"ރައާބިލް... އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން. ގަދަ ނުހަދާ އަހަރެމެންނާ އެކު ހިނގާ... އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެންމެ ގާތް އެކުވެެރިޔާއަށް ގެއްލުމެއް ލިބޭކަށް." ނަމީރުގެ އަޑުން ހިތާމައިގެ އަސަރު ފާޅުވި ނަމަވެސް އެކަން ދެނެގަންނަން ރައާބިލް ނުކުޅެދުނެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ޖަޒުބާތީ ވެފައެވެ. ރައާބިލްއަށް ހުރިހާ ކަމެއްގެ ޒިންމާ އެޅުވުނީ ނަމީރުގެ ބޮލުގައެވެ. އެކަމުގެ ސަބަބުން، އޭނާގެ ރުޅިގަނޑު އިތުރަށް ހިލުން ނޫންކަމެއް ނުވިއެވެ.
ހަރުކަށިކަމާއެކު ރައާބިލް ނަމީރުގެ އަތް ފޮޅުވައިލިއެވެ.
"އަހަރެން ނޫޅެން ކަލޭމެންނާއެކު ދާކަށް." ރައާބިލް ބުންޏެވެ. "ތީ އަނިޔާވެރިންތަކެއް…."
"ރައާބިލް! ހެޔޮ ނުވާނެ... އަހަރެންގެ ބަސް ޤަބޫލުކުރޭ... އަހަރެން ކަލޭއަށް ހެޔޮ އެދޭތީ މިބުނަނީ… އެހެން ނޫނީ..." ނަމީރަށް ބުނެވުނީ އެހާވަރަށެވެ. އޭނާގެ ވާހަކަ މެދު ކެނޑުނީ އިންޖާބުގެ އަޑާއެކުގައެވެ.
"އޭނަ ހައްޔަރުކުރޭ..." ސިފައިންނަށް އަމުރު ކޮށްލުމާއެކު، އެމީހުން އައިސް ރައާބިލްގެ ދެފަރާތުން އޭނަ ހައްޔަރުކޮށްލިއެވެ. އޭރުވެސް ދަރިފުޅު އޮތީ ރައާބިލްގެ އަތުގައެވެ.އިންޖާބު ނަމީރަށް ބަލައިލަމުން ދެން އަމުރު ކުރީ އެ ދަރިފުޅު ނެގުމަށްފަހު، ސަމްރާއާ ހަވާލުކުރުމަށެވެ. ނަމީރު ރައާބިލްއަށް އަވަސް ނަޒަރެއް ދީފައި މިފަހަރުވެސް އިންޖާބުގެ އަމުރަށް ކިޔަމަންވިއެވެ. އޭނަ އަތް ދިއްކޮށްލީ ރައާބިލް ރުހުމުގައި ދަރިފުޅު ދޭތޯއެވެ. އެހެންނަމަވެސް ރައާބިލް އިތުރަށް ދަރިފުޅު މެެއާލާ ބޮނޑިކޮށްލީއެވެ. އިތުރު ގޮތެއް ނެތުމުން ނަމީރުވެސް ގަދަކަމުން ރައާބިލްގެ އަތުގައި އޮތް ދަރިފުޅު އަތުލީއެވެ. ސިފައިން ރައާބިލް ގޮވައިގެން ދުރަށް ޖެހިލިއިރު، ރައާބިލް ދިޔައީ އެމީހުންގެ އަތުރެރެއިން ސަލާމަތްވާންވެގެން ގަދަ ހަދަމުންނެވެ.
"ސަމްރާ... އަހަރެމެންގެ ދަރިފުޅު... ދޫކުރޭ... ހަމަ މިހާރު ދޫކުރޭ..." ރައާބިލް ހަޅޭއްލަވަމުން ދިޔައެވެ. ލޯ ކުރިމަތީގައި ނިއުޅެމުން ދިޔަ މަންޒަރުތަކުން ވާފިރުމެންނަށް، ވެސް ތިބެވުނީއެވެ. އިތުރަށް ކުރެވޭނެ ކަމެއް ނެތްކަން އެނގޭޙާލު ދުޢާ ކުރެވުނީ އަމިއްލަ ނަފްސުގެ ސަލާމަތަށް އެދިގެންނެވެ.ސަމްރާގެ ދެލޮލުންވެސް ހޯސްލާފައި ކަރުނަތައް އަންނަމުން ދިޔައެވެ.
ނަމީރު ރައާބިލްގެ ދަރިފުޅަށް ބަލައިލިއެވެ. އޭނަގެ ހިތަށް ވެސް ކުލުނާއި ޙަމްދަރުދީގެ އަސަރުތައް ވެރިވިއެވެ. އެހާ ކުޑައިރު އެ ދަރިފުޅު ބައްޕައެއްގެ ލޯބިން މަޙުރޫމް ކޮށްލުމަށް އެވަގުތު އޭނާގެ ނަފްސު ދެކޮޅު ހެދި ނަމަވެސް، ނަމީރު އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން އެ އަސަރުތައް ފޮރުވައިލިއެވެ. އަދި ގޮސް ސަމްރާގެ ގާތުގައި މަޑުކޮށްލިއެވެ. ސަމްރާ ނަމީރަށް ބަލައިލުމާއެކު، ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ނަމީރުގެ ފެހިނޫކުލައިގެ ދެލޮލުން ފާޅުވި ވިދުމާއެކު ސަމްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެ ދޮލުގައި ވި ބާރު ގަދަކަން އޭނާއަށް އަންދާޒާކޮށްލެވުނެވެ. އެ ފަދަ ދެލޮލެއް މީގެ ކުރިން އޭނައަށް ފެނިފައެއް ނުވެއެވެ. އެއްވެސް އަސަރެއްވެސް އެ ދެލޮލަކުން ފާޅުވާހެނެއް ހިޔެއް ނުވެއެވެ. ވަނީ ހުސްކަމެކެވެ. ޙަމްދަރުދީގެ އަސަރު ނެތެއްކަމަކު ރުޅިވެރިކަމެއް ވެސް އެ ނަޒަރަކު ނުވެއެވެ.
ނަމީރު ސަމްރާގެ އަތަށް ދަރިފުޅު ލައިދިނެވެ. އަދި އޭނާ ސަމްެރާއަށް ފުންކޮށްބަލައިލިއެވެ. އެ ވަގުތު އޭނަގެ ދެލޮލުގެ ތެރެއިން ޙަމްދަރުދީގެ އަސަރުތައް ފެނިލިހެން ސަމްރާއަށް ހީވިއެވެ.
ނަމީރު ގޮސް ރައާބިލްގެ ކައިރީގައި ހުއްޓުނެވެ.
"ރައާބިލް! އެދަރިފުޅަކަށް އަހަރެމެންގެ ފަރާތަކުން އެއްވެސް ނުރައްކަލެއް ނެތް. އެ ޔަޤީންކަން އަހަރެން ދެން." އޭނަ ބުނެލިއެވެ.
"މާ ހެޔޮ އެދޭ މީހަކަށް ވާނެ ކަމެއް ނެތް." ރައާބިލް ހުރީ ދެބުމަ ގޮށްޖަލާލައިގެންނެވެ. އޭނާ ދުވަހަކު ނަމީރަށް މާފެއް ނުކުރާނެއެވެ.
"ހިނގާ ދާން..." އިންޖާބު ބުނެލިއެވެ. ރައާބިލް ހިފައްޓާފައިވާ މީހުންނަށް ވެސް ގަދަހަދަމުން ދިޔަ ރައާބިލް މައިތިރިކުރުންވީ އުނދަގޫކަމަކަށެވެ.
އިންޖާބުގެ އަމުރާއެކު، ސިފައިން ރައާބިލްއާއެކު އެތަނުން ދިޔުމަށް އަވަސްވެގަތެވެ. ރައާބިލް ފަހު ފަހަރަށް އޭނާގެ ލޯބިވާ ދަރިފުޅާއި، ސަމްރާއަށް ބަލަައިލިއެވެ. އެހިނދު ހިތުގައި ހީވީ މީހަކު ބާރަކަށް ވިކައިގެން ހެންނެވެ. ސަމްރާގެ އާދޭހުގެ ނަޒަރުތައް، އޭނާގެ މޭ ތޮރުފަމުން ދިޔައެވެ. ސަމްރާއަށް މިހާރަކު ވާހަކައެއް ނުދެއްކެއެވެ. އޭނާގެ އަނގަވަނީ އެކީގައި އަރިއަކަށް ދަމައިގަތްފައެވެ. ވާއަތުގެ އަތުގެ އިނގިލިތައް ވެސް ވަނީ މުށްކެވިފައެވެ. މުޅި މީހާ ތުރު ތުރު އަޅަމުން ދިޔައެވެ. ސަމްރާއަށް އެއްވެސް ކަމެއް ނުކޮށްދެވޭނެކަން އެނގި ރައާބިލްގެ ދެލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ.
ތަނަށް ފެތުރިގެން ދިޔަ ދުންފިނިކަމާއެކު މާހައުލު ނުސާފުވެގެން ދިޔައެވެ. ބާރު ވައިރޯޅިތަކަކުން މާހައުލު ހަލަބޮލި ވެލިއެވެ. އިރުކޮޅަކަށްފަހު، ދުންފިނިކަން ކެނޑެން ފެށުމާއެކު ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑު ގަދަވެއްޖެއެވެ. ހީވީ އެ ތުއްތު ދަރިފުޅަށް ވެސް ބައްޕަ ވަކިވުމުގެ ހިލަން ވީހެންނެވެ. ނަދީދާއާއި ވާފިރާ ދެމީހުން، ގޮސް ސަމްރާގެ ކައިރިއަށް ހުއްޓުނުއިރު ސަމްރާގެ ދެލޯ ވަނީ މެރިފައެވެ.
"މަގޭ ދަރިފުޅު.... ވާފިރު. މަގޭ ދަރިފުޅު..." ނަދީދާ ހަޅޭއްލަވައިގަތެވެ. ވާފިރު ސަމްރާއަށް ބަލަައިލުމަށްފަހު ވާފިރު ވާހަކަ ދެއްކިއެވެ.
"ނަދީދާ... ސަމްރާގެ ހެޔެއް ނެތް. ދަރިފުޅު ނަގާ. އަހަރެން މި އަންނަނީ." އެހެން ބުނެލާފައި، ވާފިރު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިން ނުކުތެވެ. އެއާއެކު ވަގުތުން އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފައުޒީ އޮތްތާ މިހާރަކު އޭނައެއް ނެތެވެ. އެއާއެކު އޭނައަށް ހިންދިރުވައިލެވުނެވެ. ފައުޒީއަށް ވީ ގޮތް އޭނާއަށް ނަގައިގަނެވުނީއެވެ.
އަމިއްލަ ނަފްސު ހަމައަކަށް އަޅުވަައިލަމުން، ވާފިރު މިސްރާބުޖެހީ ކާގެއާ ދިމާލަށެވެ.
ނަދީދާ ތުއްތު ދަރިފުޅު އަތަށް ލައިގެން ސަމްރާގެ ކޯތާފަތުގައި ވެސް އަތްކާތަމުން އޭނައަށް ގޮވަމުން ދިޔައެވެ.
"ހެޔޮނުވާނެ ދަރިފުޅާ! ލޯ ހުޅުވަބަލަ... މީ މަންމައޭ... ބަލާ... މިއޮތީ ސަމްރާގެ ދަރިފުޅު." ނަދީދާގެ އަޑު ކުރެހުނެވެ. ވާހަކަ ދެއްކުން ދަތިވެގެން ދިޔައެވެ.
"ނަދީދާ... ހިތްވަރު ކުރޭ..." ބާރު ބާރަށް އައިސް ކޮޓަރިއަށް ވަތް ވާފިރު، އަތުގެ ނުފުށުން ލޮލުން އައި ކަރުނަ ފުހެލިއެވެ. އަދި ގޮސް އޭނާގެ އަތުގައި އޮތް ފެންތަށިން ސަމްރާގެ މޫނުގައި ފެން އުނގުޅަން ފެށިއެވެ.
"ދަރިފުޅާ... ދަރިފުޅާ..." އޭނަ ގޮވަމުން ދިޔައެވެ.
ގާތްގަނޑަކަށް ފަސް މިނެޓް ފަހުން ސަމްރާ ލޯ ހުޅުވައިލިއެވެ. އެހެންނަމަވެސް ކަނާއަތު އަތް ނޫނީ އޭނާގެ ހަށިގަނޑުގެ އެއްވެސް ގުނަވަރެއް ކުޑަކޮށް ވެސް ހަރަކާތެއް ނުކުރިއެވެ. ވީގޮތް ނަދީދާއާއި ވާފިރަށް އެނގުމާއެކު އެކަކު އަނެކަކަށް ބަލައިލެވުނެވެ. އާއެކެވެ. ސަމްރާ ޕެރެލައިޒް ވީއެވެ.
"ދަރިފުޅާ... މަންމައަށް މާފުކުރޭ...މީ މަންމަމެންގެ ސަބަބުން ދަރިފުޅަށް ލިބުނު ދެރައެއް. " ނަދީދާ ބުންޏެވެ. ކޮޓަރިތެރެއަށް ވަށައިގެން ނަޒަރު ހިންގައިލުމަށްފަހު، ސަމްރާ ލޯ މަރައިލުމާއެކު އަނެއްކާވެސް ލޮލުގެ ތެރޭގައި ޖަމާވެފައި ހުރި އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން ކަރުނަތައް ތިރިއަށް ރޮނގު ދެމިގެން ހިނގައްޖެއެވެ.
"ދަރިފުޅާ... ބައްޕަމެންނަށް މާފުކުރޭ. އިރާދުކުރެއްވިއްޔާ މި ދަރިފުޅަށް ބައްޕަމެންގެ ފުރިހަމަ ލޯބި ދޭނަން." ވާފިރު ބުންޏެވެ. އެއާއެކު ސަމްރާ ބަލައިލީ ނަދީދާއަށެވެ. ނަދީދާ ބޯ ޖަހައިލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އޭނާ އެ ތުއްތު ދަރިފުޅުގެ އަތުގައި އަޅާފައި އޮތް އުޅާ ސަމްރާއަށް ދައްކައިލިއެވެ.
"އިރާދުކުރެއްވިއްޔާ ދުވަހަކުވެސް، މި އުޅާ މި ދަރިފުޅު އަތަކުން ވަތްކެއް ނުކުރާނަން. މަންމަމެންނަށް އިތުބާރުކުރޭ ދަރިފުޅާ..." ނަދީދާ އާދޭހުގެ ބެލުމަކުން ސަމްރާއަށް ބަލައިލިއެވެ. ދަރިފުޅުގެ އަތުގައި އަޅާފައި އޮތް އުޅާއަށް ބަލައިލި ވާފިރުގެ ހިތުގައި ސުވާލު އުފެދިގެން ދިޔައެވެ. ޖަވާބެއް ބޭނުންވާ ފަދައަކުން އޭނާ ފަހަރަކު މީހަކަށް ބަލައިލިއެވެ. ސަމްރާ ބޯ ޖަހާލަމުން ނަދީދާއަށް އިޝާރާތްކޮށްލުމުން ނަދީދާ ހުރިހާކަމެއް ވާފިރަށް އޮޅުން ފިލުވައިދޭން ފެށިއެވެ.
*****
ރައާބިލް ގޮވައިގެން އިންޖާބުމެން ޝަހަރަށް ދިޔަ ގޮތަށް ވަނީ ބިންގަރާހަށެވެ. ގޮޅީގެ ތެރެއަށް ރައާބިލް ކޮއްޕައިލުމާއެކު ސިފައިން ދުރަށް ޖެހިލިއެވެ. އެމީހުން އިންޖާބަށް ފުރުސަތު ދިނީއެވެ.
އިންޖާބު ކުރިއަށް ޖެހިލުމަށްފަހު ރައާބިލްއާ ކުރިމަތިލިއެވެ. ރުޅިއައިސްގެން ގޮސް އޭނާގެ ލޭވެސް ވަނީ ހޫނުވެފައެވެ.
"ކުރެވުނު ކުށަށް ޢިޢުތިރާފުވަންތަ؟" ރައާބިލް ބުނާ އެއްޗެއް ބަލައިލަން އިންޖާބު ބޭނުންވިއެވެ.
"ލޯބިވުމަކީ ކުށެއް ނޫން." ރައާބިލް އިންޖާބަށް ބަލައިލީ ދެބުމަ ގޮށް ޖަހާލައިގެން އިނދެއެވެ.
"އެކަމަކު ކަލޭ ކަހަލަ ޖިންނިއެއް އިންސާނެއް ދެކެ ލޯބިވުމަކީ ކުށެއް. އެކަމަށް އަހަރެން ކަލޭއަށް ހަރުކަށި އަދަބު ދޭނަން. ދެވަނަ ފަހަރަށް އެ ކުށް ތަކުރާރު ނުކުރާވަރަށް. އަދި އެހެން އެއްވެސް މީހަކަށް ވެސް ތިފަދަ ކުށަކަށް އަރައިގަންނަން ނުކެރޭވަރަށް." އިންޖާބު ނަމީރަށް ވެސް ބަލައިލިއެވެ. ބައްޕަގެ މަޤްސަދަކީ ރައާބިލްއަށް ކެތްނުކުރެވޭ ފަދަ އަނިޔާތަކެއް ދިނުންކަން، އެނގުނު ނަމީރުގެ ހިތް ތެޅިލިއެވެ. އެއީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. އެކަމާ ދެކޮޅު ހެދުމަށް އޭނާގެ ޒަމީރު މަޖުބޫރުކުރަމުން ދިޔައެވެ.
"ބައްޕާ... މިތަނުން ނުނިކުމެވޭ ގޮތަށް ރައާބިލް ބަންދުކުރާއިރު އިތުރަށް އަނިޔާވެރިވުމުގެ ބޭނުމަކީ ކޮބާ؟" އެކުވެރިޔާ އެފަދަ ވޭނެއް ތަޙައްމަލް ކުރާކަށް ނަމީރު ބޭނުމެއް ނޫނެވެ.
"އެނގުހުރެ ކުށަކަށް އަރައިގަންނަ ކޮންމެ މީހަކަށް ވެސް އެކަމުގެ އަދަބު ލިބޭނެ." އިންޖާބު ޖަވާބު ދިނެވެ.
"އެހެންވިއްޔާ ކަލޭގެ ކައިރީގައި ތިހުރި ކަލޭގެ ދަރިއަށް ވެސް އަދަބުދީ... އޭނަ ކުށް ނުކުރިޔަސް އަހަރެންގެ ކުށުގައި ބައިވެރިވި. ހުރިހާކަމެއް ސިއްރުކުރި. އަހަންނަށް އެހީވި. އޭނައަށް އަދަބު ތިޔަ ނުދެނީ އެއީ ކަލޭގެ ދަރިއަކަށްވީމަތަ؟ ތީ ކޮން ކަހަލަ އިންސާފެއް؟" ރައާބިލް ޖަދަލުކުރަން ފެށިއެވެ.
އޭނަ ބުނެލި އިރު އޭނާ ނަމީރަށް ވެސް ބަލައިލިއެވެ. ނަމީރު އިސްޖަހައިލިއެވެ. ރައާބިލް އެބުނީ ތެދެކެވެ. އޭނަ ވެސް ވަނީ އެ ކުށުގައި ބައިވެރިވެފައެވެ. ކުށްނުކުރި ނަމަވެސްއެވެ. ވީއިރު ހަމައެކަނި ކުށުގެ އަދަބު ރައާބިލްއަށް ލިބުމަކީ އިންސާފަކަށް ވާނީ ކިހިނެއްހެއްޔެވެ؟
"އެކަންތައް ހުއްޓާލުމަށް އޭނަ ނަޞޭޙަތްތެރިނުވޭތަ؟" އިންޖާބު ރައްދު ދިނެވެ. އޭނަ ނަމީރުގެ ދިފާޢުގައި ވާހަކަ ދެއްކުމުން، ރައާބިލް ގާތަށް އިތުރަށް ރުޅި އަންނަ ގޮތްވިއެވެ.
"ނަޞޭޙަތްދިނަސް އޭނަ އަހަންނަށް އެހީތެރިނުވާކަމަށްވާނެތަ؟" ރައާބިލް މަލާމާތްކުރާ ޒާތަކަށް ހީނލިއެވެ. "ކަލޭ ވެސް ބޭނުންވަނީ ކަލޭގެ ދަރީގެ ކުށް ފޮރުވަން. ކަލޭގެ އަގު ވެއްޓިދާނެތީ..."
ރައާބިލް ޖެހިލުމެއްނެތި ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އިންޖާބުގެ ރުޅިގަނޑު އިތުރުވުން ނޫންކަމެއް ނުވިއެވެ. އިންޖާބު ރުޅިވެރިކަމާއެކު ނަމީރަށް ވެސް ބަލައިލިއެވެ. ރައާބިލް ފަދަ އާދައިގެ ޖިންނިއެއް މިއަދު އޭނާއާ ބަހުސްކޮށް ޖަދަލު އެކުރަނީ ނަމީރުގެ ސަބަބުންނެވެ. އެ ފުރުސަތު ލިބިފައިއެވަނީ ވެސް ހަމަ ނަމީރުގެ ސަބަބުންނެވެ.
"އަދަބުވެރިކަމާ އިޚްތިރާމާއެކު ވާހަކަ ދައްކާ. އަހަރެން މީ ކަލޭގެ ވެރި މީހާއޭ... އެހެން ނޫނީ..." އިންޖާބަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ރައާބިލް ހިނިގަނޑެއް ޖަހާލައިފިއެވެ. އިންޖާބަށް ރައާބިލްގެ ހުނުމުން މަލާމާތާއި ފުރައްސާރަ ނޫން އެއްޗެއް ފާހަގައެއް ނުކުރެވުނެވެ. އެހެންނަމަވެސް، ނަމީރަށް ރައާބިލްގެ އެއަމަލުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމައާއި ހިތްދަތިކަން ފާހަގަ ކުރެވުނެވެ.
"ތިކަހަލަ މީހުން ހަމަ ބިމަށް ތިރިކުރާނެ ގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ…" އެހެން ބުނެލާފައި، އިންޖާބު ބިންގަރާހުގެ ސިފައިންނާ ރައާބިލް ހަވާލުކުރުމަށްފަހު، ނަމީރު ގޮވައިގެން އެތަނުން ދިޔުމަށް ނުކުތެވެ.
*****
ފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޝައިސްތާ ހުރީ ހާސްވެފައެވެ. ދެންކަންތައް ވާނެ ގޮތަކާ އޭނާއަށް މެދު ވިސްނެމުން ދިޔައެވެ. އެކަމުގެ ސަބަބުން ނަމީރަށް ގެއްލުން ލިބިދާނެތީ ފިކުރުކުރެވެމުން ދިޔައެވެ. ދެންމެ ގަނޑުވަރުގެ ޚާދިމާއެއްގެ ފަރާތުން އިންޖާބާ ނަމީރު ރައާބިލް ގޮވައިގެން އައިސް ބިންގަރާހަށް ދިޔަ ޚަބަރު ލިބުމަށްފަހު އޭނާގެ ޙާލަކީ އެއީއެވެ. އެއްތަނެއްގައި ހިމޭނުން ހުރުންވެސް އޭނާއަށް ވަނީ ދަތިވެފައެވެ.
"ޝައިސްތާ ދަރިފުޅާ..." ބަތީލާ ޝައިސްތާއަށް ގޮވަައިލަމުން އައިސް ޝައިސްތާގެ ކައިރީގައި ހުއްޓުނެވެ. އޭނަ ޝައިސްތާގެ ކޮނޑުގައި އަތް ޖައްސައިލުމާއެކު، ޝައިސްތާ ދެންމެ ލިބުނު ޚަބަރު ބަތީލާއާ ހިއްސާކުރިއެވެ.
"ހިނގާ ދާން..." ބިންގަރާހަށް ދާން ބަތީލާ ނިންމިއެވެ. ދެވަނަ ސކިންތުގައި ދެން ލޮލުގައި އަޅައިގަތީ ސިފައިންތަކަކާއެކު އެ ދިމާލަށް އަންނަމުން ދިޔަ އިންޖާބާއި ނަމީރެވެ.
އެ މީހުން އައިސް ގަނޑުވަރަށް ވަނުމާއެކު ބަތީލާ އިންޖާބާ ވާހަކަ ދެއްކިއެވެ.
"ކޮބާ ރައާބިލް؟" އޭނަ ސުވާލުކުރިއެވެ.
"ބިންގަރާހުގައި... އަހަރެން މިދަނީ އަރާމުކޮށްލަން..." އިތުރު އެއްވެސް އެއްޗެއް ބުނުމެއްނެތި އިންޖާބު ކޮޓަރިއާ ދިމާކަށް ހިނގައިގަތެވެ. ބަތީލާވެސް އޭނާގެ ފަހަތުން ދިޔައީއެވެ.
ނަމީރު ބޮލުގައި ހިފައްޓާލަމުން ސޯފާގައި އިށީނދެ އިސްޖަހައިލިއެވެ. ޝައިސްތާ ވެސް ނަމީރުގެ އެއްފަރާތުގައި އިށީނދެ ނަމީރުގެ ކޮނޑުގައި އަތް ޖައްސައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. ނަމީރުގެ ހިތުގައި ހިނގާނޭ އިޙްސާސްތައް އޭނާއަށް ވަޒަންކޮށްލެވެއެވެ. ފިރިމީހާގެ ހާސްކަމަށް ކޮންމެވެސް ކަހަލަ ލުޔެއް ދޭން ބޭނުންވި ނަމަވެސް ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ.
"އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިއާ އަހަންނަށް ގެއްލިއްޖެ!...... ބައްޕަ ވެސް ހުންނެވީ އަހަރެން ދެކެ ރުޅިދުރުވެފަ. އަހަރެން ދެން ކިހިނެއް ހަދާނީ..." ނަމީރަށް ޝައިސްތާއަށް ބަލައިލެވުނެވެ. ޝައިސްތާ ކުޑަކޮށް ނަމީރު ގައިގައި ބައްދައިލިއެވެ. ލޯބިވާ ފިރިމީހާގެ ހާސްކަން ދުރުކޮށްދޭން އޭނާ ވަނީ އިންތިހާއަށް ބޭނުންވެފައެވެ.
އިރުކޮޅަކުން ގަނޑުވަރުގެ ޚާދިމެއް ނާވީ ގޮވައިގެން އަތުވެއްޖެއެވެ. ނަމީރު އެ ދަރިފުޅު އުރާލާ ލޯބިކޮށްލުމާއެކު އޭނާއަށް ރޮވިއްޖެއެވެ.
*****
ރައާބިލް ހައްޔަރުކުރެވުނުތާ ހަފްތާއެއް ފާއިތުވެގެން ދިޔައިރު ބިންގަރާހުގެ ސިފައިންގެ ފަރާތުން އޭނާއަށް އެތަކެއް އަނިޔާއަކާ ކުރިމަތިލާން ޖެހުނެވެ. އޭނާ ގަދަ ހަދާ ކޮންމެ ފަހަރަކު އެތަކެއް ވޭނެއް އޭނާގެ ހަށިގަނޑަށް ލިބެމުން ދިޔައެވެ. އޭގެ އިތުރުން ސަމްރާއާއި ދަރިފުޅާ ވަކިވާން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް އޭނާ ވަނީ ބަލި ކަށިވިވެފައެވެ. މި ފާއިތުވި ހަފްތާ ތެރޭގައި ނަމީރު ތިން ފަހަރެއްގެ މަތީން އޭނާއާ ބައްދަލުކުރަން އައެވެ. އެއިން ކޮންމެ ފަހަރަކު ރައާބިލް ނަމީރު ގާތު އާދޭސްކުރިއެވެ. ސަމްރާއާއި ދަރިފުޅު ދެކިލަން އެދިއެވެ. އެ ފުރުސަތު ނެތިއްޔާ ޚަބަރެއް ނަމަވެސް ގެނަސް ދިނުމަށެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ނަމީރު ދެނީ އޭނާއަށް ބީރު ކަންފަތެކެވެ.
ދެހަފްތާ އެ ގޮތުގައި ފާއިތުވެ ދިޔަފަހުން އެ ހުރިހާ ކަމަކަށް ކެތް ނުކުރެވުނު ރައާބިލް އެންމެ ފަހުން އޭނާގެ ހިތުތެރޭގައި ރޭވުމެއް ރާވައިލިއެވެ.
(ނުނިމޭ)