އޭޝިއަން ކަޕް ކޮލިފައިންގައި ދުނިޔޭގެ ރޭންކިން 56 ވަނައިގައި އޮތް މިޔަންމާ އަތުން ބަލިވެ, މުބާރާތުން ކެޓިނަމަވެސް މިފަހަރުގެ ކޮލިފައިންގައި ޓީމުގެ ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ބުނެފިއެވެ.
ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި 7-3 އިން މިޔަންމާ އަތުން ބަލިވި މެޗަށްފަހު ވާހަކަދައްކަމުން ސައްޓު ވަނީ ކޮލިފައިންގައި އުންމީދުކުރި ވަރުގެ ކުޅުމެއް ނުދެއްކޭކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ ފުޓްސަލްގެ ހާލަތު އޮތްގޮތްވެސް ކިޔައިދިނެވެ.
ރާއްޖޭގެ ކުޅުންތެރިންނަށް އިންޑޯގައި ފުޓްސަލް ކުޅޭނެ ވަސީލަތްތަކެއް ރާއްޖޭގައި ނެތްކަން ފާހަގަކޮށް ސައްޓު ބުނީ ރާއްޖެ ޓީމުން މުބާރާތާ ކުރިމަތިލީވެސް އިންޑޯގައި ފަރިތަނުކޮށް ކަަމަށެވެ. އަދި އެއީ މުޅި ކޮލިފައިންގައި ވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށް ބުންޏެވެ.
އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި އުންމީދުކުރި ވަރުގެ ކުޅުމެއް ނުދެއްކުނު ކަމަށާއި، އެހެންނަމަވެސް މިޔަންމާ އާ ދެކޮޅަށް ނިކުތް މެޗުން ހޯދުނު ނަތީޖާއާއި މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
ކޮލިފައިންގައި އެންމެ ފުރަތަމަ ރާއްޖެ ނިކުތީ ދުނިޔޭގެ ރޭންކިންގެ 33 ވަނަގައި އޮތް އަފްޣާނިސްތާނާއި ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 1-10 ގެ ބޮޑު ތަފާތަކުންނެވެ. އެ މެޗުގެ ތަޖުރިބާއަށްފަހު ދެވަނަ މެޗުގައި ކުޅުންތެރިން ވަނީ ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށް ޓީމުގެ ކޯޑިނޭޝަންވެސް ރަނގަޅު ކޮށްފައެވެ.
ސައްޓު ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރުއަދާކުރާ ކަމަށެވެ.
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެފަހުން މި ކޮލިފައިންގައި ވާދަކުރީ 2023 ގައެވެ. އެފަހަރު ރާއްޖެ ވަނީ ދުނިޔޭގެ ފުޓްސަލްގެ ގަދަބާރު އީރާން އަތުން 18-2 އިން ބަލިވެފައެވެ. އަދި ލުބުނާން އަތުން 6-1 އިން ބަލިވިއިރު، ކިރްގިސްތާނު އަތުން 8-3 އިން ބަލިވެފައެވެ.
ފުޓްސަލް ކުޅޭނެ އެކަށީގެންވާ ތަނެއް ރާއްޖޭގައި ނެތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ފުޓްސަލް ކުޅެނީ އިންޑޯގައެވެ. ނަމަވެސް ރާއްޖޭގައި ކުޅެނީ އިންޑޯއަށްވުރެ ހާސްބައި ތަފާތު އާޓިފިޝަލް ޓާފުގައެވެ. ސަރުކާރުން އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއް އަޅަން ނިންމި ނަމަވެސް އެތަނުގެ މަސައްކަތެއް އަދިވެސް ފެށޭގޮތެއް ނުވެއެވެ.