އިންޑިއާގެ ގައުމީ އެވޯޑާއެކު، މި ތަރިން ތާރީޚުގެ ތެރެއަށް

ވިކްރާންތު، ރާނީ އަދި ޝާހު ނެޝަނަލް އެވޯޑާ ހަވާލުވުމަށްފަހު މެޑަލް ނޫސްވެރިންނަށް ދައްކާލަނީ--ފޮޓޯ/އިންޑިއާފޯރަމްސް

އިންޑިއާގެ 71 ވަނަ ޤައުމީ ފިލްމު އެވޯޑު އިއްޔެ ނިއު ދިއްލީގެ ވިގްޔަން ބަވަންގައި ބޭއްވިއިރު މި އަހަރު ނެޝަނަލް އެވޯޑު ކާމިޔާބުކުރި ބޮލީވުޑްގެ ގިނަ ފިލްމީ ތަރިންނާއި ފަންނާނުން ވަނީ އިންޑިއާގެ ސިނަމާގެ ތާރީޚުން ޖާގަ ހޯދާފައެވެ.

އިއްޔެ ބޭއްވި ނެޝަނަލް ފިލްމު އެވޯޑު ހަފުލާގައި ޤައުމީ އެވޯޑު ކާމިޔާބުކުރި ބޮލީވުޑް ތަރިންނަކީ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީ ބެލުންތެރިންގެ ފަރާތުން މިހާތަނަށް ލިބެމުން އައި ތަރުހީބާ ލޯތްބާ އެކު ފިލްމީ ދާއިރާގައި ސާބިތުކަމާ އެކު ތިބި ހިތްވަރުގަދަ ފިލްމީ ތަރިންތަކެކެވެ.

އޭގެ ތެރޭގައި އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން ޤައުމީ އެވޯޑު ދެ އެކްޓަރުން ހޯދިއިރު އެ ދެ އެކްޓަރުންނަކީ އިތުރު ތައާރަފެއް ބޭނުންނުވާ ބޮލީވުޑްގެ ކިންގް ޚާންގެ ލަގަބު ހޯދާފައިވާ ޝާހްރުކް ޚާން އަދި ޒުވާން އެކްޓަރު ވިކްރާންތު މަސޭއެވެ.

ވިކްރާންތު، ރާނީ އަދި ޝާހުއަށް ނެޝަނަލް އެވޯޑު ލިބުނު ފިލްމުތަކުގައި ކުޅުނު ކެރެކްޓާތައް ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/އިންޑިއާފޯރަމްސް

ޝާހަށް ޤައުމީ އެވޯޑު ލިބިފައިވަނީ ފިލްމީ ދާއިރާގައި މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަތާ 33 އަހަރުވެފައިވަނިކޮށެވެ.

އެއީ، ނެޝަނަލް އެވޯޑަކަށް އިންތިޒާރުކުރާނަމަ ވަރަށް ދިގު އިންތިޒާރެއް ކަމަށާއި މިހާތަނަށް އެކަމާ ގުޅިގެން ޝާހުގެ ފަރާތުން އެއްވެސް ޝަކުވާއެއް ކޮށްފައިނުވުމަކީ ވެސް އެކްޓަރަށް ސަޕޯޓުކުރާ އެތައް ބައެއްގެ ހިތުގައި ޝާހަށް އޮތް ލޯތްބާއި ޤަދަރު އިތުރުވި ކަމެކެވެ. ކާމިޔާބު އެތައް ފިލްމެއް ސިނަމާއަށް ގެނެސްދިން އެކްޓަރަށް ނެޝަނަލް އެވޯޑު ލިބިފައިވަނީ 2023ގައި ރިލީޒްކުރި "ޖަވާން"އިންނެވެ.

ޝާހާ އެކު ދެން ނެޝަނަލް އެވޯޑު ކާމިޔާބުކުރި ޒުވާން އެކްޓަރު ވިކްރާންތު މަސޭއަކީ އޭނާ ކުޅޭ ކޮންމެ ރޯލެއް ވެސް ވަރަށް އިންސާފުވެރިކަމާ އެކު ބެލުންތެރިންނަށް ހުށަހަޅައިދޭ އެކްޓަރެއް ކަމަށާއި ވިކްރާންތުއަށް ނެޝަނަލް އެވޯޑު ލިބުނު ފިލްމު "ޓުވެލްތު ފެއިލް"އިން އެކަން އޭނާ ސާބިތުކޮށްދީފައިވާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

މި ދެ ތަރިންނާ އެކު އެންމެ މޮޅު ބަތަލާގެ ކެޓެގަރީން އެވޯޑު ހާސިލުކޮށްފައިވަނީ ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީއެވެ. ރާނީއާއި ޝާހަށް ނެޝަނަލް އެވޯޑު ލިބޭކަން އިއުލާނުކުރި ދުވަހުން ފެށިގެން މި ތަރިން ނެޝަނަލް އެވޯޑާ ހަވާލުވާ މަންޒަރު ލޮލުން ދެކިލުމަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ.

ރާނީއާއި ޝާހަކީ އެކީގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ދެ އެކްޓަރުންގެ އިތުރުން ވަރަށް ގާތް ދެ ރަހުމަތްތެރިން ވެސް މެއެވެ. އެހެންކަމުން، ރާނީއާއި ޝާހަށް އެކީގައި ނެޝަނަލް އެވޯޑު ލިބުންވީ ދެ ތަރިންގެ ސަޕޯޓަރުންނަށް އިތުރު އުފަލެއް އިހުސާސްކުރުވި ޚަބަރަކަށެވެ.

ބަތަލާ ރާނީއަށް އެންމެ މޮޅު ބަތަލާގެ ކެޓެގަރީއިން ނެޝަނަލް އެވޯޑު ލިބިފައިވަނީ، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ"އިންނެވެ. އެ ފިލްމު ރިލީޒްކުރުމާ އެކު ފިލްމުގައި ރާނީ ކުޅުނު ކެރެކްޓާގެ ފުރިހަމަކަމުން ބަތަލާއަށް ނެޝަނަލް އެވޯޑު ހައްގުކަމަށް ވަރަށް ގިނަ ބަޔަކު އޭރު ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް