މ. ރަތްމަންދޫގެ ގިނަ ރައްޔިތުންގެ ރޫހު ހުރީ މާލެ ސަރަހައްދަށް ބަދަލުވާ ގޮތަށް ކަމަށާއި، އަތޮޅުތެރޭގެ ރަށަކަށް ބަދަލުވުމުގެ ވިސްނުމެއް ނެތީ އެ ރަށުގެ ގިނަ ރައްޔިތުންތަކެއް މާލެ ސަރަހައްދުގައި ދިރިއުޅޭތީ އާއިލާތައް އެކުވުމަށް ބޭނުންވާތީ ކަމަށް ރަތްމަންދޫ ކައުންސިލުން މިއަދު ބުނެފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ރަތްމަންދޫން ފުރާވަޑައިގަތުމުގެ ކުރިން އެ ރަށުގެ ބައެއް މީހުން ވަނީ ރައީސް ވަށާލައި، އެ މަނިކުފާނާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން، އެހެން ރަށަކަށް އެ މީހުން ބަދަލުކޮށްދިނުމަށް ރަތްމަންދޫ މީހުން ވަނީ ރައީސް އަރިހު އެދިފައެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަމުން، މި ވަގުތު 243 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަތްމަންދޫ ކައުންސިލްގެ މެންބަރު މުހައްމަދު މިހާދު ވިދާޅުވީ، އެ ރަށުގެ ބޮޑު އާބާދީއެއް ބޭނުންވަނީ މާލެ ސަރަހައްދަށް ބަދަލުވާން ކަމަށާއި ރަށް ދޫކޮޮށްފައި ދާން ބޭނުންނުވަނީ 20 ޕަސެންޓު މީހުން ކަމަށެވެ.
"ޕެޓިޝަނުގައި ސޮއިކުރި 114 މީހެއް، ދެން އެ ޕެޓިޝަންގައި ނުހިމެނޭނެ ކައުންސިލްގެ ފަސް މެންބަރުންނެއް، މުސްކުޅިވެ ބަލިހާލަތު ހުރި ގޮތުން ސޮއިނުކުރެވުނު އެތައް ބަޔަކު ވާނެ. ހަމައެއާއެކު ބައެއް ވަޒީފާތަކުގަ އުޅޭތީވެ ޕެޓިޝަންގައި ސޮއިކުރަން އުޒުރުވެރިވި ފަރާތްތަކެއް ވެސް ވާނެ،" މިހާދު ވިދާޅުވިއެވެ.
"އެހެންވީމާ އަސްލު އެ އެންމެންގެ ސޮޔާ އެއްކޮށް އައިސްފިނަމަ ޕެޓިޝަނަށް 75 ޕަސެންޓު ސޮއި ލިބޭނެ،"
އޭނާ ވިދާޅުވީ، ރަށު ރައްޔިތުން ތައްޔާރުކުރި ޕެޓިޝަނަކަށްވާތީ ފަސް ކައުންސިލަރުން ވެސް ސޮއިނުކުރީ ކަމަށާއި، އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ބައެއް މީހުން ލައްވާ ސޮއިނުކުރުވީ އަމިއްލަ އަތުން ސޮއިކުރުމުގެ ބާރު ބައެއް މީހުންގެ އަތުގައި ނެތުމުން ކަމަށެވެ. އެހެންވިޔަސް އެ މީހުން ދިރިއުޅޭ ގޭބިސީގެ އެންމެން ވެސް ތިބީ މާލެއަށް ބަދަލުވާ ގޮތަށްކަން މިހާދު ފާހަގަކުރެއްވިއެވެ.
މި ވަގުތު 87 މީހުން ދިރިއުޅޭ ރަތްމަންދޫގެ ރައްޔިތުން އަތޮޅުތެރޭގެ ރަށަކަށް ބަދަލުވާން ބޭނުންނުވަނީ ކީއްވެތޯ ސުވާލުކުރުމުން މިހާދު ވިދާޅުވީ، އެ ރަށުގެ ގިނަ މީހުން މިހާރު ދިރިއުޅެމުން އަންނަނީ މާލެ ސަރަހައްދުގައި ކަމަށްވުމުން، އެ ރަށު އެންމެންގެ އާއިލާތައް އެކުވެ، ރަށު ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދަން ބޭނުންވަނީ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ އާއިލާތަކެއް[ގެ] މީހުން ވިއްސި ވިހާލެވިގެން ގޮސްފައި މި އޮތީ، ޚާއްސަކޮށް މާލެ ސަރަހައްދުގެ އެކި ހިސާބުތަކުގަ ގިނަ އާއިލާތަކެއް ވަޒަންވެރިވެގެން މި އުޅެނީ. އެހެންވީމާ އެންމެން އެކުވެވެން އޮތް ގޮތަކީ މާލެ ސަރަހައްދު ކަމަށްވެފައި ފުރުސަތުތަކަކަށް އެދޭއިރު އެދެންވާނީ އެންމެ ރަނގަޅު ފުރުސަތުތަކަކަށް ކަމަށް އެދޭތީ އަޅުގަނޑުމެން މާލެ ސަރަހައްދުގެ ވާހަކަ މި ދައްކަނީ،" އޭނާ ވިދާޅުވިއެވެ.
މިހާދު ވިދާޅުވީ، ރަތްމަންދޫ ރައްޔިތުން މިހާރު ދިރިއުޅެމުން އަންނަ ގޯއްޗަކަށް ގޯއްޗެއް ދެއްވާނެ ކަމަށާއި ގޯތި ނެތް ފަރާތްތަކަށް ގޯތި ހަމަޖައްސައިދެއްވާނެ ކަމަށް އިއްޔެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވި ކަމަށެވެ. އަދި، ގެދޮރު އަޅަން ފަށާތާ އަހަރެއް ތެރޭ ބަދަލުވެވޭނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މިހާދު ވިދާޅުވިއެވެ.
ރަށުގެ ހާލަތު ދަށް، މާލެ ދާން ވެސް ފުރަތަމަ ދާންޖެހެނީ ދިއްގަރަށް
އެއާއެކު ވެސް، މިހާދުގެ އެއް ކަންބޮޑުވުމަކަށްވީ ރަތްމަންދޫގެ ތައުލީމީ ހާލަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެލްކޭޖީގައި ކިޔަވާ ކުއްޖަކާއެކު ޖުމުލަ ހަތް ދަރިވަރުން އެ ރަށުގައި ތިބިއިރު، ދިވެހި އިސްލާމް ފިޔަވައި ވޭތުވެދިޔަ ފަސް އަހަރު އެހެން އެއްވެސް މާއްދާއެއް އެ ރަށު ސްކޫލުގައި ކިޔަވައިދީފައެއް ނުވެއެވެ.
މިހާދު ވިދާޅުވީ، ރަތްމަންދޫގައި ސެޓެލައިޓް ސްކޫލު ފެށީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ދިވެހި އިސްލާމް ނޫން އެއްވެސް މާއްދާއެއް އެދެވޭ ގޮތެއްގައި ކިޔަވައިނުދެވުމުގެ ނަތީޖާއެއްގެ ގޮތުން، އެ ރަށުގެ ދަރިވަރުންތަކެއްގެ ތައުލީމީ ހަޔާތުން ބައިވަރު ދުވަސްތަކެއް ގެއްލިގެން ހިނގައްޖެ ކަމަށެވެ.
"ދެން އޭރުގައި ކޮންމެ ވެސް ވަރަކަށް ހުކުރު ނުވަތަ ހޮނިހިރު ދުވަހު ކައިރި ކޮންމެ ވެސް ރަށަކުން ޓީޗަރުން އައިސްގެން އެ މާއްދާތައް ކިޔަވައިދިން،" އޭނާ ވިދާޅުވިއެވެ.
އެ ރަށު ފެނަކައިގެ އޮފީސް ބައިގައި ވެސް މަސައްކަތްކުރަނީ އެންމެ މުވައްޒަފެއް ކަމަށާއި ރަށުގެ މެޖިސްޓްރޭޓް ކޯޓުގައި ތިބީ ދެ ވޮޗަރުން އެކަނި ކަމަށް މިހާދު ކިޔައިދެއްވިއެވެ، އަދި، ރަތްމަންދޫން މާލެ އަންނަ މީހުން ދިއްގަރަށް ދާން ޖެހޭއިރު، މުޅި ދަތުރަށް 1،250 ރުފިޔާ ޚަރަދުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، ރަތްމަންދޫގައި ތަރައްގީކުރި ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގައި ކުޅޭނެ އެކަކު ވެސް ނެތް ކަމަށް ވިދާޅުވެ، ސަރުކާރުތަކުން އާބާދީގެ ގޮތުން ކުދި ރަށްރަށަށް ކުރަނީ ބޭކާރު ޚަރަދުތަކެއް ކަމުގައި މިހާދު ވިދާޅުވިއެވެ.
"އަސްލަކީ ދިވެހިރާއްޖޭގަ އެންމެ ދަތިކޮށް މީހުން ދިރިއުޅޭ އެއް ރަށް މިއީ،" މިހާދު ވިދާޅުވިއެވެ.