އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ވެސް، ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަން އިއުލާންކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިރް ސްޓާމާ އެ އިއުލާންކުރެއްވީ، ފަލަސްތީނުގައި އިސްރާއީލުން ހިންގާ ޖަރީމާތަކަށް އަލިއަޅުވާލާނެ، އދ. އާންމު މަޖިލީހުގެ ބައްދަލުވުން ފެށުމާ ގުޅުވައިފައެވެ.
ބޮޑުވަޒީރު ވިދާޅުވީ، ފަލަސްތީނު ބަލައިގަތީ، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ އުއްމީދާއެކުގައި ކަމަށާއި ފަލަސްތީނާއި އިސްރާއީލުގެ އާންމު ރައްޔިތުންނަށް ވެސް ސުލްހަވެރި މާހައުލެއްގައި ދިރިއުޅުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭ ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވާއިރު، އިނގިރޭސިވިލާތުން އެކަމަށް ދެކޮޅު ހެދީ، ހަމާސްއަށް ހިތްވަރު ދޭން ބޭނުންނުވާ ކަމަށް ބުނެއެވެ.
އިނގިރޭސިވިލާތުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަމުން ބުނެފައިވަނީ، ޣައްޒާގެނ ސަރުކާރާއި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ވެސް ހަމާސްގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި، ޣައްޒާގައި ވެރިކަން ކުރާ ހަމާސްގެ ލީޑަރުންނަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އިނގިރޭސިވިލާތުން އިއުލާންކޮށްފައިވެއެވެ.
އިނގިރޭސީންގެ އިތުރުން އޮސްޓްރޭލިއާއާއި ކެނެޑާއިން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަންނަކަން އިއުލާންކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދުމަށް މަގުފަހިކޮށްދިނީ އިނގިރޭސިވިލާތުންނެވެ.
ބެލްފޯ ޑިކްލަރޭޝަނާއި، އިސްރާއީލު އުފެއްދުން
ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި، އިނގިރޭސިވިލާތުން، އޭރުގެ ޔަހޫދީ މަހުޖަނުން ރުއްސައި އެހީ ހޯދުމަށް ޓަކައި މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން އޭރުގެ އިނގިރޭސި ޚާރިޖީ ވަޒީރު އާތާ ޖޭމްސް ބެލްފޯ، ޔަހޫދީ ލީޑަރެއް ކަމަށްވާ ވޯލްޓާ ރޮތްސްޗައިލްޑަށް ސިޓީއެއް ފޮނުވިއެވެ.
ނޮވެންބަރު 2، 1917ގައި ފޮނުވި އެ ސިޓީގައިވަނީ، ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް އުފައްދައިދިނުމަށް އިނގިރޭސިވިލާތުން ވައުދުވާ ކަމަށެވެ. އެ ލިޔުމަށް ދީފައިވާ ނަމަކީ "ބެލްފޯ ޑެކްލެރޭޝަން"އެވެ.
ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަށް ފަހު، ފަލަސްތީނު އޮތީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައެވެ. އަދި އިނގިރޭސީންގެ ވައުދު ފުއްދުމަށް ޓަކައި، 1948ގައި އިނގިރޭސީން ފައިބަން ދެން، ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ޖަމާކުރިއެވެ. އަދި 1948ގައި އިސްރާއީލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި ދައުލަތެއް އުފެއްދިކަން އިއުލާންކުރިއެވެ.
ބެލްފޯ ޑިކްލަރޭޝަނަށް ގަރުނަކަށް ވުރެ ގިނަ އަހަރުވެފައިވާއިރު، އިނގިރޭސިވިލާތުން އެ ގައުމުގެ ބާރު ގަދަ ކުރުމަށް ވީ ވައުދުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް މިހާރު ވެސް ދަނީ ގެއްލެމުންނެވެ.