ރަތްމަންދޫ މީހުން، ރައީސަށް: ރަށުން ބަދަލުކޮށްދޭން މި އެދެނީ ރޮއެ، އާދޭހާއެކު

ރަތްމަންދޫން މީހަކު ރައީސާ ވާހަކަ ދައްކަނީ: އެ މީހުން ވަނީ އެ ރަށުން ބަދަލުކޮށްދޭން އާދޭހާއެކު އެދިފައި --

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް، 'ރޮއެ އާދޭހާއެކު' ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި މިއަދު އެދިއްޖެއެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ރަތްމަންދޫގެ ރަޖިސްޓްރީގައި ތިބި، 114 އެއްހާ މީހުން ސޮއިކޮށް ވަނީ، އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެ ޕެޓިޝަނެއް ކައުންސިލަށް ހުށަހަޅައިފައެވެ.

އެ ޕެޓިޝަނާ ހަވާލާދީ އޭރު ރަތްމަންދޫ ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު 'ސަން'އަށް ވިދާޅުވީ، އެހެން ރަށަކަށް ބަދަލުވާން އެދިފައި ވަނީ އެރަށުން އަސާސީ ގިނަ ޚިދުމަތްތައް ނުލިބޭތީ ކަމަށެވެ.

https://sun.mv/196644

އޭގެފަހުން މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރަތްމަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އެ މަނިކުފާނު ފުރާވަޑައިގަތުމަށް ލޯންޗު ކައިރީ ހުންނަވަނިކޮށް އެ ރަށުގެ ބައެއް މީހުން ވަނީ ރައީސް ވަށާލައި، އެ މަނިކުފާނާ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަތްމަންދޫގައި: އާދޭހާއެކު، ރަތްމަންދޫ މީހުން ރަށުން ބަދަލުކޮށްދޭން އެދުމުން ރައީސް ވިދާޅުވީ، ގޮތެއް ހޯދައިދެއްވާނެ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

އެމީހުން ވަނީ، ރަށުގެ ކަންކަން ހުރި ގޮތުން އެހެން ރަށަކަށް ބަދަލުކޮށްދޭން އާދޭހާއެކު އެދޭ ކަމަށް ބުނެފައެވެ.

"ސަލާން ޖަހާފައި މި ބުނަނީ. އަޅުގަނޑުމެނަށް މިކަން ކޮށްދެއްވާށޭ. އާދޭސްކޮށް ރޮއެފަ މިބުނަނީ،" ރައީސާ ވާހަކަދެއްކި މީހަކު ބުންޏެވެ.

އިތުރަށް އެ މީހާ ބުނީ، ބޭނުންވަނީ ރަށުގައި ހުރި ހުރިހާ އެއްޗެއް ދޫކޮށްލުމަށް ފަހު ވިޔަސް، ދަރިންގެ ހައްގުގައި އެހެން ތަނަކަށް ބަދަލުވާން ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެކަމާ ވިސްނެވުމަށް ފަހު ގޮތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ކައުންސިލަށް ހުށަހެޅި ޕެޓިޝަނުގައި އޮތް ގޮތުން ރަތްމަންދޫ މީހުން ބަދަލުވާން އެދުނީ ރަސްމާލެއަށެވެ.

އޭގެ އިތުރުން، ޕެޓިޝަންގައި އޮތް ގޮތުން މުޅި ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ ކަމަށް ދޭހަވި ނަމަވެސް، ބަދަލުވާން ބޭނުންނުވާ މީހުން ވެސް އެބަތިބިކަން އޭރު ނާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ރަތްމަންދޫގެ ރަޖިސްޓްރީގައި 240 އެއްހާ މީހުން ތިބިއިރު، މިހާރު އެ ރަށުގައި އުޅެމުން އަންނަނީ 100 އެއްހާ މީހުންނެވެ.

comment ކޮމެންޓް