ދަންވަރު މަޖީދީމަގުން ހިނގާފައި ދިޔަ އަންހެނަކު ކުރިމައްޗަށް އެރުމުން އެ މީހާ ގައިގައި ޖެހި ފިރިހެނެއްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްޔެ ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
މިއީ، މި އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 12:20 އެހާކަންހާއިރު، މަޖީދީމަގު ރެޑްވޭވް ޕްލާޒާ ކައިރިން ޕޭމަންޓް މަތިން ހިނގާފައިދިޔަ އަންހެނެއްގެ ގައިގައި، ހ. ހަތްކޮޅު މުހައްމަދު ޝާފީ ޖެހި މައްސަލައެވެ. މި މައްސަލައިގައި ޝާފީގެ މައްޗަށް ދައުލަތުންވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގެ ޝަރިއަތުގައި ޝާފީވަނީ އޭނާ އަންހެނެއްގެ ގައިގައި ގަސްދުގައި ޖެހި ކަމަށް އިންކާރުކޮށްފައެވެ.
އޭނާ ކޯޓުގައި ބުނީ، އޭނާ ހިނގާފައިދަނިކޮށް، އޭނާގެ ކުރިމައްޗަށް އެ އަންހެން މީހާ އެރުމުން އައި ރުޅީގައި ޖެހުނީ ކަމަށެވެ. ރުޅި އައިސްގެން އެ ވަގުތު އެކަން ކުރެވުނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ޝާފީ، އެ އަންހެން މީހާގެ ގައިގައި ޖެހުމުން އެ މީހާ ބިންމައްޗަށް ވެއްޓި ކޮންމެ ވެސް ވަރަކަށް އަނިޔާވިއެވެ. އެ އަންހެން މީހާގެ ކަކުލަށް އަނިޔާވެފައިވާކަން ޝަރިއަތަށް ހުށަހެޅި މެޑިކަލް ރިޕޯޓުން އެނގޭކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޕޯޓުން އެނގޭ ގޮތުގައި ޝާފީ ޖެހީ ފައިންނެވެ.
މި މައްސަލައިގައި ޝަރިއަތުންވަނީ ޝާފީގެ މައްޗަށް އޮތް ހުކުމް ބޮޑުކޮށްފައެވެ. މައްސަލަ ބެއްލެވި ގާޒީ ފާހަގަކުރައްވާފައިވާ ގޮތުގައި ޝާފީވަނީ މަގުމަތީގައި ހިނގާފައިދިޔަ މީހެއްގެ ގައިގައި އެއްވެސް ފަރުވާލެއް ނެތި ޖަހައިފައެވެ. އަދި، އިންސާނިއްޔަތު ކަމެއް ނެތް މި އަމަލާމެދު ޝާފީ އެއްވެސް ވަރަކަށް ހިތާމަނުކުރާކަން ފާހަގަކޮށް ގާޒީވަނީ އޭނާގެ އަދަބު ހަތަރު ދަރަޖަ މަތިކޮށްފައެވެ.
ހަތަރު ދަރަޖަ މަތިކޮށް، ޝާފީގެ މައްޗަށް ހޯމަ ދުވަހު އިއްވި ހުކުމަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެކަމަކު، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޝާފީ ބަންދުކޮށްފައިވާ ދުވަސްތައް އުނިކުރުމުން، ދެން ތަންފީޒުކުރަން ޖެހޭނީ ދެ މަހާއި 22 ދުވަހުގެ ޖަލު ހުކުމެކެވެ.