ލޯކަލް ޓޫރިޒަމްއަށް މަޝްހޫރު ވ. ފުލިދޫގެ ހިތްގައިމު ގޮނޑުދޮށަށް ކަޅޮތެޔޮ ލައްގައި، ހިތްގައިމު ރަށުގެ މުޅި ގޮނޑޮދޮށް 'ކަޅުވެއްޖެ'އެވެ.
ގުދުރަތީގޮތުން ރީތި އެ ރަށުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެބަތިއްބެވެ.
އެ ރަށުގައި ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު 'ސަން'އަށް މިއަދު ބުނީ، އެ ރަށުގެ ގޮނޑުދޮށަށް ކަޅުތެޔޮ ލެއްގި ސަބަބެއް ނޭނގޭ ކަމަށާއި މިއަދު ހެނދުނު ހޭލިއިރު މުޅި ރަށުގެ ހިތްގައިމު ގޮނޑުދޮށް އޮތީ މުޅިން ކަޅުކޮށްލާފައި ކަމަށެވެ.
"މިހެންވެފައި އޮތީމާ އެއްވެސް ޓޫރިސްޓަކަށް ވެސް މޫދަކަށް ނޭރެވޭނެއެއްނު،" އެ ކަމުގެ ސަބަބުން ދިމާވާ ދަތިތައް ކިޔައިދެމުން އޭނާ ބުންޏެވެ.
ރީތި ގޮނޑުދޮށެއް އޮތް އެ ރަށުގެ ހުރިހާ ދިމާއަކުން ވެސް މުޅި ގޮނޑުދޮށް އޮތީ ކަޅުތެލުން ތަޣައްޔަރުވެފައެވެ.

ވ. ފުލިދޫގެ މަތިން ނަގާފައިވާ ކުރީގެ ފޮޓޯއެއް: އެ ރަށުގެ ގޮނޑުދޮށް ވަނީ ތަޣައްޔަރުވެފައި -- ފޮޓޯ/ މޯލްޑިވްސް ވާޗުއަލް ޓުއާ
އެހެންވެ، އެ ރަށުގައި ތިބި ފަތުރުވެރިންނަށް މިއަދު މިއީ ދެރަ ދުވަހެކެވެ. ހިތްގައިމު މޫދު އިހުސާސްކޮށްލަން ނުލިބޭނެއިރު، އަތިރިމަތީގެ ރީތިކަން ވެސް އޮތީ ގެއްލިފައެވެ.
ތެޔޮތައް ނަގައި ސާފުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
އެކަމަކު، އެހާ ގިނަ ތެޔޮ އެ ރަށަށް ލެއްގި ގޮތެއް ނޭނގެއެވެ. އެ ރަށުން ވާހަކަދެއްކި މީހާ ބުނީ، ބެލެވެނީ އަލިހުރަސް ކަނޑުން އަންނަ ތެޔޮތަކެއް ކަމުގައި ކަމަށެވެ. އެކަމަކު، އެ ރަށާ ދުރުގައިވާ ޑައިވް ސައިޓްތަކަށް ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަންއަށް ދެވޭނެކަން އޭނާ ފާހަގަކުރިއެވެ.
އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން 400 އެއްހާ މީހުން އުޅޭ، ފުލިދޫއަކީ ލޯކަލް ޓޫރިޒަމްއަށް މަގުބޫލު މަންޒިލެކެވެ.