ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގި ވާދޫ މީހަކު ޖަލަށް ލައިފި

ރިހާކުރު ކައްކަނީ: ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގި މީހަކު ވަނީ ޖަލަށްލާފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރިކާހުރު ޓައްޕުތަކެއް ވަގަށް ނެގި މީހަކު ޖަލަށްލާން އިއްޔެ ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ، ޅ. ނައިފަރުގައި މި އަހަރުގެ އޭޕްރީލް މަހު ހިނގި ރިހާކުރު ވައްކަމުގެ މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން، ގދ. ވާދޫ، ބަނަފްސާގެ، ހުސައިން ޝަނޫންގެ މައްޗަށް ހަތަރު ދައުވާކުރިއެވެ. އެއީ، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދެ ދައުވާކާއި ވައްކަމުގެ ދެ ދައުވާއެކެވެ.

އިއްޔެ ކުރި މި ހުކުމަކީ، މި އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގެ ރޭ އަދި 22 ވަނަ ދުވަހުގެ ރޭ ދަންވަރު ނައިފަރުގައި ކުރި ވައްކަމަކާ ގުޅޭ މައްސަލައެކެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުތަކުން އެނގޭ ގޮތުން ވައްކަން ކުރި ޝަނޫން ވަނީ ދަންވަރު ނައިފަރު، ރަޒްދާން ގެއަށް ވަދެ 20 ލިޓަރުގެ ޓައްޕެއްގައި ހުރި ރިހާކުރު، ދެ ރެއެއްގެ މަތިން ވަގަށް ނަގާފައެވެ. ކޮންމެ ރެއަކު ވެސް އޭނާ ވަގަށް ނަގާފައިވަނީ 20 ލިޓަރުގެ ޓައްޕެއްގެ ރިހާކުރެވެ.

މި ދެ ވައްކަމުގެ ތެރެއިން ކޮންމެ ވައްކަމަކާ ގުޅިގެން، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަމުގެ ދައުވާ އުފުލާފައިވެއެވެ. މި ހުރިހާ ދައުވާއަކަށް ވެސް ދައުވާ ލިބުނު މީހާ ވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ، މައްސަލަތައް ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދެ ދައުވާގެ ތެރެއިން ފުރަތަމަ ދައުވާއަށް އިއްވާފައިވަނީ އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ. ފުރަތަމަ މައްސަލައާ ގުޅޭ ވައްކަމުގެ މައްސަލައަށް އިއްވާފައިވަނީ 11 މަހާއި 19 ދުވަހުގެ ޖަލު ހުކުމެކެވެ. ދެވަނަ މައްސަލައިގައި ހިމެނޭ އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ބަޔަށް އިއްވާފައިވަނީ 22 ދުވަހުގެ ޖަލު ހުކުމެވެ. އަދި، އެ ބަޔާ ގުޅޭ ވައްކަމުގެ މައްސަލައަށް އިއްވާފައިވަނީ ތިން މަސް ދުވަހުގެ ޖަލު ހުކުމެވެ.

އެހެންވެ، ރިހާކުރު ޓައްޕުތަކެއް ވަގަށް ނެގިކަން ސާބިތުވުމުން ޖުމުލަ އެއް އަހަރާއި ހަތަރު މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

comment ކޮމެންޓް