ބަންގްލަދޭޝްގައި ޑެންގޫ: އިއްޔެ އެކަނި ވެސް 12 މީހުން މަރުވެއްޖެ

ބަންގްލަދޭޝްގެ ހޮސްޕިޓަލެއްގައި ހުންނަ ޑެންގޫ ޔުނިޓެއް. ފޮޓޯ/ރޮއިޓާސް

ބަންގްލަދޭޝްގައި ޑެންގޫ ޖެހިގެން އިއްޔެ 12 މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އަލަށް އެ ބަލި ޖެހިގެން 740 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ވެސް ޑިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސަސް ބުނެއެވެ.

އެ ގައުމުގައި ޑެންގޫ ޖެހިގެން މިއަހަރު 42،000 މީހުން ރިޕޯޓުކޮށްފައިވާއިރު، ބަލީގައި 179 މީހުން ވަނީ މަރުވެފައެވެ.

ބަލި ޖެހިގެން ގިނަ އަދަދެއްގެ ކުޑަ ކުދިން ހޮސްޕިޓަލްތަކަށް ދާއިރު، ގިނަ ބަޔަކު އަންނަނީ ހޫނުގަދަވުމާއި، ރޯގާ ޖެހުމާއި، ފެން މަދުވުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށް ބުނަމުންނެވެ.

"ހަލުވިކަމާއެކު ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުޑަކުދިންނަށް ޝޮކް ޖެހުމުގެ ފުރުސަތު ބޮޑު، އެހެންވެ ޑެންގޫ ޖެހުމަކީ އެ މީހުންނަށް އިންތިހާއަށް ނުރައްކާތެރި ކަމެއް،" ފިޒިޝަން އޭބީއެމް އަބްދުالله ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބަލިމަޑުކަން އިތުރަށް ގޯސްވަމުންދާ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

"މޫސުން އާންމު ގޮތަކަށް ވުރެ ދިގުކޮށް ދިގުދެމިގެންދާއިރު، ގާތްގަނޑަކަށް ހުރިހާ ތަނެއްގައި ވެސް ފެން އުފެދޭނެ," ޖަހަންގިރުނަގަރު ޔުނިވާސިޓީގެ ޒޫލޮޖީ ޕްރޮފެސަރު ކަބީރުލް ބައްޝާރު ވިދާޅުވިއެވެ.

"މި ދިގުދެމިގެންދާ ފިނި މޫސުމުގައި މަދިރި ނަސްލު އުފެއްދުމަށް އިތުރު ވަގުތާއި ޖާގަ ލިބެމުންދާއިރު، މިކަމުގެ ސަބަބުން ބަލި ފެތުރުން އަވަސްވާނެ."

ބަންގްލަދޭޝްގައި ހަލުއިކަމާއެކު ހިނގަމުންދާ އާބާދު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ކުނި މެނޭޖްކުރުން ދަށްވުމާއި، އިމާރާތްކުރާ ތަންތަނުގައި ފެން ހެދިފައި ހުރުމުން މަދިރި އުފެދޭ ތަންތަން އިތުރުވެފައިވާ ކަމަށް ނޫސްތަކުން ރިޕޯޓުކުރެއެވެ.

ބަންގްލަދޭޝްގައި ޑެންގީ ބަލި ފެތުރިގެން އެންމެ ގޯސްވީ 2023 ވަނަ އަހަރު. ފޮޓޯ/އޭއެފްޕީ

ހޮސްޕިޓަލްތަކަށް ތޮއްޖެހި، އިންފެކްޝަންތައް އެއްވަރަކަށް އިތުރުވަމުންދާއިރު، ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި ދަތިކަން އިތުރަށް ބޮޑުވާނެ ކަމަށް ބުނެ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޑެންގީ ބަލި ފެތުރިގެން ބަންގްލަދޭޝްގެ ހާލަތު އެންމެ ގޯސްވީ 2023 ވަނަ އަހަރުއެވެ. އެ އަހަރު ބަލި ޖެހިގެން 1،705 މީހުން މަރުވެ، 321،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ.

ބަލިން ދިފާއުވުމަށް މިހާރަށްވުރެ ހަރުދަނާ ރައްކާތެރި ފިޔަވަޅުތަކެއް ނާޅައިފިނަމަ، މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ބަލި ޖެހުމުން ފެންނަ އެންމެ އާންމު އަލާމާތްތަކަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ތަދުވުމާއި ރިއްސުން، ހޮނޑުލެވުން އަދި ގައިގެ ތަންތަން ރަތްވުން ކަމަށް ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެއެވެ.

comment ކޮމެންޓް