ވަޒީރުންނާއި މެންބަރުންނާއި ކުންފުނިތަކުގެ ވެރިން، މަގާމާ ހަވާލުވާއިރު ހުރި މިލްކިއްޔާތު ހާމަކުރަން ޖެހޭ ގޮތަށް އިސްލާހުތަކެއް

ރައީސް، ބައެއް ވަޒީރުންނާއެކު: ވަޒީރުންގެ މާލީ ބަޔާން ވަކި މުއްދަތެއްގައި ހާމަކުރުމަށް ލާޒިމުކޮށް، ހާމަ ނުކުރާނަމަ ފިޔަވަޅު އަޅަން ކުޑޫ ހުށަހަޅުއްވާފައިވޭ -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަގާމާ ހަވާލުވާއިރު، އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުންނަ މުދަލާއި ފައިސާއާ ގުޅޭ ތަފުސީލު ހާމަކުރުން ލާޒިމުކުރުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިއަދު ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ، މާލީ ބަޔާނާ ގުޅޭ އުސޫލުތަކަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާއި އޭގެ ސަބަބުތައް ހާމަކުރައްވައިފައެވެ.

އެ ސިޓީގައިވަނީ، ދައުލަތުގެ މަގާމުތައް ފުރަމުންދާ މީހުންނާއި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި މަސައްކަތްކުރާ މީހުންގެ ނަމުގައި ހުންނަ މުދަލާއި ވިޔަފާރިއާއި މާލީ މަސްލަހަތުތަކުގެ ބަޔާން ހާމަކުރުމަށް މިހާރު އޮތް އުސޫލުތައް އިތުރަށް ހަރުދަނާކޮށް، ހާމަކަމާއި ޖަވާބުދާރީވުން ކުރިއެރުވުމަށްޓަކައި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން އެކި މަގާމުތައް ފުރަމުންގެންދާ މީހުންގެ މާލީ ބަޔާނާ ގުޅޭ އުސޫލުތައް އެއްހަމަ ކުރުމަށް އިސްލާހުތައް ހުށަހަޅުއްވާ ކަމަށް ސިޓީގައިވެއެވެ. އެއީ:

1. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން

މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ގާނޫނުއަސާސީގެ 76 ވަނަ މާއްދާގައެވެ. އަދި މާލީ ބަޔާން ހުށަހެޅުމާ ގުޅޭ އުސޫލުތައް ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 74، 75، 76، އަދި 77 މާއްދާގައެވެ.

އެގޮތުން ކޮންމެ އަހަރަކު ވެސް މާލީ ބަޔާން އަމީންއާންމަށް ހުށަހެޅުން މެންބަރުންނަށް ލާޒިމެވެ. އެންމެ ފުރަތަމަ ބަޔާން ހުށަހަޅަންޖެހެނީ، މެންބަރުން އިންތިޚާބުވެ، ހުވައިކުރުމަށްފަހު އެއް އަހަރު ފާއިތުވުމުންނެވެ.

ކުޑޫ ވިދާޅުވީ، އެއީ މުޅިއަކުން ރަނގަޅު ގޮތެއް ކަމަށް ނުފެންނަ ކަމަށެވެ. އެއީ މެންބަރުން ދައުރު ފަށާއިރު އެ މީހުންގެ އަތުގައި ހުރީ ކޮން އެއްޗެއްކަމާއި އެ މީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރެއްވުން: މަޖިލިސް މެންބަރުން މަގާމާ ހަވާލުވާއިރު، މިލްކިއްޔާތުގައި ހުންނަ މުދަލާއި ފައިސާގެ ތަފުސީލް ހާމަކުރުން ލާޒިމުކުރަން ކުޑޫ ވަނީ ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް

އެހެންވެ، މެންބަރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތަކަށް ގެންނަން ހުށަހެޅުއްވި އިސްލާހުތަކަކީ:

  • ކޮންމެ މެންބަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ދައުރު ފަށާއިރު، އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި، ފައިސާއާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކުރުމުގެ ގޮތުން، މަގާމުގެ ހުވާކުރި ދުވަހުގެ ހާލަތު އަންގައިދޭ ބަޔާނެއް އެ މެންބަރަކު ހުވާކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އަމީންއާންމަށް ހުށަހަޅަންވާނެއެވެ.
  • މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.

2. ވަޒީރުން

ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމުކޮށްފައިވަނީ ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައެވެ. މިގޮތުން ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމެވެ. ވަޒީރުން މުދަލާއި ފައިސާގެ ބަޔާން ހުށަހަޅަން ޖެހޭ ވަކި މުއްދަތެއް ނުވަތަ ވަކި ތާރީޚެއް ކަނޑައަޅައިފައިނުވެއެވެ. އަދި ވަޒީރުކަމުގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމެއް ނޫނެވެ.

ކުޑޫގެ ސިޓީގައި ވަނީ އެއީ ވެސް ރަނގަޅު ގޮތެއް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަޒީރުން ވެސް މަގާމުގެ ދައުރު ފަށާއިރު އެ މީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަމާއި އެ މީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކަކީ ކޮބައިކަން ހާމަކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ކުޑޫ ހުށަހެޅުއްވި އިސްލާހުތަކަކީ:

  • ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއް ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މުދަލާއި ފައިސާގެ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލް ހުށަހަޅަން ވާނެއެވެ.
  • އަހަރު ކަމަށް މާނަކޮށްފައިވަނީ، އެ މީހަކު ވަޒީރުންގެ މަޖިލީހުގެ މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ހަމަވާ ތާރީޚަށެވެ.
  • މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ ބޭނުމަށް، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ އަކުރުގައި ބަޔާންކުރާ މުދަލާއި ފައިސާގެ ބަޔާން ވަޒީރުންގެ މަޖިލީހުގެ މެންބަރު ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.
  • މުދަލާއި ފައިސާގެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންވާނެއެވެ.

  • ކަނޑައެޅިފައިވާ މުއްދަތުގައި މުދަލާއި ފައިސާގެ ބަޔާން ހުށަނާޅައިފިނަމަ މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑެމުންދާނެއެވެ.
  • މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމުގެ އިތުރަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަންކުރެވޭ ކޮންމެ މީހަކު އޭނާގެ މަގާމާ ހަވާލުވިއިރު، އޭނާއަށް ލިބިފައިވާ އާމްދަނީއާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަން ޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، އެ މަގާމާ އޭނާ ހަވާލުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.

3. މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުން

ކުޑޫ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި މުސްތަގިއްލު މަގާމުތަކުގެ މީހުންނާ ގުޅޭ އުސޫލުތައް ހުރީ ގާނޫނުއަސާސީއާއި ތަފާތު އެކިއެކި ގާނޫނުތަކުގައި ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ އެކިއެކި މާއްދާތަކަށް ނުވަތަ ގިނަ ގާނޫނުތަކަކަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެއް ގާނޫނެއްގައި އެކަން ބަޔާންކުރުމުގެ ގޮތުން އޭނާ އިސްލާހުތަކެއް ހުށަހެޅުއްވިއެވެ.

އެ އިސްލާހުތަކަށް އަމަލުކުރަން ހިމަނާފައިވަނީ އެކި މުއައްސަސާތަކާއި މުއައްސަސާތަކުގެ ވެރިން ހިމެނޭ ގޮތަށް 27 ފަރާތެކެވެ. އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ހިމެނެއެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލާއި ނެޝަނަލް ޑުރަގް އޭޖެންސީގެ ވެރިޔާއާއި ޕޮލިސް ކޮމިޝަނާއި ޕްރިޒަންސް ކޮމިޝަނަރު ވެސް ހިމަނައިފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): އޭނާ ވަނީ މާލީ ބަޔާންތައް ހާމަކުރުމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

އެ ކަރުދާހުގައިވަނީ، އެ މުއައްސަސާތަކާއި އިސް ބޭފުޅުންގެ މާލީ ބަޔާން، މަގާމާ ހަވާލުވާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ތެރޭގައި ހުށަހަޅަން އެންގުމަށެވެ. އަދި އެ ބަޔާންތައް އާންމުކޮށް ޝާއިއުކުރުމުގެ ބާރު އޮޑިޓާ ޖެނެރަލަށް ދިނުމަށެވެ.

އަދި މަގާމާ ހަވާލުވާއިރު، އެ މީހެއްގެ މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި އެނގޭ ގޮތަށް، މަގާމާ ހަވާލުވާތާ 30 ދުވަހުގެ ތެރޭގައި ހުށަހަޅަން އެންގުމަށް އިސްލާހުގައިވެއެވެ. އެގޮތަށް އަމަލުނުކޮށްފި ނަމަ، 5،000 ރުފިޔާއިން ޖޫރިމަނާކުރަން ހުށަހަޅައިފައިވެއެވެ.

4. ސަރުކާރުގެ ކުންފުނިތަކުގެ ވެރިން

  • ސަރުކާރު ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަން ހިންގުމުގެ އެންމެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ ތެރެއިން ޗެއާމަން، ޗީފް އޮޕަރޭޓިން އޮފިސަރު، މެނޭޖިން ޑިރެކްޓަރު، އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާ ފަރާތްތަކުން މުދަލާއި ފައިސާގެ ބަޔާން ހުށަހެޅުމަށް އެންގުމާއި އެ ބަޔާން ބަލައިގަތުން
  • އެ މަގާމުތަކުގައި ތިބި މީހުން އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ މުދަލާއި ފައިސާގެ ބަޔާނެއް ކޮންމެ އަރަހަކު އެއް ފަހަރު ހުށަހަޅަން އެންގުން،
  • މަގާމު ހަވާލުކުރާތާ 30 ދުވަހުގެ ތެރޭގައި، މަގާމާ ހަވާލުވީއިރު މިލްކިއްޔާތުގައި ހުރި މުދަލާއި ފައިސާއާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރުން
  • އެ އެންގުމާ ޚިލާފުވެއްޖެ ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރުން

މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މި މަހު ވަނީ ހާމަކޮށްފައެވެ.

https://sun.mv/211046

މެންބަރުންނަށް ދީފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނާޅާނަމަ، ފުރަތަމަ އޮންނަނީ އިތުރު 15 ދުވަހުގެ މުއްދަތެއް ދީ އެކަން ލިއުމުން އެންގުމެވެ. އޭގެ ފަހުން ވެސް މާލީ ބަޔާން ނުދެއްވައިފިނަމަ ދެން އެ މެންބަރެއްގެ ނަން ތަޅުމުގައި އިއްވަނީއެވެ. އޭގެ ފަހުން އެ މެންބަރަކަށް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި، މާލީ ބަޔާން ހުށަހެޅުއްވުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑޭ ގޮތަށް މިހާރު އޮވެއެވެ.

މި ދައުރުގައި، މާލީ ބަޔާން ހާމަކުރަން ޖެހޭ މުއްދަތުގައި ފަސް މެންބަރަކު މާލީ ބަޔާން ހާމަނުކުރައްވާ ނަމަވެސް، އިތުރު މުއްދަތު ދިނުމުން އެ މެންބަރުން ވެސް ވަނީ މާލީ ބަޔާން ހާމަކުރައްވައިފައެވެ.

comment ކޮމެންޓް