ސައުތެމްޓަން ކައިރިން ލިވަޕޫލަށް މޮޅުވެވުނީ ކިރިޔާ

ލިވަޕޫލަށް ލަނޑު ޖަހައިދިނުމަށްފަހު އިސާކް--

އިނގިރޭސި ލީގު ކަޕުގެ ތިންވަނަ ބުރުގައި ރޭ ސައުތެމްޓަން ކައިރިން ލިވަޕޫލް ހަނިގޮތަކަށް ބަލިނުވެ، ސަލާމަތްވެއްޖެއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލް މޮޅުވި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ވަގުތެވެ.

މި މެޗަށް ލިވަޕޫލް ނެރުނީ ގިނައިން ޒުވާން ކުޅުންތެރިންނެވެ. އާންމުކޮށް ފުރަތަމަ އެގާރައިން ފުރުސަތު ދޭ ކުޅުންތެރިން މި މެޗަށް ވަނީ އަރާމުކުރުމުގެ ފުރުސަތު ދީފައެވެ.

މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށެވެ.

މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ރިކޯޑް ފީއެއް ކަމުގައިވާ 125 މިލިއަން ޕައުންޑަށް ދާދިފަހުން ލިވަޕޫލާ ގުޅުނު އެލެކްޒެންޑަރ އިސާކެވެ. މިއީ އެ ކުލަބަށް އޭނާ ޖަހައިފިން ފުރަތަމަ ލަނޑެވެ.

ސައުތެމްޓަނުން ނަތީޖާ ހަމަހަމަކޮށްފައިވަނީ ދެވަނަ ހާފުގެ 76 ވަނަ މިނިޓުގައެވެ. މިއީ ޝެއާ ޗާލްސް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހޫގޯ އެކިޓިކޭއެވެ. މި ލަނޑަށްފަހު ދެ ކާޑު ހަމަވުމާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކާފައެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ލަނޑު ޖެހުމަށްފަހު ޓީޝާޓު ބޭލުމާއި ގުޅިގެންނެވެ.

comment ކޮމެންޓް