ދިވެހީންގެ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމް ދީން: ސިޔާމް

އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހީންގެ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާމް ވަނީ، ރާއްޖެ އިސްލާމްވީ ދުވަހުގެ އުފާވެރި މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި އެމްޑީއޭގެ ހުރިހާ މެންބަރުންނަށް ހޫނު ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރައްވައިފައެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދިވެހީންނަށް މިންވަރުކުރެއްވި ކަމަށް ޓަކައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވައިފައެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައި ސިޔާމް ދެއްވި ޚިޠާބުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަކީ ދިވެހީންނަށް ލިބުނު އެންމެ ފުރިހަމަ އަދި އެންމެ އަގުހުރި ނިއުމަތް ކަމަށެވެ. އަދި މި ނިއުމަތް ގެނެސްދެއްވުމުގައި މެދުވެރިންގެ ގޮތުގައި މިންވަރުކުރެއްވި ހުރިހާ ފަރާތްތަކުގެ ޒިކުރާ އާކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

"އެހެންކަމުން ދިވެހިރާއްޖެ އިސްލާމް ކުރެއްވުމުގައި މެދުވެރިއަކަށްވި މަޣްރިބުކަރައިގެ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީއާއި، އޭރުގެ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރަސްގެފާނު އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ." ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އިސްލާމްދީނުގެ މަތިވެރި ނިއުމަތަކީ، ދިވެހީންގެ ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން ކަމަށެވެ. އަދި ދިވެހީން މިދެކޭ މިނިވަންކަމާއި އެއްބައިވަންތަކަމުގެ އަސާސަކީ ވެސް އިސްލާމް ދީން ކަމަށް ވިދާޅުވިއެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ ނޫރުން ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުންގެ ހިތްތަކަށް އަލިކަން ގެނެސްދީ، އެ ނޫރުގެ އުޖާލާ އަލިކަމުން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، އެއްބައިވަންތަކަން ވަނީ ހޯދައިދީފައެވެ." ސިޔާމް ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވީއްސުރެ ދިވެހި ކާބަފައިން ވަނީ، މި ދީނުގެ ފަރުޟުތަކަށް ރައްކާތެރިވެ، ދީނުގެ މަތިވެރި ޝިއާރުތައް ނަގަހައްޓައި ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކޮށް، ޖާނާއި މާލުން ގުރުބާންވެފައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކަން ހަނދާންކުރުންމަތީ ދެމިތިބުމަށް ސިޔާމް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އަދި ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އެބައިމީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، ފަލަސްތީނުގެ މިނިވަން ދައުލަތެއް ވީހާވެސް އަވަހަކަށް ގާއިމުކޮށްދިނުމަށް ބައިނަލްއަގުވާމީ އެންމެހާ އިދާރާތަކާއި ހުރިހާ އިސްލާމީ ގައުމުތަކަށް ސިޔާމް ގޮވައިލެއްވިއެވެ.

ޚިތާބު ނިންމަވައިލައްވަމުން އެ މަނިކުފާނު ވަނީ، ދިވެހީންނަކީ ތާއަބަދަށް ސައްތައިން ސައްތަ މުސްލިމުން ކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވައިފައެވެ. އަދި އިސްލާމްދީނާ ދެކޮޅު އެންމެހައި އަދާވާތްތެރިން ބަލިކުރައްވައި، އަބަދުވެސް ހައްގަށް ނަސްރު މިންވަރުކުރެއްވުމަށް އެދި ދުޢާ ދެންނެވިއެވެ.

ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153ވަނަ އަހަރެވެ.

އެހެންވެ، ރާއްޖޭގައި ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ.


comment ކޮމެންޓް