ރާނީގެ 'މަރުދާނީ 3'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑް ބަތަލާ ފިލްމު "މަރުދާނީ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޔަޝް ރާޖް ފިލްމްސްގެ އެންމެ މަގުބޫލު ފްރެންޗައިސް ކަމަށްވާ "މަރުދާނީ"ގެ ތިން ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފިއެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "މަރުދާނީ 3"އަކީ އަބިރާޖް މިނަވާލާ ޑައިރެކްޓްކޮށް އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.

މިހާތަނަށް މި ފިލްމުގެ ދެ ބައެއް ގެނެސްދީފައިވާއިރު ފިލްމުގައި ލީޑް ބަތަލާގެ ގޮތުގައި ދެ ފިލްމުން ވެސް ފެނިފައިވަނީ ރާނީ މުކަރުޖީއެވެ.

މި ފްރެންޗައިސްގެ ތިންވަނަ ބައިން ވެސް ބަތަލާ ރާނީ މުކަރުޖީ ފެންނާނެއިރު ތިންވަނަ ބައިގައި ވެސް ގެނެސްދޭނީ އިންޑިއާގެ ކުށުގެ ވެށީގައި ހިނގާ ހަގީގާ ކަންކަން އަސްލަކަށް ބަލައިގެން ގެނެސްދޭ ހާދިސާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "މަރުދާނީ 3"ގެ ޕޯސްޓަރު--ފޮޓޯ/އިންސްޓަގްރާމް

ދިލްމު "މަރުދާނީ"ގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދިނީ 2014 ވަނަ އަހަރެވެ. ދެވަނަ ފިލްމު އޭގެ ފަސް އަހަރު ފަހުން ރިލީޒްކުރިއިރު ދެވަނަ ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ޚާއްސަކޮށް ފިލްމުގައި ރާނީ ކުޅޭ އަންހެން ފުލުހެއްގެ ރޯލުން ބަތަލާ ދެއްކި ހުނަރަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

ބަތަލާ ރާނީ މުކަރުޖީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިންނެވެ.

އެ ފިލްމުގައި ރާނީ ކުޅުނު ރޯލްއިން ބަތަލާއަށް ވަނީ އިންޑިއާގެ މި އަހަރުގެ ނެޝަނަލް އެވޯޑު ވެސް ލިބިފައެވެ. އިއްޔެ އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ނެޝަނަލް އެވޯޑު ހަފްލާގައި ބަތަލާ ވަނީ އެވޯޑާ ހަވާލު ވެސް ވެފައެވެ.

comment ކޮމެންޓް