ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ކޮންޓްރޯލުން ނެއްޓި، ޑިވައިޑަރުތަކުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މާލޭން ހުޅުމާލެއަށް ދިޔަ ޕިކަޕެއް އެކްސިޑެންޓްވިކަމުގެ މައުލޫމާތު ރޭ މެންދަމު 2:42 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ ބްރިޖް އެއާޕޯޓު ލައިޓް ކައިރިން ޕިކަޕު ކޮންޓްރޯލުން ނެއްޓި، ބްރިޖުގެ މެދުގައިވާ ޑިވައިޑަރުތަކުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ، ޕިކަޕު ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިވެފައިވާ ކަމަށާއި، ދެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި، މި ހާދިސާގައި ޕިކަޕުގެ އިތުރުން ޑިވައިޑަރުތަކަށް ގެއްލުންވި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.