ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެމެރިކާގެ ނިއު ޔޯކު ސިޓީގެ ދަތުރުކުރައްވަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މޮޓޯކޭޑަށް ތަން ދިނުމަށް ހުރިހާ ވެހިކަލެއް ހުއްޓުވައި، މަގު ބަންދުކުރުމުން ޓްރަމްޕަށް ފޯނުން ގުއްޅުއްވައިފިއެވެ.
މެކްރޮން ވިދާޅުވީ، އެ މަނިކުފާނާ އެކު 10 މީހުން ތިބި ކަމަށާއި ބޭނުންފުޅު ވަނީ ފްރާންސް އެމްބަސީއަށް ދާން ކަމަށެވެ. ނަމަވެސް، ނިއު ޔޯކު ފުލުހުން ވަނީ އެތަނުން ދަތުރުނުކުރެވޭނެ ކަމަށް ބުނެފައެވެ.
"އަޅުގަނޑަށް މާފުކުރޭ ރައީސް. ވަރަށް ބޮޑަށް މާފުކުރޭ. ހަމަ މި ވަގުތު ހުރިހާ ކަމެއް ފްރީޒްކޮށްފައި އޮތީ. މި ވަގުތު މޮޓޯކޭޑެއް އަންނަނީ، އެހެންވެ،" ފުލުހުންގެ އޮފިސަރު ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިކޯޑްކުރި ވީޑިއޯއެއްގައި ފެނެއެވެ.
އެންމެ ފަހުން މެކްރޮން ވަނީ ޓްރަމްޕަށް ގުޅުއްވައި އެ ވާހަކަ ދަންނަވާފައެވެ.
"ހާލު ކިހިނެއް؟ ގެސް ވަޓް؟ އަހަރެން މި ހުރީ މަގުމަތީގައި. މަނިކުފާނަށްޓަކައި މުޅި މަގު އޮތީ ފްރީޒްކޮށްފައި،" ޓްރަމްޕަށް ފޯނުން ގުޅުއްވައި މެކްރޮން ވިދާޅުވިއެވެ.
އެ ފޯން ކޯލްގައި ފަހުން މެކްރޮން ވަނީ ޣައްޒާގެ ހާލަތާއި އަދި ގަތަރާ ގުޅޭ ގޮތުން ޓްރަމްޕާ މަޝްވަރާކުރައްވާ ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.
ފްރާންސްގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މެކްރޮންއަށް ފަހުން ވަނީ މަގު ހުރަސް ކުރުމުގެ ހުއްދަ ދީފައެވެ.
މެކްރޮން މިހާރު ނިއު ޔޯކަށް ކުރައްވާ ދަތުރުފުޅަކީ އދ ގެ 80 ވަނަ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އދ ގެ ބައްދަލުވުމުގައި ފްރާންސުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.