ވަރަށް ގިނަ ނޫސްވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް, ސަރުކާރުގެ އެއްބާރުލުމާއެކު ފާސްކޮށް, ތަންފީޒު ކުރަން ފެށި, މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ސަބަބުން އެޅިދާނެ ފިޔަވަޅަކުން ރައްކާތެރިވުމަށް ޓަކައި، ލިޔުންތައް ބެލޭ, އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްއެއް ސަން ސިޔާމް މީޑިއާއިން ޑިވެލޮޕްކޮށްފިއެވެ.
މި ޓޫލް ޑިވެލޮޕްކުރީ ސަން ސިޔާމް މީޑިއާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަހްމަދު ހަސަން (އައްމަޑޭ)އެވެ. އޭނާއަކީ މެލޭޝިއާ އާއި އޮސްޓްރޭލިއާއިން އިންފޮމޭޝަން ޓެކްނޮލޮޖީއާއި އޭއައިގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތެކެވެ.
މި ޓޫލްއަކީ ދިވެހި ލިޔުންތަކާއި އިނގިރޭސި ލިޔުންތައް ވެސް ޗެކްކުރުމަށް ބޭނުންކުރެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ޓޫލްއެކެވެ.
އެގޮތުން ޗެކްކުރަން ބޭނުންވާ ލިޔުން، ޓޫލްއަށް ކޮޕީ ޕޭސްޓުކުރުމުން، އެ ލިޔުން ސްކޭންކުރުމަށްފަހު، ގާނޫނާ ފުށުއަރާ ކަމެއް އެ ލިޔުމުގައިވާ ނަމަ، އެ ކަން އަންގާނެއެވެ. އަދި ލިޔުން އިތުރަށް ރަނގަޅުކޮށް، ގާނޫނާ އެއްގޮތްކުރުމަށް ކުރެވޭނެ ކަންކަން ވެސް މި ޓޫލްއިން ބުނެދޭނެއެވެ.
މި ވަގުތު މި ޓޫލް ބޭނުންކުރަމުން އަންނަނީ ސަން ސިޔާމް މީޑިއާގައެވެ. ނަމަވެސް މި ޓޫލް އިތުރަށް ފުރިހަމަކުރުމަށްފަހު، އާންމުކޮށް މި ޓޫލް ބޭނުންކުރެވޭހެން ހުޅުވައިލާނެކަމަށް އެސްއެސް މީޑިއާއިން ބުންޏެވެ.
ލިޔުންތެރިންނަށް ޚާއްސަ މި ޓޫލް ތައާރަފްކުރުމާ ގުޅިގެން ސަން ސިޔާމް މީޑިއާގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުޙައްމަދު ޢާޞިފް (މޮންދު) ވިދާޅުވީ، މިއީ، ގަވައިދުތަކާއި އުސޫލުތައް އަދި އުފަންނުވާ ގާނޫނަކަށް އަމަލުކުރަން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީޑިއާއިން އިސްނަގައިގެން ތައްޔާރުކުރި އެއްޗެއް ކަމަށެވެ.
އަދި މި ޓޫލްއަކީ، ގާނޫނީ ހުދޫދުގެ ތެރެއަށް ލިޔުންތައް ފެތޭތޯ ބެލުމަށް ލިޔުންތެރިންނަށާއި، ކޮންޓެންޓު އުފައްދާ މީހުންނަށް އެހީތެރިވެދޭނެ ވަރަށް މުހިންމު ވަސީލަތެއް ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.
"އަދި މިއަށް، މި ގާނޫނަށް މިހާރު، މި ގާނޫނާ ގުޅިގެން ހަދަންޖެހޭ ގަވައިދުތަކާއި، މިންގަނޑުތަކާ އެއްޗެހި އައިމަ، އަދި މިއަށް ފީޑުކުރީމާ މި އިތުރަށް ތަރައްގީވެގެންދާނެ. މިހާރު ވެސް މިއަށް ފީޑުކޮށްގެން އަޅުގަނޑުމެން ވަރަށް ގިނަ ޓެސްޓުތައް ހަދައިފިން. ހެދިއިރުގައި ވަރަށް ކާމިޔާބު،" މޮންދު ވިދާޅުވިއެވެ.
ސަން ސިޔާމް މީޑިއާއިން ބުނި ގޮތުގައި، މި ޓޫލް ޑިވެލޮޕްކޮށް އެއްކޮށް ނިމުމުން، ވަކި އުސޫލެއްގެ ތެރެއިން، އާންމުކޮށް އެހެން މީޑިއާތަކަށާއި، ނޫސްވެރިންނާއި، ލިޔުންތެރިންނަށް ވެސް ބޭނުންކުރުމަށް ހުޅުވައިލާނެ ކަމަށެވެ.
އާ މީޑިއާ ގާނޫނާ އެކު، މި މީޑިއާގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެސްއެސް މީޑިއާއިން ވަނީ، މި މީޑިއާގެ ނޫސްވެރިންނާއި، ކޮންޓެންޓު އުފައްދާ ހުރިހާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޚާއްސަ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
އެސްއެސް މީޑިއާއިން ބުނި ގޮތުގައި، މި މީޑިއާއިން އަބަދުވެސް މަސައްކަތް ކުރާނީ، ގާނޫނީ އިމުގެ ތެރެއިން، ތެދުވެރިކަމާ އެކު ވަކި އަތަކަށް ނުޖެހި، އިތުބާރު ހިފޭ ޚަބަރާއި، މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެެވެ.
އެސްއެސް މީޑިއާގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ރާއްޖޭގެ އެންމެ ދުވަސްވީ އޮންލައިން ނޫސް, ސަން އޮންލައިނާއި ތަފާތު އެކި ޕްރޮގްރާމްތައް ގެނެސްދޭ އެސްއެސްޓީވީ ހިމެނެއެވެ. މީގެ އިތުރުން "ސަން ޕްލޭ" އެޕްލިކޭޝަނަކީ ކޮންމެ ތާކު ހުރެގެން ވެސް އެއް ފަހަރާ ގިނަ ލައިވް އިވެންޓްތަކެއް ބަލާލެވޭ ގޮތަށް ފަރުމާކޮށް ދެމުން އަންނަ ހިދުމަތެކެވެ.