ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދޭން ފަށައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކް: މިރެއިން ފެށިގެން އެކުލިނިކުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ --- ފޮޓޯ/ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް

ގިނަ ބަޔަކު ދިރިއުޅޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކުގައި 24 ގަޑިއިރަށް ޚިދުމަތް ދޭން ފަށައިފިއެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޔާ ޓަވަރު 16ގައި ހިންގާ އެ ކުލިނިކުން 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ފެށީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން ކަމަށެވެ.

އެގޮތުން، ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް 23ގައި އެ ކުލިނިކްގައި ދެ ޝިފްޓަށް ޚިދުމަތް ފުޅާކުރިކަން ހަލީމް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ދަށުން ހިންގާ އެ ކުލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ 30،000އަށް ވުރެ އިތުރު ކަމަށް ލަފާކުރެވޭއިރު، ހަލީމް ވިދާޅުވީ، ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި އުޅޭ ކޮންމެ އާއިލާއަކަށް އިތުބާރުހުރި ސިއްހީ ފަރުވާ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ޑޮކްޓަރަށް ނުދެއްކި މީހުން އެތައް ދުވަހެއް ވަންދެން ކިޔޫގައި ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށްޓަކައި މި ސަރުކާރުން ވަނީ ޖެނެރަލް ޕްރެކްޓިޝަނާސް 15 ކްލިނިކް އަޅަން މި އަހަރަށް ބަޖެޓުކޮށްފައެވެ.

https://sun.mv/198595

އެ ކްލިނިކްތައް އެޅުމުން ސުޕަ ސްޕެޝަލިސްޓުންނާއި ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭނީ އެ ފަދަ ކްލިނިކަކަށް ދެއްކުމަށް ފަހެވެ. އޭރުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން އޮންނަ ކިޔޫ އެއްކޮށް ނައްތައިލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް