ތ. ވިލުފުށީ އެއާޕޯޓް އެޅުމުގެ މަޝްރޫއު ހިންގަން, މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް)އާ މިއަދު ހަވާލުކުރުމަށް ފަހު މިއަދު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ވިލުފުށީގައި އެއާޕޯޓް އަޅަން މިއަދު އެމްއޭސީއެލްއާ ހަވާލު ކުރުން-- ފޮޓޯ: އެމްއޭސީއެލް
އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލްއަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާ އެކުއެވެ. އެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.
ވިލުފުށީ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ވިލިފުއްޓަށް އެ މަނިކުފާނު ވީ އެންމެ މުހިއްމު ވައުދަކީ އެއަޕޯޓްގެ މަޝްރޫއު ކަމަށެވެ. އެ މަޝްރޫއު ގިނަވަގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތ. އަތޮޅުގައި މިހާރު ވެސް އަންނަނީ އެއާޕޯޓެއް ހިންގަމުންނެވެ. އެއީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެ އަތޮޅު ތިމަރަފުށީގައި ހެދި އެއާޕޯޓެކެވެ. ނަމަވެސްމ އިގުތިސާދީ ހަރަކާތްތައް މަދުކަމާއެކު އެ އެއާޕޯޓަށް އެހާ ޑިމާންޑް ބޮޑެއް ނޫނެވެ.