އައްޑޫގައި ދަންވަރު މީހަކު ޒަޚަމުކޮށްލައިފި، ދެ ތަނަކަށް ހަމަލާ ދިން

އައްޑޫ ސިޓީ ހިތަދޫ: މީހަކަށް ވަޅިން ހަމަލާ ދީ ވަނީ ޒަޚަމުކޮށްލާފައި -- ފޮޓޯ/ ޕީއެސްއެމް

އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމުކޮށްލައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ރިޕޯޓުކުރީ ރޭ ދަންވަރު 01:17 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހިތަދޫގައި 34 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އެ މީހާގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށާއި އެ މީހާއަށް އައްޑޫ އީކުއޭޓްރަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު، ހާދިސާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދޭތެރެއަކުން މި ފަދަ މާރާމާރީތަކުގައި މީހުން ޒަޚަމުކޮށްލައެވެ. އަދި، މީގެ ކުރިން މި ފަދަ ހާދިސާތަކުގައި މީހުން މަރުވެފައިވެސް ވެއެވެ.

މި ފަހުން ވަނީ ގޭންގް ކުށްތައް ހުއްޓުވަން ތަންފީޒީ އިދާރާތަކަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ބާރުގަދަ އާ ގާނޫނެއް ވެސް ފާސްކޮށް، އަމަލުކުރަން ފަށާފައެވެ.

comment ކޮމެންޓް