ދައުލަތުން ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ދެނީ ފިނޭންސް މިނިސްޓްރީން ނަމަވެސް، އެއީ އެ މިނިސްޓްރީން ލިޔެގެން ވަކިން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށް ބުނެ، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުތަކުގެ ތަފުސީލު ހިފަހައްޓައިފިއެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމަކު، ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އާއި 3،000 އާ ދެމެދުގައި އުޅޭނެ ކަމަށް އިދިކޮޅުން ބުނާއިރު، އަދަދުތައް ރަސްމީކޮށް ހާމަނުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ ސިޔާސީ މުވައްޒަފުންގެ އަދަދުތަކެއް ހާމަކޮށްފައެވެ. އެ މައުލޫމާތުގައިވާ ގޮތުން އޭރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދަކީ 992 އެވެ.
އެހެންނަމަވެސް، ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދު އިތުރުވެފައިވާއިރު، ސަރުކާރުން ހާމަކުރި ނަންބަރުތަކާ ދިމާނުވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.
އެ މައްސަލައިގައި، ސިޔާސީ މުވައްޒަފުންނަށް ކުރާ ޚަރަދުގެ ތަފުސީލު ހޯދުމަށް މިދިޔަ މާރިޗު މަހުގެ 31ގައި، އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަދި ފިނޭންސް މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ އައިކް އަހުމަދު އީސާ ވަނީ އެ މިނިސްޓްރީއަށް ސުވާލު ހުށަހަޅުއްވައިފައެވެ.

މެއި 3ގައި ބޭއްވި ތާރީޚީ، ދިގު ނޫސްވެރިންގެ ބައްދަލުވުން: ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރިކަން ނޭނގޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައިކް އެދިފައިވާ މައުލޫމާތުގެ ތެރޭގައި، ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ މީހުންނަށް މުސާރައާއި އިނާޔަތްތަކަށް ޚަރަދުކޮށްފައިވާ ފައިސާގެ ހިސާބުތައް ހިމެނެއެވެ. އަދި، އޭގެ ތެރެއިން ކޮންމެ މުވައްޒަފަކަށް މުސާރައާއި އިނާޔަތް ދީފައިވާ މުއްދަތާއި ޖުމްލަކޮށް މުސާރައާއި އިނާޔަތަށް ކޮށްފައިވާ ޚަރަދު ހާމަކުރުމަށް އޭނާ އެދިފައިވެއެވެ.
އެ ސުވާލުތަކަށް ފިނޭންސް މިނިސްޓްރީން ފޮނުވި ޖަވާބުގައި ވަނީ، މިނިސްޓްރީއަކަށް ނުވަތަ އިދާރާއަކަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި ޚަރަދު ބަލަހައްޓާނީ އެ މިނިސްޓްރީއަކުން ނުވަތަ އިރާދާއަކުން ކަމަށެވެ. އެ ޖަވާބާ މެދު ހިތްހަމަނުޖެހުމުން، މުރާޖާ ކުރުމަށް އެދި އައިކް އެ މިނިސްޓްރީއަށް އަލުން ހުށަހެޅުއްވިއެވެ.
އައިކް ވިދާޅުވި ގޮތުގައި، މުރާޖާ ކޮމިޓީން މިދިޔަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު ފޮނުވި ޖަވާބުގައި ވަނީ، ކުރީގެ ޖަވާބު މުރާޖާކުރަން ނުޖެހޭ ކަމަށެވެ.
އެހެންވެ، އައިކް ވަނީ އިންފޮމޭޝަން ކޮމިޝަނުން އެ މައްސަލަ ބަލައިދިނުމަށް އެދިފައެވެ. އެ އިލްތިމާސާ ގުޅިގެން، އައިކާއި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދާއި ފިނޭންސް މިނިސްޓްރީގެ ލީގަލް އެސިސްޓެންޓެއް ހިމެނޭ ގޮތަށް އިއްޔެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.
އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގެ ވީޑިއޯ އައިކޮމްއިން ވަނީ ޔޫޓިއުބްގައި އާންމުކޮށްފައެވެ.
އެ ބައްދަލުވުމުގައި އައިކް ވިދާޅުވީ، އެ މައްސަލަ ހުށަހެޅުއްވީ ދެ ސަބަބަކާ ހެދި ކަމަށެވެ. އެއް ސަބަބަކީ، ދައުލަތުގެ ހުރިހާ ޚަރަދެއް ކުރަނީ ފިނޭންސް މިނިސްޓްރީން ކަމަށްވާއިރު، ދައުލަތުގެ ނަމުގައި ކުރެވޭ ޚަރަދުގެ މައުލޫމާތު އެ މިނިސްޓްރީގައި ހުންނާން ޖެހޭނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެވަނަ ސަބަބަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، މިނިސްޓްރީގައި ނެތް މައުލޫމާތަކަށް މީހަކު އެދިފައިވާނަމަ އެ މައުލޫމާތެއް ހުރި ތަނަކުން ހޯދަން ގާނޫނުގައި ބަޔާންކޮށްފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއަށް ފަހު، ފިނޭންސްގެ އޮފިޝަލަށް ފުރުސަތު ދިނުމުން އޭނާ ވިދާޅުވީ، ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ބަލަހައްޓަނީ އެ މިނިސްޓްރީން ނޫން ކަމުގައި އައިކަށް ދިން ޖަވާބުގައި ބުނެފައިވާނެ ކަމަށެވެ. އެގޮތުން، އެ މައުލޫމާތަކީ ލިޔެގެން ވަކިން ބަލަހައްޓާ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ މާނައަކީ އައިކް އެދިލެއްވި، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ނުހުންނާނެ ކަމަށްތޯ އާހިދު ސުވާލުކުރެއްވިއެވެ.
"މި މިނިސްޓްރީގައި ވަކިން ލިޔެކިޔުމުން ބަލަހައްޓާ މައުލޫމާތެއް ނޫން މި މައުލޫމާތަކީ،" ޖަވާބުގައި ފިނޭންސްގެ ލީގަލް އެސިސްޓެންޓް ވިދާޅުވިއެވެ.
އެހެންވުމުން، އެ މައުލޫމާތު އެކުއެކީ އެއްވެސް އިދާރާއެއްގައި ނުހުންނާނެތޯ އާހިދު ސުވާލުކުރެއްވުމުން ވެސް އޭނާ ވިދާޅުވީ، އެގޮތަށް މައުލޫމާތު ނުހުންނާނެ ކަމަށެވެ. ނަމަވެސް، ކޮންމެ މިނިސްޓްރީއަކުން ވެސް މުވައްޒަފުންގެ މުސާރަ ޝީޓްތައް ފިނޭންސް މިނިސްޓްރީއަށް ފޮނުވާނަމަ، އެ ހުރިހާ މައުލޫމާތެއް މިނިސްޓްރީގައި ހުންނަންވާނެކަން އާހިދު ފާހަގަކުރެއްވިއެވެ.
"ކެޓަގަރައިޒްކޮށްފައި ވަކިން އެގޮތަކަށް ނުހުންނާނެ... ސިޔާސީ މުވައްޒަފުންނާއި އެހެން މުވައްޒަފުން އަޅުގަނޑުމެންނަށް ވަކިން އެނގޭކަށް ނުހުންނާނެ،" ފިނޭންސްގެ ލީގަލް އެސިސްޓެންޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ގޮތުން އައްޔަން ކުރާ މީހުން ހިމެނޭ ގޮތަށް، ކެޓެގަރައިޒްކޮށްގެން އެއްވެސް ލިޔެކިޔުމެއް ނުބަލަހައްޓާ ކަމަށެވެ.
ދައުލަތުގެ އެއްވެސް އިދާރާއެއްގައި އެގޮތަށް މައުލޫމާތު ކެޓެގަރައިޒްކޮށްފައި ހުންނާނެތޯ ސުވާލުކުރުމުން ލީގަލް އޮފިސަރު ވިދާޅުވީ، އެގޮތަށް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް، ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ މަގާމުތައް އެނގޭ ގޮތަށް، މައުލޫމާތު ޝާއިއުކޮށްފައި ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އެއީ ވެސް ސިޔާސީ މުވައްޒަފުން ވަކިން ފާހަގަކޮށްފައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވުމުން، ފިނޭންސް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި މުސާރައާއި އިނާޔަތްތަކަށް ކުރާ ޚަރަދުތަކަށް މީހަކު އެދިއްޖެ ނަމަ މިނިސްޓްރީއަށް އެ މައުލޫމާތު ދެވޭނެތޯ އާހިދު އެއްސެވިއެވެ. އެ ސުވާލުގެ ޖަވާބުގައި ވެސް ލީގަލް އެސިސްޓެންޓް ވިދާޅުވީ، އެ މައުލޫމާތު ކެޓަގަރައިޒް ކޮށްފައި ނުހުންނަ ކަމަށެވެ.
"ދެންމެ ވިދާޅުވީމެއް ނޫންތޯ، މިނިސްޓްރީން މިހާރު ވެސް ޕަބްލިޝްކޮށްފައި ހުންނާނެޔޭ ސިޔާސީ މުވައްޒަފުން؟" އާހިދު އެއްސެވިއެވެ.
އެ ސުވާލު ޖަވާބު ދިނުމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށް މިނިސްޓްރީން އެދުނެވެ. އަދި، ކުޑަ ވަގުތުކޮޅަކަށް ފަހު އާހިދު ވަނީ ބައްދަލުވުމަށް ކަނޑައަޅައިފައިވާ ވަގުތު ހަމަވާތީ، ބާކީ ސުވާލުތަކަށް ދެ ދުވަސް ތެރޭ ލިޔުމުން ޖަވާބު ދިނުމަށް އެދިވަޑައިގެންފައެވެ.
ފިނޭންސް މިނިސްޓްރީގެ ޖަވާބު ލިބުމުން، އިތުރަށް މައުލޫމާތު ސާފުކުރަން ނުވަތަ ގޮތް ނިންމަން ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތް ކަމަށް ބޭރުގެ އިދާރާތަކުން ބުނެއެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވެސް ލަފާދެނީ ދައުލަތުގެ ޚަަރަދު ކުޑަ ކުރުމަށެވެ.
މި އަހަރު ތެރޭގައި ދައުލަތުން މުސާރައާއި އިނާޔަތަށް ކުރާ ޚަރަދު މިދިޔަ އަހަރަށްވުރެ އިތުރު ކަމަށް ތަފާސްހިސާބުން ދައްކައެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ހިސާބުން ދައްކާ ގޮތުގައި މި މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް، މުސާރައަށް 4.3 ބިލިއަން ރުފިޔާ ޚަަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރީ 4.03 ބިލިއަން ރުފިޔާއެވެ. އަދި، އިނާޔަތްތަކަށް 3.84 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތަކަށް ހޭދަކުރީ 3.64 ބިލިއަން ރުފިޔާއެވެ.