ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހާ އެއްކޮށް، ށ. ފޭދޫގެ މިސްކިތްތަކުގެ ހުސްވާ މަގާމުތަކަށް މީހުން ނުނެގި، މިސްކިތްތައް ނުބެލެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށްބުނެ، އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަށްސަތޭކައެއްހާ މީހުން ދިރިއުޅޭ ފޭދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ގާނުނަށް ގެނައި އިސްލާހުގައި، ކައުންސިލްގެ ދައުރު ހަމަވާން އެއް އަހަރަށް ވެފައިވާނަމަ ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ އިސްލާހުގެ ދަށުން މުވައްޒަފުން ނެގެނީ ގާނޫނު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި މާލީ ވުޒާރާއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އެކަމަކު، 30 ދުވަސްވީއިރު ވެސް އެ އުސޫލު ފާސްކޮށް ކައުންސިލްތަކަށް ފޮނުވާފައި ނެތް ކަމަށް ފޭދޫ ކައުންސިލުން ބުނެއެވެ.
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ އަހަރަށް ހަމަވާއިރު، އެ އިސްލާހާއެކު، ކައުންސިލުން ފޯރުކޮށްދޭ ރަށްވެހިކަމުގެ ޚިދުމަތްތަކުގެ ތެރެއިން މިސްކިތްތައް ބެލެހެއްޓުމާއި ކުނި މެނޭޖުކުރުމަށް ބޭނުންވާ މުވައްޒަފުން ނެގެމަށް ހުރަސްއެޅިފައިވާ ކަމަށް ފޭދޫ ކައުންސިލުން ބުންޏެވެ.
މިސްކިތްތައް ބެލެހެއްޓުމަށް ކައުންސިލްތަކުގެ މައްޗަށް ލާޒިމު ކުރާއިރު، އެރަށު މިސްކިތްތަކުގެ ހުސްވާ މަގާމުތަކަށް މީހުން ނުނެގި، އެތަންތަން ނުބެލެއްޓޭ ހިސާބަށް ގޮސްފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ. އޭގެއިތުރަށް، ރަށުގެ ކުނި މެނޭޖުކުރުމަށް ފަށާފައިވާ މަސައްކަތުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނުނެގި، ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ފޭދޫ ކައުންސިލުން ވަނީ ބުނެފައެވެ.
އެހެންކަމުން ރައްޔިތުންނަށް ކައުންސިލުންދޭ އަސާސީ ޚިދުމަތްތައް ހުއްޓިދާނެ ކަމުގެ ބިރު އޮތުމުން ކައުންސިލްތަކަށް މުވައްޒަފުން ނެގުމަށް ބޭނުންވާ އުސޫލު ފާސްކޮށް، ވީހާވެސް އަވަހަކަށް ގެޒެޓުކޮށްދިނުމަށް ދިވެހި ސަރުކާރަށް ހަރުއަޑުން ގޮވާލަންފޭދޫ ކައުންސިލް
މި ސަރުކާރުން ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކޮށްފައެވެ.
އެތައް ކައުންސިލްތަކަކުން ތަސްދީގުނުކުރަން ގޮވާލަނިކޮށް، މިދިޔަ މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، އެގާނޫނަށް 18 ވަނަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.