އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާގެ އިތުރުން ކެނެޑާއިން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރާކަން ނިންމުމަކީ، މެދުއިރުމަތީގެ ސުލްހައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިރް ސްޓާމާ އިއްޔެވަނީ ފަލަސްތީނުގެ ދައުލަތް އިނގިރޭސިން ބަަލައިގަންނަކަން ރަސްމީކޮށް އިއުލާނުކުރައްވައިފައެވެ.
ބޮޑުވަޒީރު ސްޓާމާ ވިދާޅުވީ، ފަލަސްތީނު ބަލައިގަތީ، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ އުއްމީދާއެކުގައި ކަމަށެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ އާންމު ރައްޔިތުންނަށް ވެސް ސުލްހަވެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
މީގެ އިތުރުން އޮސްޓްރޭލިއާއާއި ކެނެޑާއިން ވެސް އިއްޔެވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަންނަކަމަށް ބުނެފައެވެ.
އެއާއެކު ފޮރިން މިނިސްޓްރީން މިއަދު ނެރުުނު ބަޔާނެއްގައިވަނީ އިނގިރޭސިވިލާތާއި، ކެނެޑާއާއި އޮސްޓްރޭލިއާއިން، ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ރަސްމީކޮށް ނިންމުމުން މަރުހަބާ ކިޔާ ކަމަށެވެ.
މިއީ މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބަޔާނުގައިވެއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި، ރައްކާތެރިކަމާއި، އަބުރުވެރިކަން ވީހާ ވެސް އަވަހަކަށް ހޯދައިދޭންޖެހޭކަން ބައިނަލްއަގްވާމީ ދުނިޔެއިން ގަބޫލުކުރާ މިންވަރު އިތުރުވަމުން އަންނަކަން ހާމަވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ރާއްޖެއިން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނު ރައްޔިތުން ކުރާ މަސައްކަތަށް، މިހާރު ތާއީދުނުކޮށް އޮތް ހުރިހާ ގައުމަކަށް ވެސް އެކަން ކުރުމަށް ގޮވައިލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދުމަށް މަގުފަހިކޮށްދިނީ އިނގިރޭސިވިލާތުންނެވެ.