"ބްރޯ، ސައިކެއް ގަންނަންވެގެން 50،000 އެރޭންޖް ކޮށްދީބަ، ތޭންކްސް،"
މިއީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުގައި އޭރު ވެސް އަދި މިހާރު ވެސް ހުންނެވި ބޭފުޅަކު، އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަހުމަދު އަދީބަށް، ޖުލައި 16، 2014 ގެ ހަވީރު 05:07 ގައި ފޮނުވާފައި އިން ކަމަށް ރިޕޯޓުން ފެންނަ މެސެޖެކެވެ. އެ ބޭފުޅާ އެކަންޏެއް ނޫނެވެ. އެކި އަދަދުތަކުން، އެކި ވަރުގެ އެކި ކަންކަމުގައި އަދީބުގެ ފައިންޕުޅު ދެކިލަން ނުދަނީ ކާކުހެއްޔެވެ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަދީބަކީ "ބޮޑުވަޒީރެވެ". އެންމެން ދެއްކީ މި ދީބުގެ އަދީބުގެ ނުފޫޒުގެ ވާހަކައެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ވެސް އެހާ ނުފޫޒު ގަދައެވެ.
އެ ދުވަސް ހަނދާން ހުންނަ ބޭފުޅުންނަށް އެއީ ހަގީގަތުގައި 'ބޮޑުވަޒީރު'ކަން އެނގިލައްވާނެއެވެ. ކަމަކު ދާންވެއްޖެ ނަމަ ދަންނަވަން ޖެހޭނީ އަދީބަށެވެ. ސިޔާސީ ނުފޫޒު އެއްކުރައްވަމުން، މަޑުމަޑުން ވަޑައިގެން ނައިބު ރައީސް ކަމާ ހަމައަށް ޒުވާންކަމުގެ ޖޯޝުގައި އަދީބު ވަޑައިގެންނެވިއެވެ. އެންމެ ޒުވާން ނައިބު ރައީސްގެ ގޮތުގައެވެ. ވެރިކަމާ ހަމައަށް ވެސް ވަޑައިނުގެންނެވީ ކިރިޔާއެވެ.
ހައިޖާންގަނޑަށް 11 އަހަރު ފަހުން އަދީބުގެ ފޯނުން 2014 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ބައެއް މުއާމަލާތްތައް ހިމެނޭ ރިޕޯޓެއް ލީކްކޮށްލީ ޖުބްރާން ޝަރީފްގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގާ އެކައުންޓަކުންނެވެ. އެއީ، އިނގިރޭސި ފޮރެންސިކް ފާމެއް ކަމަށްވާ 'ފަރަޑޭ ފޮރެންސިކްސް'އިން 2015 ވަނަ އަހަރު ނެގި މައުލޫމާތެވެ. މި ރިޕޯޓަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން އިނގިރޭސިވިލާތުގައި ތިއްބެވިއިރުގެ ކަމެކެވެ. އެހެންވީމާ މިއީ މުޅި ޚިޔާނާތުގެ އެފުށްމިފުށް ފެންނާނެ ރިޕޯޓެއް ނޫނެވެ. މިއީ އެންމެ ފޯނެއްގެ ވެސް ހުރިހާ މައުލޫމާތަކޭ ބުނާކަށް ނޭނގެއެވެ. ބެލެވޭ ގޮތުގައި އުނިއިތުރުތަކެއް ހުރުމަކީ ވެދާނެ ކަމެކެވެ. ޖުމުލަ 2،973 ސަފުހާގެ އެ ރިޕޯޓުގައި 81،167 މެސެޖު އެބައޮތެވެ. ކޯލްތަކާއި އެ ނޫން ވެސް އެތައް މުއާމަލާތެކެވެ.
ފަނޑިޔާރުންނާއި، މިނިސްޓަރުންނާއި، ގާނޫނު ހަދާ މަޖިލީހުގެ އެއްކޮޅާއި ދެކޮޅު މެންބަރުންނާއި، ނޫސްވެރިންނާއި، ފިލްމީ ތަރިންނާއި، މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި އެތައް ބަޔަކާއި ސަލާމަތީ ބާރުތަކުގައި ތިއްބެވި ބޭކަލުން ވެސް 'އޮރިޔާން'ވާނެ ފަދަ އެތައް ވާހަކައެއް އެ ރިޕޯޓުގައި އެބަހުއްޓެވެ.
ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބި 'ބޭފުޅުންގެ' ފެންވަރު
މި ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް އަމިއްލަ ބަހުން އިއުތިރާފުވެގެން ހުންނެވި އަދީބަކީ މިއަދު މިނިވަނެކެވެ. ސިންގަޕޫރުގައި ދިރިއުޅުއްވި ނަމަވެސް ރާއްޖެ ވަޑައިގެން އެންމެން މި އުޅޭހެން މިނިވަންކަމާ އެކު، ދިވެހީންގެ ހައްގުތައް ލިބިގެން އުޅެން އެއްވެސް ހުރަހެއް ނެތެވެ.
ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރައްވައިގެން، އެމްއެމްޕީއާރްސީ ޚިޔާނާތުގެ އަޑިއަށް ފީނަން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އެންމެ ފަހު ވަގުތު ކުރެއްވި ކަމަކީ އަދީބަށް މާފުދެއްވުމެވެ. ކިހިނެއް، ކޮން މަޖުބޫރަކުން، ނުވަތަ ކޮން އިހުސާންތެރިކަމެއް، މޮޅިވެރިކަމެއް ހިތަށް ވަންނަވައިގެން ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ، އެއީ އެ ހުތުރުކަން ބޮޑު ވައްކަމުގެ ފުންކަން އަންގައިދޭ އެންމެ ބޮޑު ދަލީލު ކަމެވެ.
އަދީބުގެ ފޯނުން ފެނުނު ވަކިވަކި ކަންކަމުގެ ވާހަކައެއް އެއް ރިޕޯޓެއްގައި ނުލިޔެވޭނެއެވެ. އެއަށްވުރެ ނުރައްކާތެރި، މާ ބޮޑެތި، މާ ލަދުހުތުރު އެތައް ކަމެއް އެ ފޯނުން އޮތީ ފެނިފައެވެ.
"މަނިކުފާނުގެ ސިފަފުޅަކީ ބެންކޮކްގެ ރަސްގެފާނުގެ ސިފަފުޅު. މަނިކުފާނު އިތުރުފުޅެއް ނުހައްދަވާނެ ޔަގީން. އަޅުގަނޑަށް އަދި ލާރިކޮޅެއް ލިބިގެން އުމްރާ ނިންމާލެވެނީ،" މިއީ އުމްރާގެ އަޅުކަމަށް ގޮސް ހުރި މީހަކު، ޖުލައި 16، 2014 ގެ 15:21 ގައި އަދީބުގެ ފޯނަށް ފޮނުވާފައިވާ މެސެޖެކެވެ.
"ސާ، ޕްލީޒް މިއަދު ދީބަ ތަނަށް ލާރި ދައްކަންވެގެން. އެސްޓީއޯ ލާރި ވެސް ކޯޓުން ހުކުމްކުރި ގޮތަށް ނުދެއްކޭ އަދި. ޕްލީޒް ސާ. އަޅުގަނޑު ބަންދުކުރާނެ،" ޖުލައި 15، 2014 ގެ 09:06 ގައި އެހެން މީހަކު އަދީބުގެ ފޯނަށް ފޮނުވާފައި އިން މެސެޖެކެވެ.
"ބްރޯ، މައި ކޯޓް ކޭސް ފައިނަލް ސްޓޭޖްގައި. އެ ކަމާ ވާހަކަދައްކާލަން މި ގުޅަނީ،" މިއީ ސެޕްޓެންބަރު 16، 2014ގެ 12:16 ގައި މީހަކު އަދީބު ގާތުން އެދުނު އެދުމެކެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އަދީބުގެ ފޯނެއްގައި ހިމެނޭ 81،000 މެސެޖު ވަނީ ލީކްކޮށްލާފައި -- ފޮޓޯ/ މަޖިލިސް
މިއީ ބައެއް މީހުން އެދިފައި ހުރި ކަންކަމެވެ. އެކަމަކު، އެންމެ ބޮޑަށް ފެންވަރު އެނގުނީ މިއަދު ވެސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ އެތައް މެންބަރަކު، އެކިއެކި އަދަދުތަކުން އެދިލައްވާފަައި ކުރެއްވި މެސެޖުތައް ފެންނަން އެބަހުއްޓެވެ. ހަދިޔާ ލިބުނުން 'ތޭންކްސް ބްރޯ، ހަދިޔާ ލިބިއްޖެ' ކަމަށް ބުނެ ފޮނުވާފައި ވެސް އެތައް މެސެޖެކެވެ.
އާއިލާއާ އެކު ރިސޯޓު ދަތުރެއް ހަމަޖައްސައިދިނުމުން ފެށިގެން އަދީބުގެ އެހީތެރިކަމުގެ ފޮނިރަހަ ނުލާ މީހަކު މަދެވެ. ނޫސްވެރިންނާއި ފަނޑިޔާރުންނާއި، ސިޔާސީންގެ އެތައް ސަތޭކަ ބަޔަކު ތިއްބެވީ އެ ދީލަތިކަމުގެ އުފާ ލިބިވަޑައިގެންފައެވެ. އަދި، އަންހެންވަންތަ ސިފަތައް ބޭނުންކޮށްގެން އެކިއެކި ކަންކަމަށް ފަންޑު ހޯއްދެވި ޖިންސުން ލަތީފުން ވެސް މަދެއް ނޫނެވެ. ތައުރީފުކޮށްލާފައި ފޮނުވާފައި ހުންނަ މެސެޖުތަކާއި، ކަންކަމުގައި ކޮށްފައި ހުންނަ އާދޭސްތަކުން އެ އެންމެންގެ ފެންވަރު ވަރަށް ސާފެވެ.
އަދީބުގެ އަތުން އެހީތެރިކަން ހޯއްދެވި އަންހެނުންނާއި ފިރިހެނުންނާއި ވެރިންނާއި ނިކަމެތިންނާއި މުއްސަނދީންނާއި އެންމެންނަށް ވެސް އެއީ ހަމަ އަދީބުގެ ފައިސާ ނޫންކަން ނޭނގޭބާއެވެ؟ އެނގޭނެއެވެ. ފަރުވާލެއް ނެތީއެވެ. އެއަށް ވުރެ ފެންވަރު ދަށީއެވެ. ލަދު ނުގަންނަނީއެވެ. ﷲއަށް ބިރުވެތި ވެސް ނުވަނީއެވެ. އެ ނޫން ނަމަ، އެ ކަންކަން ކުރާކަށް ނުކެރޭނެއެވެ.
މައްސަލައެއް ނުބެލޭ، އެންމެން އުފަލުގައި
އެމްއެމްޕީއާރްސީ ޚިޔާނާތް ވަރުގެ ޚިޔާނާތެއް މި ރާއްޖޭގެ ތާރީޚުގައި ވެސް ނުހިނގައެވެ. އެ މައްސަލަ ވެސް އެއްވެސް ވެރިއަކަށް ކެރިވަޑައިގެން ހެއްޔެވެ؟ އެއަށްވުރެ ބޮޑަށް އެންމެން ވެސް ތިއްބެވީ އެ ދީލަތިކަމުން ނަފާ ހޯއްދަވައިގެންނެވެ. އަދީބުގެ އެހީތެރިކަން ނުލިބޭ މީހަކު ނެތެވެ. އެ ތުހުމަތުތައް އަމާޒުނުވާ މީހަކު އިދިކޮޅުގައި ވެސް ސަރުކާރުގައި ވެސް މަދެވެ.
އެ ހުތުރު ތުހުމަތުކުރެވޭ އެތައް ބޭފުޅުންނެއް މިއަދު ވެސް މަޖިލީހުގެ ނުފޫޒުގަދަ ބޭފުޅުންގެ ގޮތުގައާއި މިނިސްޓަރުކަމުގައާއި މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ އެތައް ހައްގަކާ ހަވާލުވެ އެބަތިއްބެވިއެވެ. އެއިން ބޭފުޅެއްގެ މައްސަލައެއް ވެސް ނުބެލެއެވެ. އެ ވާހަކައެއް ވެސް ނުދެއްކެއެވެ. އެއަށް ވުރެ ބޮޑަށް އެ ކޭމުގައި އެންމެން ތިބީ ބައިވެރިވެގެންނެވެ.
ޚިޔާނާތުގެ ބިތުފަންގި ނެގީ، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންނެވި 'ފިނިފެންމާ' ލޯންޗުކޮޅު ގޮއްވާލި ހިސާބުންނެވެ. އޭރު ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރަން ފެއްޓެވިއެވެ. ލޯންޗު ގޮއްވާލުން ހިމެނޭހެން ބޮޑެތި އެތައް ތުހުމަތެއް ކުރައްވާފައި އަދީބު ޖަލަށް ލެއްވީ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށެވެ. އުމުރު ދުވަހުގެ އެތައް ޖަލު ހުކުމެއް އިއްވޭނެވަރުގެ ކަންކަން ފެންނާން އޮތެވެ.
އެކަމަކު، އެ ވެރިކަން ފޮރުޅި ދެން އައި ޞާލިޙްގެ ވެރިކަމުގައި ޖަލުގައި ހުންނެވި އަދީބު ގޭބަންދަށް ބަދަލުކުރެއްވިއެވެ. ބޭސްފަރުވާއާއި އެ ނޫން ވެސް ކަންކަމަށް އެކި ފަހަރު މަތިން ސިންގަޕޫރާއި އެ ނޫން ވެސް ގައުމުތަކަށް ވަޑައިގަންނަވަން ދިގު މުއްދަތުތައް ދެއްވިއެވެ. އެންމެ ފަހުން، މިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފަހުން، ދައުރު ނިމެން ތިން ދުވަހަށްވެފައި އޮއްވާ ޞާލިޙް ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އަމިއްލައަށް އިއުތިރާފުވި އަދީބާއި، އަބްދުﷲ ޒިޔަތަށް މާފު ދީފައެވެ.
އެ ވެރިކަމުގައި އެ މައްސަލައިގައި ކުރެއްވިހާ ވެސް ކަމަކީ ޔާމީން ޖަލަށް ލެއްވުމެވެ. އެކަމަކު، އެ މަނިކުފާނަށް އިއްވި ދެ ހުކުމް ވެސް މަތީ މަރުހަލާ ކޯޓުތަކުން ވަނީ ބާތިލުކޮށްފައެވެ. ކުށް ސާބިތެއް ނުވިއެވެ.
އެ އެކަންޏެއް ނޫނެވެ. ފުލުހުންގެ އަތުގައި އޮތް އެމްއެމްޕީއާރްސީގެ ވައްކަމުން މަންފާވި އެންމެންގެ ސާފު ލިސްޓު ވެސް ރައްޔިތުންނަށް ދައްކާލަން ކެރުނީ ކާކަށް ހެއްޔެވެ؟ އެކި ފަހަރު އެކި ލިސްޓުތަކުގެ އެކި ތަންކޯކޮޅާއި އަދީބުގެ ފޯނުގެ ފޮރެންސިކް ރިޕޯޓުގެ ތަންކޯކޮޅު، ފިލްމެއްގެ ޓްރެއިލާހެން ދައްކާލުން ފިޔަވާ ކުރެވުނީ ކޮން ކަމެއްހެއްޔެވެ؟
އެ މައްސަލައެއް ނުބެލޭނެއެވެ. ސިޔާސީ އެކި ފިކުރުތަކުގެ، މާ ބާރުގަދަ، މާ ގިނަ ބޭފުޅުން ތިއްބެވީ އެ ދަލުގައި ޖެހިފައެވެ. އެމެރިކާގައި ޖެފްރީ އެޕްސްޓީންގެ މައްސަލައަށްވީ ކިހިނެއްހެއްޔެވެ؟ މިއީ ވެސް އެ ޒާތަށް ނިމޭނެ ކަމެއް ނޫންބާއެވެ؟ މި ވައްކަމުގެ އަޑި އެއަށްވުރެ މާ ފުނެވެ. އަދީބުގެ ޗެޓްލޮގްތައް ބައްލަވާށެވެ. އެކިއެކި ބޭފުޅުން ކުރެއްވި މެސެޖުތަކާއި އެދިލެއްވި ކަންކަން އެ ހުރީ ހާމައަށް ފެންނާށެވެ. ލަދެއް ނުގަނޭނުންހެއްޔެވެ؟ ބިރެއް، ޖެހިލުމެއް ނެތި އަދިވެސް އެންމެން އެ ތިއްބެވީ އުފަލުގައެވެ. މަގާމުގައެވެ. ނޫނީ ފައިސާވެރި، ތަނަވަސްކަމުގައެވެ.
އެ ޚިޔާނާތް ބެލޭނެ އޮންނާނީ އެންމެ ގޮތެކެވެ. އެއީ، އެ މަޅީގައި ޖެހުނު އެންމެން އެއްފަރާތްކުރުމެވެ. މިއީ ޒައްރެއްގެ މިންވަރެވެ.