ފުލުހުންނާއި ސިފައިންނަށް 3 ބިލިއަން ޚަރަދުކޮށްފި، ފުލުހުންނަށް ކުރި ޚަރަދު ހަ ޕަސެންޓު އިތުރު

ސިފައިންނާއި ފުލުހުން: ފުލުހުންނާއި ސިފައިންނަށް 3 ބިލިއަން ޚަރަދުކޮށްފައިވާއިރު، ފުލުހުންނަށް ކުރި ޚަރަދު ވަނީ ހަ ޕަސެންޓު އިތުރުވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދައުލަތުން މި އަހަރު ފުލުހުންނާއި ސިފައިންނަށް ކުރި ޚަރަދު ތިން ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، ފުލުހުންނަށް ކުރި ޚަރަދު މިދިޔަ އަހަރަށް ވުރެ ހަ ޕަސެންޓު އިތުރު ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

މި އަހަރަށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން ފުލުހުންގެ ޚިދުމަތަށް ޖުމްލަ 2.7 ބިލިއަން ރުފިޔާ ކަނޑައެޅިއިރު، އެމްއެންޑީއެފަށް ދީފައިވަނީ 2.1 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފުލުހުންނަށް ވަނީ 1.67 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި އަދަދުގެ 62 ޕަސެންޓް ކަމަށްވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ މުއައްސަސާއަށް ޚަރަދުކުރީ 1.57 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، މި އަހަރުގެ ހޭދަ ވަނީ ހަ ޕަސެންޓް އިތުރުވެފައެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، މިމަހުގެ 18އާ ހަމައަށް ސިފައިންނަށް ވަނީ 1.41 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި އަދަދުގެ 65.7 ޕަސެންޓް ކަމަށްވާއިރު، އެއީ މިދިޔަ އަހަރާ އަޅައިބަލާއިރު 21.6 ޕަސެންޓުގެ ދަށްވުމެކެވެ.

ސިފައިންނާއި ފުލުހުންނަށް ކުރި ޖުމްލަ ޚަރަދު ތިން ބިލިއަނަށް އަރައިފައިވާއިރު، އެ މުއައްސަސާތަކަށް ކުރިއަށް އޮތް ތިން މަހު ބަޖެޓުގެ ތެރެއިން ހޭދަކުރަން 1.76 ބިލިއަން ރުފިޔާ އޮންނާނެއެވެ.

ފުލުހުން: ފުލުހުންނާއި ސިފައިންނަށް ޖުމްލަ ތިން ބިލިއަން ވަނީ ޚަރަދުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ އުފުލާ މި ދެ މުއައްސަސާއަށް ކުރާ ޚަރަދުތަކުގެ ތެރެއިން، ސިފައިންނާއި ފުލުހުންނާއި އެ މީހުންގެ އާއިލާތަކުގެ ބޭސްފަރުވާއަށް ލިމިޓެއް ނެތް ސްކީމެއް އޮތުމަކީ މާލީ ތަޖުރިބާކާރުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އެކަމާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ވެސް މިދިޔަ އަހަރު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން މިދިޔަ އަހަރު ހެދި، 2023ގެ ބަޖެޓު ރިވިއުގައި ވަނީ، ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންނަށް ޚަރަދު ކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވާކަން ފާހަގަކޮށްފައެވެ.

އެ ރިޕޯޓުގައިވާ ގޮތުން، ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި 2023ވަނަ އަހަރު ބަޖެޓުކޮށްފައި އޮތީ 170 މިލިއަން ރުފިޔާއެވެ. ބަޖެޓު ޕޮޒިޝަން ރިވިއުގައިވާ ގޮތުން 2023ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ނިޔަލަށް އެ ބަޖެޓުވަނީ އެއްކޮށް ޚަރަދުކޮށްފައެވެ.

https://sun.mv/210236

އާސަންދައިން ވެސް ހިލޭ ބޭސްފަރުވާކުރެވޭއިރު، ފުލުހުންނާއި ސިފައިންނަށް ހިލޭ ބޭސް ފަރުވާ ކުރެވޭ އިތުރު ސްކީމެއް އޮތުމުން ބަޖެޓަށް ބުރައަކަށްވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެހެންވެ، އެ ނިޒާމު އިސްލާހު ކުރުމަށް ވެސް މީގެ ކުރިން މަސައްކަތްތަކެއް ރާވައިފައިވެއެވެ. ނަމަވެސް އިސްލާހުތައް ނުގެނެވި, ސިފައިންނާއި ފުލުހުންނަށާއި އެ މީހުންގެ އާއިލާތަކަށް ބޭސް ފަރުވާގެ ޚިދުމަތް ދިނުމަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި 700 މިލިއަނަށް ވުރެން ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާކަން ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް