އެކި ގައުމުތަކުގެ ސަގާފަތް ދެއްކުމަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ ފޯރަމެއް ޝަރަފުވެރިކޮށްދެއްވުމަށް، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.
އާދަމް ނަސީރު ވަޑައިގަންނަވަނީ، ޔޫއޭއީގެ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ބާއްވާ 'ޝާރުޖާ ނެރޭޓާސް ފޯރަމް'ގެ 25ވަނަ ސެޝަން ޝަރަފުވެރިކޮށް ދެއްވުމަށެވެ. އެ ފޯރަމް ކުރިއަށް ދާނީ މާދަމާއިން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ، "ދަތުރުވެރީންގެ ވާހަކަ" ޝިޢާރުގެ ދަށުން ބާއްވާ އެ ފޯރަމުގެ މަގުޞަދުތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ތާރީޚާއި ސަގާފަތާއި އާދަކާދަތައް ބޭރު ދުނިޔެއަށް ދައްކުވައިދިނުމާއި ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުން ހިމެނޭ ކަމަށެވެ.
އެ ފޯރަމުގައި ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި، ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި، ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.
އެ ދަތުރުފުޅުގައި ވަޒީރާއެކު، "ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ"އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ބޭފުޅަކު" ބައިވެރިވެޑައިގަންނަވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އޭގެއިތުރަށް، ރާއްޖޭގެ ސަގާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަގުސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއްކޮށް، އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ބޭފުޅަކާއި ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށަހަޅައިދޭނެ ބަޔަކު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ވުޒާރާއިން ހާމަނުކުރެއެވެ.
ސަގާފަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އެ ބޭފުޅުންނާއި ވަޒީރުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ ޝާރުޖާގެ ފަރާތުންނެވެ.