އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ސްޕާ މަންޒިލްގެ މަގާމު 10ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، މިއީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ވެލްނަސް އަދި ސްޕާ މަންޒިލެއްގެ ގޮތުގައި ރާއްޖޭން ފައިތިލަ ސާބިތުކޮށްފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
މި އަހަރުގެ އެވޯޑުގައި ރާއްޖެއަށް ލިބުނު ސަރަހައްދީ ޝަރަފުގެ އިތުރުން، ރާއްޖޭގެ ބައެއް ރިސޯޓުތަކަށްވެސް އެކި ކެޓަގަރީތަކުން އެވޯޑުތައް ލިބިފައިވެއެވެ. އެގޮތުން އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ރީޓްރީޓް މަންޒިލްގެ އެވޯޑު ޖޯލި ބީއިން ރިސޯޓުން ހޯދިއިރު، އިންޑިއާ ކަނޑުގެ މިއަހަރުގެ އެންމެ މަގުބޫލު ސްޕާ ރިސޯޓަކީ ވަލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި ރިސޯޓެވެ.
ފާހަގަކުރެވޭ ގޮތުގައި ޖޯލި ބީއިން ބޮޑުފުށި ރިސޯޓުން ވަނީ 2022ވަނަ އަހަރުން ފެށިގެން އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ރީޓްރީޓް މަންޒިލްގެ އެވޯޑު ދަމަހައްޓައިފައެވެ. އަދި އިންޑިއާ ކަނޑުގެ މިއަހަރުގެ އެންމެ މަގުބޫލު ސްޕާ ރިސޯޓު ކަމަށްވާ ވަލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށިން މިދިޔަ އަހަރުވެސް މި އެވޯޑު ހާސިލްކުރިއެވެ.
ރާއްޖެއަށް އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ސްޕާ މަންޒިލްގެ މަގާމު ގެއްލުނީ 2023ވަނަ އަހަރެވެ. އެ އަހަރު އެ އެވޯޑު ލިބުނީ ސީޝެލްސްއަށެވެ. ނަމަވެސް އެހެން ކޮންމެ އަހަރަކުވެސް ރާއްޖޭން އައީ އިންޑިއާ ކަނޑުގެ އެންމެ މަގުބޫލު ސްޕާ މަންޒިލްގެ މަގާމު ދަމަހައްޓަމުންނެވެ. މީގެ އިތުރުން 2016ވަނަ އަހަރާއި 2018ވަނަ އަހަރު ރާއްޖޭން ވަނީ، ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑެސްޓިނޭޝަންގެ އެވޯޑުވެސް ހާސިލްކޮށްފައެވެ.
ދުނިޔޭގެ ސްޕާ އެވޯޑުގައި ރާއްޖޭގެ ރިސޯޓުތަކަށް ލިބުނު، ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް:
- ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑިޒައިން (2017) - ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު (އިރީޑިއަމް ސްޕާ)
- ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޓްރީޓްމަންޓް (2018) - ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު (އިރީޑިއަމް ސްޕާ)، ކެވިއާ ޖާނީ
- ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓު ސްޕާ (2018) - ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓު (އިރީޑިއަމް ސްޕާ)
- ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑިޒައިން (2022) - ޖޯލި ބީއިން ބޮޑުފުށި
- ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓު ސްޕާ (2022) - ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް
- ދުނިޔޭގެ އެންމެ މަގްބޫލް ޕްރައިވެޓް އައިލެންޑް ސްޕާ (2021، 2022، 2023) - ވަލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި