ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރެވުމުން އަމޮރިމް އުފަލުން ފޮޅިފައި

ޔުނައިޓެޑުގެ ކޯޗު އަމޮރިމް

ފީފާ ކުލަބު ވޯލްޑްކަޕް ކާމިިޔާބުުކުރި ޗެލްސީ ބަލިކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި, އުފާވެރިކަން ބަޔާންކުރަން ވެސް އުނދަގޫކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ރުބެން އަމޮރިމް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 2-1އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވުމާއެކު އޭނާއާއި ޔުނައިޓެޑަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.

މިއީ އަމޯރިމް ހަވާލުވި ފަހުން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ލީގުގައި ޔުނައިޓެޑު މިހާތަނަށް ކުޅުނު ފަސް މެޗާއެކު އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ. ލީގަށް ވާދަކުރާކަމަށް ބެލެވޭ ޓީމުތަކުގެ ތެރޭގައި ހިމެނޭ ޗެލްސީ މިވަގުތު އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން އަށް ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.

މެޗުގެ ފަސް ވަނަ މިނެޓުގައި ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އަމޮރިމް ފާހަގަކުރި ގޮތުގައި މި ކާޑަކީ ޔުނައިޓެޑަށް ލިބުނު ބޮޑު ހިތްވަރެކެވެ. އަދި މުޅި ޓީމަށްވެސް ލިބުނު ފައިދާއެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

ޗެލްސީން އެކަކު މަދުން ކުޅެން ޖެހުމުގެ ފައިދާ ޔުނައިޓެޑުން ވަރަށް ރަނގަޅަށް ނެގިއެވެ. އެގޮތުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އެ ޓީމަށް ޖަހައިދިން 100 ވަނަ ލަނޑު، ފުރަތަމަ ހާފުގައި ކާމިޔާބުކުރިއިރު ކަސެމިރޯ ވެސް ލަނޑު ޖެހިއެވެ.

އަމޮރިމް ބުނީ ޔުނައިޓެޑުން ކާމިޔާބުކުރި ދެ ލަނޑާއެކު މުޅި ޓީމު މެޗުގެ ފަހުކޮޅު ޕްރެޝަރަށް އަމިއްލައަށް ވެއްޓުނު ކަމަށެވެ.

"ދެ ގޯލާއެކު ކޮންޓްރޯލުގައި އަހަރެމެން ތިބީ. އެގޮތަށް ހުރިހާ ކަމެއް ރަނގަޅަށް ދަނިކޮށް އަމިއްލައަށް ޕްރެޝަރަށް ވެއްޓިގަތީ، މިއީ އަހަރެމެންނަށް ހައްގު މޮޅެއް، ޔުނައިޓެޑު މިއަށްވުރެ ފަސޭހައިން މެޗުތަކުން މޮޅުވާންޖެހޭ،" އަމޮރިމް ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔުނައިޓެޑާ ހަވާލުވި ޕޯޗުގަލްގެ ޒުވާން ކޯޗު ވަނީ، ޓީމު ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ކުރާ މަސައްކަތުގައި މި މޮޅުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކޮށްފައެވެ.

comment ކޮމެންޓް