އދ.ގެ މައި މަރުކަޒުގެ ފާސް ދިވެހި ސަރުކާރުން ހޯދައިނުދިން ކަމަށް ވިދާޅުވެ ނަޝީދުގެ ކަންބޮޑުވުން

ކުރީގެ ރައީސް ނަޝީދާއި، ފޮރިން މިނިސްޓަރު ޚަލީލް: ނަޝީދުގެ އޮފީހުން ވަނީ އދ.ގެ މައި މަރުކަޒުގެ ފާސް ދިވެހި ސަރުކާރުން ހޯދައިނުދިން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި --

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އދ.ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ބޭނުންފުޅުވާ ފާސް ހޯއްދެވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށް ނަޝީދުގެ އޮފީހުން ބުނެފިއެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، އދ.ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އދ.ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް އެ މަނިކުފާނަށް ބޭނުންފުޅުވާ ފާހާ ގުޅޭ ގޮތުން ރައްޖޭގެ ފޮރިން މިނިސްޓްރީން މެދުވެރިވެގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައިވަނީ، ނަޝީދު މިވަގުތު ހުންނެވީ ބައިނަލްއަގުވާމީ ފޯރަމެއް ކަމަށްވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކަމުން އެ ހައިސިއްޔަތުން އެ މަނިކުފާނަށް ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް ހުރަހެއް ނެތް ކަމަށެވެ.

އެހެންނަމަވެސް، ރާއްޖޭގެ ކުރީގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އެހެނިހެން މަގާމުތައް ފުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ދިދައާއި ނިޝާން ޖެހި ފާހުގައި ގައުމު ތަމްސީލުކުރައްވަން އެ މަނިކުފާނު އަބަދުވެސް ބޭނުންވާ ކަމަށް ނަޝީދުގެ އޮފީހުން ބުންޏެވެ.

"އެހެނީ އެއީ ދިވެހިރާއްޖެއަށް ނުހަނު ލާބަޔާއި މަންފާ އެކަމުން ފޯރާ ކަމެކެވެ. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އދ. މައި މަރުކަޒުގެ ފާހާ ގުޅޭ ގޮތުން ދެންނެވީ އެ ސަބަބަށްޓަކައެވެ." ބަޔާނުގައިވެއެވެ.

ޚަލީލް، އދ.ގެ ބައްދަލުވުމަށް ފުރާވަޑައިގަތުން: އދ.ގެ މައި މަރުކަޒުގެ ފާސް ދިވެހި ސަރުކާރުން ހޯދައިނުދިން ކަމަށް ބުނެ، ނަޝީދުގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ ފޮރިން މިނިސްޓްރީ

މީގެ އިތުރުން، ދައުލަތާއި ސަރުކާރުގެ ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން، އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ގައުމެއްގެ ފުށުން ހައިސިއްޔަތު ލިބިވަޑައިގެން ބައިނަލްއަގުވާމީ ރަސްމީ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރިވުމަކީ ބައިނަލްއަގުވާމީ މައިދާނުގައި އާދަކާދަ ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުންޏެވެ.

ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދ.ގެ 80ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމަށް، މި އަަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބަދަލުގައި ރާއްޖޭން ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ. އެ ބައްދަލުވުމަށް މިދިޔަ އަހަރު ރައީސް ވަޑައިގަތްއިރު، މި އަހަރު އެ މަނިކުފާނު ވަޑައިނުގަންނަވަނީ ކީއްވެ ކަމެއް ސަރުކާރުން ހާމައެއްނުކުރެއެވެ.

https://sun.mv/211619

ރައީސް މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، އެމްޑީޕީން ވަކިވި މެންބަރުންނާއެކު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއިން ވާދަކުރިއެވެ. އަދި ދެވަނަ ބުރުގައި ނަޝީދާއި ޑިމޮކްރެޓްސްއިންވަނީ ވަކި ކެންޑިޑޭޓަކަށް ތާއިދުނުކުރައްވަން ނިންމަވައިފައެވެ.

މި ސަރުކާރުގެ ކުރީކޮޅު ނަޝީދު ރައީސް މުއިއްޒުގެ ސިޔާސަތުތަކަށް ތައުރީފުކުރައްވައި ވާހަކަދެއްކެވިއެވެ. ނަމަވެސް ފަހުން އެ މަނިކުފާނު ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި މިދިޔަ ޖޫން މަހު ނަޝީދު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މި އަހަރުގެ އދ. ގެ ބައްދަލުވުމުގައި މަޝްވަރާކުރާ މުހިންމު ކަންކަމުގެ ތެރޭގައި އިސްރާއިލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވައި، ސުލްހަކުރުން ހިމެނެއެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމުގެ މަޝްވަރާ ހިމެނެއެވެ.

އދ.ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ލީޑަރުން އެއްވެ، ދުނިޔޭގެ މަސްރަހުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ، ހަފުތާއެއްހައި ދުވަހަށް ދެމިގެންދާ ޚާއްސަ ބައްދަލުވުމެކެވެ.

comment ކޮމެންޓް