ކެފޭ، ރެސްޓޯރެންޓުތައް ފާސްކުރުން: ބަލަން ޖެހޭ ތަންތަން ގިނަކަމުން، އޮޕަރޭޝަން ދަންމާލަނީ

ގަވައިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދޭ ތަނަކަށް މިއަދު ނޯޓިސްދީފައި: މި އޮޕަރޭޝަންގެ މުއްދަތު އިތުރުކުރުން އެކަށީގެންވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް، މިއަދު ފަށައިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ބަލައިފާސްކުރަން ޖެހޭ ގިނަ ތަންތަން ހުރުމުން އޮޕަރޭޝަންގެ މުއްދަތު އިތުރުކުރުން އެކަށީގެންވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ އެ އޮޕަރޭޝަން ހިންގާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް މީގެ ކުރިން އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

އޭގެފަހުން ސިޓީ ކައުންސިލުން ބުނީ، މާލެ ސަރަހައްދުގައި އޮޕަރޭޝަންގެ ތެރެއިން ބަލަން ޖެހޭ ގިނަ ތަންތަން ހުރުމާއެކު މުއްދަތު އިތުރުކުރުން އެކަށީގެންވާ ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން، ގަވައިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ނޯޓިސްދީ، ބަންދުކުރާނެއެވެ.

ސިޓީ ކައުންސިލުން ބުނީ އެ އޮޕަރޭޝަންގައި އިންސްޕެކްޓް ކުރަން ހަމަޖެހިފައިވަނީ ސައިހޮޓާތަކާއި ކެފޭ، ރެސްޓޯރެންޓާއި ޓޭކްއަވޭ ތަންތަން ކަމަށެވެ. އަދި، ކާބޯތަކެތީގެ ޚިދުމަތް ދިނުމަށް އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ ތަންތަނާއި ހުއްދަ ނުނަގާ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވެސް ބަލައިފާސްކުރާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

ގަވައިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަނެއްގައި ނޯޓިސް ހަރުކުރަނީ: މި އޮޕަރޭޝަންގައި ބަލާ ފާސްކުރަން ޖެހޭ ތަންތަން ގިނަވުމުން އޮޕަރޭޝަން މުއްދަތު އިތުރުކުރުން އެކަށީގެންވާ ކަމަށް ވަނީބުނެފައި ---- ފޮޓޯ/ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން ބުނި ގޮތުގައި، އޮޕަރޭޝަން ކުރިއަށް ގެންދާނީ ހަ ސަރަހައްދަށް މާލެ ބަހައިގެން ކަމަށެވެ. އެގޮތުން، ކޮންމެ ނެއިބަހުޑަކަށް އެމްއެފްޑީއޭއާއި މާލެސިޓީ ކައުންސިލްގެ ޖޮއިންޓް ޓީމެއް ފޮނުވައިގެން ބަލައި ފާސްކުރާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ބައެއް ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުނުކުރާ ކަމަށް ބުނެ، ބައެއް ފަހަރު ކަންބޮޑުވުންތައް ފެންމަތިވެއެވެ.

https://sun.mv/211304

އާންމުކޮށް ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލައިފައިވާ ގާނޫނަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23ގައި ވަނީ އަމަލުކުރަން ފަށައިފައެވެ.

އެ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކުން ކާބޯތަކެތީގެ ޚިދުމަތް ދިނުމަށްޓަކައި ލައިސަންސް ހޯދަން ޖެހޭއިރު، ލައިސަންސް ހޯދުމަކާ ނުލައި، ޚިދުމަތްދޭނަމަ އެ ތަނެއް ވަގުތުން ބަންދުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު އެމްއެފްޑީއޭއަށް ދީފައިވެއެވެ.

comment ކޮމެންޓް