ގިނަ އަދަދެއްގެ މީހުންނާއި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މުދަލާއެކު ދަތުރުކުރަމުން ދަނިކޮށް، ހއ. ދިއްދޫގެ އެންމެ ބޮޑު މުދާ އުފުލާ ބޯޓު މިރޭ ފަރަށް އަރައިފިއެވެ.
ފުލުހުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ގިނަ އަދަދެއްގެ މީހުންނާއެކު މާލެއިން ހއ. އަތޮޅަށް ދަތުރުކުރި ބޯޓެއް ނ. ވަވަތި ކައިރީ ފަރަކަށް އަރައިފައިވާކަމަށް މިރޭ 23:25ހާއިރު ވަނީ ރިޕޯޓުކޮށްފައެވެ.
އެ ބޯޓުގައި ކުޑަކުދިންނާއި އަންހެނުން ވެސް ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މެގަ ހޯރަ ބޯޓު: އެ ބޯޓު ގިނަ އަދަދެއްގެ މީހުންނާއި މުދަލާއެކު ދަތުރުކުރަނިކޮށް ވަނީ ފަރަށް އަރައިފައި -- ފޮޓޯ/ ދިއްދޫ އޮންލައިން
އެ ބޯޓުގައި ހއ. އާއި ހދ. އަތޮޅުގެ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ބޯޓުގައި ތިބި މީހުންގެ އަދަދު މިހާތަނަށް ކަށަވަރުވެފައިނުވެއެވެ. ނަމަވެސް ބޯޓު ދަތުރުކުރީ މާލެއިން ގިނަ އަދަދެއްގެ މުދަލާއެކުކަން އެނގިފައިވެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރަށް އަރައިފައިވަނީ ދިއްދޫގެ 'މެގަ ހޯރަ' ބޯޓެވެ. ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ މުދާ އުފުލާ އެންމެ ބޮޑު ބޯޓުގެ ގޮތުގައި މަޝްހޫރުވެފައިވާ 'މެގަ ހޯރަ' ބަންނަން ހަތް އަހަރު ހޭދަވި ކަމަށް އެނގިފައިވެއެވެ.
އެ ބޯޓުން ޚިދުމަތް ދޭން ފެށީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.