގައުމުގައި ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ޕްރޮވިންޝަލް ކޮމިޓީގެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، ކޮރަޕްޝަން ސާބިތުވުމާ ގުޅިގެން މޫނަށް, ކަނދުރާއަކަށް ބެލުމެއް ނެތި ހުކުމް ތަންފީޒުކޮށް ނިންމާލީއެވެ.
މިއީ އެ ގައުމުތަކެއް މުޅި ދުނިޔެއަށް މިސާލު ދައްކައި ތަރައްގީކޮށްފައިވާ ދެ ގައުމުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ މިސާލެކެވެ. މި ނޫނަސް ތަޖުޒީބީ ގައުމުތަކުގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދެއެވެ. ތުހުމަތުވާ ހިސާބުން ވެރިން އަމިއްލައަށް އިސްތިއުފާދެއްވުން އެއީ އެ ގައުމުތަކުގައި އަމަލުކުރާ ރަނގަޅު އަހުލާގެކެވެ. އިތުރުބާރު ކެނޑިއްޖެ ނަމަ މަގާމުގައި ނުހުންނަވާނެއެވެ. ނޫނީ ވަކި ކުރައްވާނެއެވެ. އޭގެ ނަތީޖާއަކީ މިއަދު އެ ގައުމުތަކުގެ ރައްޔިތުންނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފެންވަރުގެ ދިރިއުޅުންތައް ސަރުކާރުތަކުން ހޯދައިދީފައިވާ ރައްޔިތުންތަކަކަށް ވުމެވެ. އެ ފުރުސަތު ރައްޔިތުންނަށް ހޯދައި ދިނުމާއި ތަރައްގީކުރުމަށް އެ މީހުން އިސްކަން ދިނީ ވައްކަމާއި ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށެވެ.
ބޭޒާރުވުމުން ވެސް މަގާމުގައި, ލަދެއް ބިރެއް ނެތް: ކީއްވެ؟
ތަހުޒީބީ ވިސްނުމަކަށް ބަލާއިރު ދައުލަތުގެ މަގާމުތަކުގައި ތިބުމަކީ ތިމާ އަދި މާ މޮޅު, މާ މަތިވެރި ވުމެއް ނޫނެވެ. އެހެންވީމާ ގާނޫނެއް, ގަވާއިދެއް, އުސޫލެއް ތިމާގެ މައްޗަށް ނުހިނގާނެ ކަމަށް ވިސްނައިގެނެއް ނުވާނެއެވެ. ހަގީގަތުގައި ރައްޔިތުންގެ ފައިސާއިން މުސާރައާއި އިނާޔަތާއި ހިމާޔަތް ދޭ މަގާމުތަކުގައި ތިބޭ މީހުންނަކީ ރައްޔިތުންގެ ހާދިމުންނެވެ. މާނައަކީ އޭނާއަކީ ރައްޔިތުންގެ ވަޒީފާއެއްގައި, ރައްޔިތުން އެދޭ ކަންކަން ކުރަން ހުރި މީހެކެވެ. އެހެންކަމުން އެފަދަ މީހަކަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެނަމަ އިސްތިއުފާ ދިނުމަކީ ދުނިޔޭގެ ތަހުޒީބީ ގައުމުތަކުގައި އެންމެ އާއްމު އެއް ކަންތަކެވެ.
ނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން އެގޮތަކަށް, ވަރަށް މަދުން ނޫނީ ނުހިނގައެވެ. ރައްޔިތުންގެ މުދަލާއި ފައިސާއިން ވައްކަން ކުރިކަމުގެ ބޮޑު ތުހުމަތުގެ އިތުރުން ބަރަހަނާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ އާއްމު ވިޔަސް ހަމަ ގަދަފައި ވިއްދާފައި މަގާމުގައި ތިއްބަވައެވެ. އަދީބު ފައިލްސްގެ ލީކްސްއާއެކު ވެސް ފެންނަނީ އެ މަންޒަރެވެ. ތުހުމަތުކުރެވޭ އެ މެސެޖުތަކުން އެ ފެންނަނީ ލަދުވެތި ކަންކަމެވެ. އެކަންކަން ކުރެއްވިކަމަށް ތުހުމަތުކުރެވޭ ބޭފުޅުން ސަރުކާރާއި ދައުލަތުގެ އިސް މަގާމުތަކުގެ އިތުރުން ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅު ޕާޓީގައި ވެސް އެބަތިއްބެވެ. އެކަމަކު، ހަމަ އިސްތިއުފާދެއްވުމެއް ނެތެވެ. ކީއްވެ ހެއްޔެވެ؟

ރައްޔިތުންގެ މަޖިލިސް: އަދީބު އަތުން ފައިސާ ހޯދި ކަމަށް އޭރާއި މިހާރުގެ ގިނަ މެންބަރުންތަކަކަށް ތުހުމަތު ކުރެވޭ -- ފޮޓޯ/ މަޖިލިސް
ނަޒާހަތްތެރި ކަމަށް ރާއްޖެއަށް މަޝްހޫރު ގާނޫނީ ތަޖުރިބާކާރަކާ މި ސުވާލުކޮށްލީމެވެ. ދެއްވީ ކުރު ޖަވާބެކެވެ. ކޮށްގެން ނުވާނެ ކަމެއް ކުރިކަމަށް ތުހުމަތުވާ ހިސާބުން އެހެން ގައުމުތަކުގެ ވެރިން އިސްތިއުފާދެއްވަނީ އެ މީހުންގެ ރަނގަޅު އަހުލާގީ ސިފައެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
"އެހެން ގައުމުތަކުގައި އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މޯރަލް ނުވަތަ އަޚުލާގުގައި ހުންނަ ރަނގަޅު ސިފައެއް އެ މަގާމާ އެކަށީގެން ނުވާ ނޫނީ އެ މަގާމުގެ އިތުބާރު ގެއްލޭ ތުހުމަތެއް ކުރެވިއްޖެ ނަމަ އަމިއްލައަށް މަގާމާ ދުރުވާން. އެއީ މަގާމަށް ވެސް ހުންނަ ހުރުމަތެއްގެ ސަބަބުން،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގައި އެ އަޚުލާގު ނެތީ. މަގާމަށް ހުންނަ ހުރުމަތެއް ވެސް ނެތީ. ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމަށް ކުރިން ބެލިޔަސް މިނިސްޓަރެކޭ ބުނެވޭ ބޭފުޅެއްގެ ގޮތެއް ހުންނާނެ. ހައިބަތެއް ގަދަރެއް ހުންނާނެ. އެކަމަކު މިއަދު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން އެކަމެއް ނުފެނޭ ނޫންތޯ،"
އަދީބުގެ މެސެޖުތައް ކަމަށް ބުނާ އެ މެސެޖުތަކުން އެ ފަޅާއެރި ކަންކަމަކީ ދުނިޔޭގެ ތަހުޒީބީ އެހެން ގައުމެއް ނަމަ ކުޑަކޮށް ނަގާނެ ކަމެއް ނޫނެވެ. ތަހުގީގުކޮށް އަދަބު ދޭނެކަން ޔަގީނެވެ. ނަމަވެސް، މި ރާއްޖޭގައި އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ހަރަދުކޮށްގެން ހިންގާ ތަހުގީގީ އިދާރާތަކާއި މިނިވަން ކަމަށް ބުނާ މުއައްސަސާތައް އޮތީ ހަމަ ގަދަ ނިދީގައެވެ. ކުރާ ވަރެއް ކުރަނީ ނޫސްވެރިން ނޫސްތަކުގައާއި އާއްމުން ސޯޝަލް މީޑިއާގައެވެ. ނޫސްތަކުގައި މިފަދަ ވާހަކަތައް ނުދެއްކޭ ގޮތަށް ސަރުކާރުގެ އެއްބާރުލުމާ އެކު މީޑިއާ ކޮންޓްރޯލް ބިލެއް މި ފަހުން ވަނީ ފާސްކޮށްފައެވެ. އެހެންވީމާ، ދައްކަންވާ ވަރަކަށް ހަގީގަތުގައި އެ ވާހަކައެއް ނުދެއްކެއެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލަން 40 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ހިންގާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ރައްޔިތުންގެ މަޖިލީހުން މި ފަހުން މި ލީކްތަކާ ގުޅިގެން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ފާރަވެރިވާން ތިބި މުއައްސަސާތަކަށް އެކަން އެންމެ ރަނގަޅަށްވާ މަންޒަރެއް ގައިމު ވެސް އަޅުގަނޑަކަށް ނުފެނެއެވެ.
މިކަމާ އާއްމުންގެ ކަންބޮޑުވުން އޮތްތަން އެބަފެނެއެވެ. ނަމަވެސް، ކޮރަޕްޝަނަކީ އެއްވެސް ކަމެއް ނޫންކަމަށް މީހުންނަށް ހީވާ ހިސާބަށް ރާއްޖޭގައި އެ ނުރައްކާތެރި ވަބާ މިވަނީ މިހާރު އާއްމުވެފައެވެ. މިއީ ދެރަ ކަމެކެވެ. ރައްޔިތުންގެ ފައިސާއާއި ވަސީލަތްތަކަށް ޚިޔާނާތްވުމަކީ ކުޑަ ކަމެއް ނޫނެވެ. ވަރަށް ބޮޑު ކަމެކެވެ.
މީގެ ހިތި ނަތީޖާއަކީ ކޮބާ؟
ކިތަންމެ ބޮޑު ކުށެއް ކުރިޔަސް އަދަބެއް ނުލިބޭނެކަން އިންސާނަކަށް އިހުސާސްވުމަށް ވުރެ، ވަކިން ބޮޑު ނުރައްކަލެއް ނެތެވެ. އެއީ، އޭނާ އެ ކުށް ހަމަ ތަކުރާރުކުރާނެތީއެވެ. އެހެންކަމުން ސިޔާސީ މަގާމުތަކުގައި ތިބޭ އަމިއްލަ އެދުން ބޮޑު މީހުން އެ މީހުން ކޮންމެ ފަދަ ހިނާޔާތެއް ހިންގި ނަމަވެސް އަދަބު ނުލިބޭނެކަން އެނގޭނަމަ، އެ ފަދަ ކިތަންމެ ކަމެއް ކުރާނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ ވައްކަން އާއްމުވެ, ގައުމާއި ރައްޔިތުން އެ ބުރަ އުފުލަން ޖެހުމެވެ.
ކޮރަޕްޝަން ހިންގާ މީހުންނަށް އަދަބު ނުދެވޭ ނަމަ އެއީ އިންވެސްޓަރުންގެ އިތުބާރު އެ ގައުމަކަށް ގެއްލޭނެ ކަމެކެވެ. މީހުންގެ ފައިސާ އެ މީހުން އިންވެސްޓްކުރުމުގެ ކުރިން އެތަނެއްގެ އަދުލު އިންސާފު އޮތްގޮތާއި ވެރިންނަށް ތިބި މީހުންގެ އިޚުލާސްތެރިކަމާމެދު ވިސްނާނެއެވެ. އެއީ، އެ ނޫނީ އެ އިންވެސްޓަރުންނަށް ކަމެއް ދިމާވާ ހާލަތުގައި އިންސާފު ނުލިބޭނެތީއެވެ. އަދި، އެ އިންވެސްޓަރުންގެ ފައިސާއަށް ހިނާޔާތް ވެދާނެތީއެވެ. އިންވެސްޓަރުންގެ އިތުބާރު ނެތް ގައުމެއް ތަރައްގީކުރުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންކަމުން ކޮރަޕްޓް މީހުން މަގާމުތަކުގައި ބެއިތިއްބުމުގެ ހިތި ނަތީޖާއަކީ އިންވެސްޓްކުރާނެ މީހުން ނުލިބުމެވެ.
ރަސްމީ ނޫސްތައް ވަރަށް ބޮޑަށް ތަޅު އަޅުވާފައިވީ ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު ރައްޔިތުންނަށް އެވެނި, މިވެހި ވެރިންގެ އަމަލުތައް ހުރި ގޮތް ސާފުކޮށް އެ އޮތީ ފެންނާށެވެ. ރިޝްވަތު ހޯދަން ޖެހި ސަލާމާއި ކުރި ކަންކަން ވަރަށް ވެސް ސާފެވެ. އެހެންކަމުން އެފަދަ ބޭފުޅުންތަކެއް ދައްކާވާހަކަ ގަބޫލުކުރާނެ މީހަކު ނުވާނެއެވެ. އަދި، އެފަދަ ބޭފުޅުން ފާސްކުރާ ކަންކަމާއި ނިންމަވާ ނިންމެވުންތަކަށް އިތުބާރެއް ނުކުރާނެއެވެ. ކޮރަޕްޓް މީހުން އެގޮތަށް ބެއިތިއްބުމަކީ މުޅި ނިޒާމަށް އާއްމު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެކެވެ. ގައުމުގެ ވެރިންނަށް އިތުބާރު ނެތް ގައުމެއްގެ މިސްރާބެއް ނޯންނާނެއެވެ.
ބޮޑެތި ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މިއަދު މިނިވަނުންނެވެ. ދައުލަތުގެ ފައިސާއަށް ބޮޑު ހިޔާނާތެއްވި ކަމަށް އަދީބު އަމިއްލަފުޅަށް އިއުތިރާފު ވެސް ވެވަޑައިގެންނެވިއެވެ. ހުކުމް ތަންފީޒު ވެސް ކުރެއްވެވިއެވެ. ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބައްލަވާނެކަމުގެ ވައުދާއެކު ރައީސްކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ, ދައުރު ނިމެން ކުޑަތަންވެފައި އޮއްވައި ކުރެއްވި ކަމަކީ އަދީބު މިނިވަންކުރެއްވުމެވެ. އަންނަ މަހުގެ ތިންވަނަ ދުވަހު ގައުމު ލޫޓުވައިފި ކަމަށް ބުނެ އެމްޑީޕީން މުޒާހަރާއަށް ނުކުންނައިރު ކަން ކޮށްފައި ހުރީ ދެރަވަރުކޮށެވެ.
ވަޅޯމަސް ތަކެއް ބަލަހައްޓަން ބުޅަލަކާ ހަވާލުކުރާކަށް ނުވާނެއެވެ. އެކަމަކު، މި ރާއްޖޭގެ ހާލަތު ހުރީ އެކަހަލަ ގޮތަކަށެވެ. ފަހަރަކު ކަމެއް, ފަހަރަކު ކަމެއް ފަޅާ އަރަމުން ގޮސް ރައްޔިތުންގެ ކުރިމަތީގައި އެތައް ވެރިންނެއް ބޭޒާރު ވެއްޖެއެވެ. އެކަމަކު، ލިބޭ އަދަބެއް, އުފުލަން ޖެހޭ ޒިންމާއެއް ނެތި އެ އުޅެނީ މިނިވަން ކަމާއެކުއެވެ. މިއީ ތަހުޒީބު ގައުމެއްގައި ކަން ވާނެ ގޮތެއް ނޫނެވެ. މިކަމަށް އެކަނި ބަލާލިޔަސް ރާއްޖޭގެ ހާލަތާ މެދު ދެރަވެއެވެ.