ދުނިޔޭގެ ލީޑަރުން ބައިވެރިވާ އދ.ގެ އާންމު މަޖިލީހަށް ރައީސްގެ ބަދަލުގައި ޚަލީލް

ޚަލީލް ނިއުޔޯކަށް ފުރާވަޑައިގަތުމަށް ވީއައިއޭގެ ވީއައިޕީގައި -- ފޮޓޯ: އެކްސް

ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދ.ގެ 80ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބަދަލުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ނިއުޔޯކަށް ފުރައިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލް ވަނީ މިއަދު ފުރަވަޑައިގެންނެވިކަން ހާމަކުރައްވައިފައެވެ.

އާންމު ގޮތެއްގައި، އދ.ގެ އާންމު މަޖިލީހުގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މީގެ ކުރިން ވެސް ނިއުޔޯކަށް ވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން މިދިޔަ އަހަރު ވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަން އެމެރިކާއަށް ވަޑައިގެންފައެވެ.

24 ސެޕްޓެމްބަރު 2024: އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަގުރީރުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް، ފަލަސްތީނު މައްސަލައިގައި ވެސް މުހިންމު މަޝްވަރާތަކެއް ކުރަން އެޖެންޑާގައި އޮއްވައި، ރައީސް މި އަހަރުގެ އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބެއް ރައީސް އޮފީހުން އަދި ހާމައެއް ނުުކުރެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލުކުރުމުން، ވިދާޅުވީ މައުލޫމާތު ސާފުކުރުމަށްފަހު ހިއްސާކުރައްވާނެ ކަމަށެވެ. ނަމަވެސް ފަހުން ކުރި މެސެޖަށް ޖަވާބެއް ނުދެއްވައެެވެ.

ހަމައެހެންމެ ފޮރިން މިނިސްޓްރީގެ މީޑިއާއަށް ވެސް ގުޅައި މެސެޖު ކޮށްގެން ވެސް ޖަވާބެއް ނުދެއެވެ.

ރައީސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އުޅުއްވަނީ އަށް ދުވަހުގެ ދަތުރުފުޅެއްގައި އަތޮޅުތެރޭގައެވެ. މި ދަތުރުފުޅުތަކުގެ ތެރޭގައި ރަށްރަށުގައި އޭޓީއެމްތައް ހުޅުވައި ދެއްވުމުގެ އިތުރުން އެކިއެކި ޕްރޮޖެކްޓްތަކުގެ ބިންގާ ވެސް ދަނީ އަޅުއްވަމުންނެވެ.

މި އަހަރުގެ އދ. ގެ ބައްދަލުވުމުގައި މަޝްވަރާކުރާ މުހިންމު ކަންމުގެ ތެރޭގައި އިސްރާއިލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ހުއްޓުވައި، ސުލްހަކުރުން ހިމެނެއެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ކަންކަމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގައި ބައިނަލްއަގްވާމީ ގޮތުން ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައެޅުމުގެ މަޝްވަރާ ހިމެނެއެވެ.

އދ.ގެ އާންމު މަޖިލީހަކީ ދުނިޔޭގެ ލީޑަރުން އެއްވެ، ދުނިޔޭގެ މަސްރަހުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ، ހަފުތާއެއްހައި ދުވަހަށް ދެމިގެންދާ ޚާއްސަ ބައްދަލުވުމެކެވެ.

އދ.ގެ އާންމު މަޖިލިސް ބާއްވާ ޖެނެރަލް އެސެމްބްލީ ހޯލް --

އާންމު މަޖިލީހުގެ 80 ވަނަ ސެޝަން މި މަހުގެ ނުވަވަނަ ދުވަހު ވަނީ ފަށައިފައެވެ. ނަމަވެސް ބައިނަލްއަގްވާމީ ދުނިޔެ އެންމެ ބޮޑަށް އިންތިޒާރުކުރާ އަދި، ސަމާލުކަން ދޭނެ އެއް ކަމަކީ އަންނަ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ހައި ލެވެލް ވީކް"ގެ ހަރަކާތްތަކެވެ. އެއީ މި ހަފުތާއެއްހާ ދުވަހުގެ ތެރޭ ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ޚާރިޖީ ވަޒީރުން އދ.ގެ މަޖިލީހުގައި ތަގުރީރުކުރައްވައި މުހިންމު ކަންކަން ހާމަކުރައްވާނެތީއެވެ.

އެގޮތުން ފަލަސްތީނު އިސްރާއީލް މައްސަލައިގައި ގައުމުތަކުން މުހިންމު ނިންމުންތަކެއް ނިންމާއިރު، ފްރާންސާއި، ބެލްޖިއަމް، މޯލްޓާއިން ވަނީ ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންނަކަން އދ.ގެ އާންމު މަޖިލީހުގައި ހާމަކުރާނެކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާއާއި އެހެނިހެން ބައެއް ގައުމުތަކުން ވަނީ ވަކި ޝަރުތުތަކަކާއެކު މިނިވަން ވަކި ދައުލަތެއްގެ ފަލަސްތީނު ބަލައިގަންނާނެކަމަށް ބުނެފައެވެ. ނަމަވެސް އެކަން ކޮށްފާނެ ކަމާމެދު ބައިނަލްއަގްވާމީ މަސްރަހުގައި އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި އަހަރު މި ބާއްވަނީ އދ.ގެ 80ވަނަ އާންމު މަޖިލީހެވެ. އދ.ގެ 80ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވާނީ ޖަރުމަނުގެ ކުރީގެ ފޮރިން މިނިސްޓަރު އަނަލެނާ ބައެބޮކްއެވެ.

އދ. ވުޖޫދުވީ 24 އޮކްޓޯބަރު 1945ވަނަ އަހަރެވެ. އެހެންކަމުން މި އަހަރަކީ އދ. ވުޖޫދުވިތާ 80ވަނަ އަހަރު ފުރޭ އަހަރެވެ. މި އަހަރަކީ އދ.ގެ މެންބަރު ގައުމަކަށް ރާއްޖެ ވީތާ 60 އަހަރު ފުރޭ އަހަރެވެ.

comment ކޮމެންޓް