ސަރުކާރާ ދެކޮޅަށް ފިލިޕީންސްގައިވެސް މުޒާހަރާ ކުރަނީ، 200 މީހުން ބަންދަށް

ފިލިޕީންސްގައި ކުރި މުޒާހަރާ. ފޮޓޯ/އޭޕީ

ކޮރަޕްޝަނާ ދެކޮޅަށް ފިލިޕީންސްގެ ވެރިރަށް މެނިލާގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މިއަދު ހެނދުނު ސަރަހައްދީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ކޮރަޕްޝަނާ ދެކޮޅަށް ބޭއްވި ގިނަ އެއްވުންތަކަކީ ސުލްހަވެރި އެއްވުންތަކެއް ނަމަވެސް އަޔާލާ ބްރިޖާއި މެންޑިއޯލާގައި ބޭއްވި އެއްވުން ވަރަށް އަނިޔާވެރި ކަމަށެވެ.

"މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ފުލުހުންނަށް ގަލާއި އެހެނިހެން ސާމާނު ބޭނުންކޮށްގެންވެސް ހަމަލާދީ، ސައިކަލުތަކުގައި އަލިފާން ރޯކޮށް ފިހާރަތައް ހަލާކުކޮށްލައި ލުޓުވި." އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހަމަނުޖެހުންތަކުގައި ގާތްގަޑަކަށް 131 އޮފިސަރުން ޒަޚަމްވެފައިވާއިރު، އޭގެ ތެރެއިން ބައެއް އޮފިސަރުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މުޒާހަރާއާ ގުޅިގެން މެނީލާގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު، ކުޑަކުދިން ގެއިން ބޭރަށް ނިކުތުން ވަނީ މަނާކޮށްފައެވެ.

އިތުރު މުޒާހަރާތައް ކުރިއަށް ދާނެ ކަމަށްވެސް ފުލުހުން ވަނީ ލަފާކޮށްފައެވެ.

ހުކުރު ދުވަހު ފެށި މުޒާހަރާތަކަކީ ޓެކްސް ދައްކާ ފަރާތްތަކަށް ބިލިއަން ޑޮލަރުގެ ގެއްލުންވާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ފެށި މުޒާހަރާތަކެކެވެ. އެ މުޒާހަރާތަކުގައި 33،000 މީހުން ބައިވެރިއެވެ.

އިންޑޮނޭޝިއާ އާއި ނޭޕާލް ހިމެނޭ ގޮތަށް އޭޝިއާގެ އެހެން ގައުމުތަކުގައި ވެސް ފާއިތުވި ހަފުތާތަކުގައި ވަނީ ސަރުކާރުގެ އަމަލުތަކާއި ކޮރަޕްޝަނާ ގުޅިގެން މުޒާހަރާތައް ފަށާފައެވެ. އޭގެ ތެރެއިން ނޭޕާލުގައި ވަނީ ވެރިކަން ބަދަލު ކޮށްފައެވެ.

ފިލިޕީންސްގެ ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިތުރުވީ އެ ގައުމުގައި ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ އިއުލާނުކުރެއްވި އާ މަޝްރޫއުތަކާ ގުޅިގެންނެވެ.

މުަޒާހަރާގެ ބައިވެރިން ވަނީ ކޮރަޕްޝަން ހުއްޓާލުމަށް ގޮވާލާފައި. ފޮޓޯ/އޭޕީ

ފިލިޕީންސްގެ އާންމު ރައްޔިތުން ބުނާ ގޮތުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ފަށާ އެއްވެސް މަޝްރޫއެއް މިހާތަނަށް ނިމިފައެއްނުވެއެވެ.

"އަހަރެން ދެރަވޭ އަހަރެމެން ފަގީރުކަމުގައި އުޅެ، އަހަރެމެންގެ ގެދޮރާއި ދިރިއުޅުމާއި މުސްތަގުބަލު ގެއްލިގެންދާއިރު، އަހަރުމެންގެ ޓެކްސް ފައިސާއިން އެ މީހުން އަގުބޮޑެތި ކާރުތަކާއި ބޭރު ދަތުރުތައް ކުރަމުންދާތީ." ސްޓޫޑެންޓް އެކްޓިވިސްޓް އަލްތީއާ ޓްރިނިޑާޑް ދަ އެސޯސިއޭޓެޑް ޕްރެސް ނޫހަށް ބުންޏެވެ.

ޑިޕާޓްމަންޓް އޮފް ފައިނޭންސް އިން ބުނާ ގޮތުގައި ފެންބޮޑުވުން ކޮންޓްރޯލް ކުރުމުގެ މަޝްރޫއުތަކުގެ ކޮރަޕްޝަންގެ ސަބަބުން 2023 އިން 2025 އަށް ފިލިޕީންސްގެ އިގްތިސާދަށް 118.5 ބިލިއަން ޕެސޯ (2 ބިލިއަން ޑޮލަރު) ގެ ގެއްލުން ލިބިފައިވާ ކަމަށް ލަފާކުރެވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ނޭޕާލްގައިވެސް ޒުވާނުންތަކެއް އިސްނަގައިގެން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ސަރުކާރު ވަނީ ވެއްޓިފައެވެ.

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

ނަމަވެސް މުޒާހަރާތައް ވަރުގަދަވެ، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ ދެކޮޅަށްވެސް އަޑުއުފުލީއެވެ. މީގެ ކުރިން ބަންގްލަދޭޝް އާއި ސްރީލަންކާގައި ވެސް ވަނީ މުޒާހަރާތައްކޮށް ވެރިކަންތައް ބަދަލު ކޮށްފައެވެ.

comment ކޮމެންޓް