ބެލޮންޑިއޯ އެވޯޑު ޑެމްބެލޭއަށް، ދެވަނަ ޔަމާލަށް

ބެލޮންޑިއޯ އެވޯޑާއެކު ޑެމްބެލޭ--

ފްރާންސް ފުޓްބޯލް މަޖައްލާއިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީގެ އޮސްމާން ޑެމްބެލޭއަށް ލިބިއްޖެއެވެ.

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ފަހަތަށް ޖައްސާލުމަށް ފަހު، ޑެމްބެލޭ މި އެވޯޑު ހޯދީ އޭނާގެ އުމުރުން 28 އަހަރުގައެވެ. ދެވަނަ ހޯދީ އުމުރުން އެންމެ 18 އަހަރުގެ ލަމީން ޔަމާލް އެވެ.

މީގެ އިތުރުން ޔަމާލް ވަނީ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ބެލޮންޑިއޯ އެވޯޑްގައި ދޭ ކޮޕަ ޓްރޮފީ ދެވަަނަ ފަހަރަށް ހޯދާފައެވެ.

ތިންވަނަ ވިޓީނިއާއަށް ލިބުނުއިރު ހަަތަރުވަނަ ހޯދީ ލިވަޕޫލްގެ މުޙައްމަދު ސަލާހެވެ. އަދި ފަސްވަނަ ލިބުނީ ބާސެލޯނާގެ ރަފީނިއާއަށެވެ.

މިދިޔަ ސީޒަނުގައި ޑެމްބެލޭ ވަނީ ޕީއެސްޖީގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ޑޮމެސްޓިކް ތިން މުބާރާތެއްގެ ޗެމްޕިއަންކަމުގެ އިތުރުން ކުލަބުގެ ތާރީހުގައި ހޯދި ފުރަތަމަ ޗެމްޕިއަންސް ލީގުގެ ފަހަތުގައި ޑެމްބެލޭގެ ދައުރު ބޮޑެވެ. އޭނާއަށް ބެލޮންޑިއޯ ލިބުމުގައި މި ކާމިޔާބީތަކުގެ ދައުރު ބޮޑެވެ.

މިދިޔަ ސީޒަނުގައި ޑެމްބެލޭ ވަނީ ޖުމްލަ 53 މެޗުން 35 ލަނޑު ޖަހާފައެވެ. އަދި 14 އެސިސްޓު ތަނަވަސްކޮށްދީފައެވެ.

ބެލޮންޑިއޯ ހޯދުމަށްފަހު ވާހަކަދައްކަމުން ޑެމްބެލޭ ބުނީ މަގާމު ލިބުމުން ބުނާނެ އެއްޗެއް ނޭނގޭހާ ހިތްހަމަޖެހުން ލިބިފައިވާ ކަމަށާއި މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ.

ޑެމްބެލޭ އެންމެ ފުރަތަމަ ވިދާލީ ބޮރޫޝިއާ ޑޯޓްމަންޑުންނެވެ. އެއަށްފަހު ބާސެލޯނާއަށްވެސް އޭނާ ބަދަލުވިއެވެ.

އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ މިފަހަރު ލިބުނީ ސްޕެއިނާއި ބާސެލޯނާގެ އައިޓާނާ ބޮންމާޓީއަށެވެ. މިއީ އޭނާ ހޯދި ތިންވަނަ ބެލޮންޑިއޯ އެވެ. ދެވަނަ ހޯދީ އާސެނަލަށް ކުޅޭ މަރިއޯނާ ކަލްޑެންޓޭ އެވެ.

އެންމެ މޮޅު ކޯޗަކަށް ޕީއެސްޖީގެ ލުއިސް އެންރީކޭ ހޮވުނުއިރު، އެންމެ މޮޅު ކީޕަރަށް ދޭ ޔަޝިން ޓްރޮފީ ހޯދީ ޕީއެސްޖީ ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވި ޖިއަންލުއީޖީ ޑޮނަރުންމާ އެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށްދޭ ގާޑް މުލާ ޓްރޮފީ ހޯދީ ސްޕޯޓިން ލިޒްބަން ދޫކޮށް އާސެނަލާ ގުޅުނު ވިކްޓަ ޔޯކެރޭޝް އެވެ.

ބެލޮންޑިއޯ އަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑު އެންމެ ގިނަފަހަރު ހޯދި ކުޅުންތެރިއަކީ ލިއޮނަލް މެސީ އެވެ. އޭނާއާ ޖެހިގެން ދެން އެންމެ ގިނައިން ހޯދާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

comment ކޮމެންޓް