ސްކައުޓް އެސޯސިއޭޝަން ހިންގަން ފިލާ ބިލްޑިންގެ ބައެއް ދީފި

ސްކައުޓް އޮފީހުގައި ސްކައުޓް މެންބަރުންތަކެއް: މިނިސްޓްރީން ވަނީ ފިލާ ބިލްޑިންގެ ބައެއް ސްކައުޓް އެސޯސިއޭޝަންގެ އޮފީސް ހިންގުމަށް މިދިޔަ ހަފުތާގައި ދީފަ -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

ފިލާ ބިލްޑިންއަށް ސްކައުޓް އެސޯސިއޭޝަން ބަދަލުކޮށް، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ ހިންގަން އެޑިއުކޭޝަން މިނިސްޓްރީން އެ އިމާރާތުން ބައެއް ދީފިއެވެ.

ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓުގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ޗާންދަނީމަގުގައި ހުންނަ، އަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތުގައެވެ. އެ އިމާރާތަކީ ބާވެ، ތަނބުތަކަށް އެކިވަރުގެ ގެއްލުން ވެފައިވާ އިމާރާތެކެވެ.

ފާހަގަކުރެވޭ ގޮތުގައި ސްކައުޓް އެސޯސިއޭޝަނާއި ކެޑޭޓު ކޯގެ އޮފީސް ހިންގުމުގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ އެކި މުދާތައް ވެސް ގުދަންކޮށްފައި ހުންނަނީ އެ އިމާރާތުގައެވެ.

ނަމަވެސް, މި މަހުގެ 10ވަނަ ދުވަހު ސްކައުޓް އެސޯސިއޭޝަންގެ އޮފީހާއި، ފިހާރަ ހިންގާނެ އިމާރާތެއް ހަމަނުޖެހެނީސް، މިހާރު ހިންގާ ތަނުން ނިކުންނަން ޖެހުމުން، އެ އެސޯސިއޭޝަންގެ އޮފީހާއި ފިހާރަ މި މަހުގެ 10ވަނަ ދުވަހު ބަންދުކުރިއެވެ. އެކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިދިޔަ ހަފުތާގެ ތެރޭ ވަނީ ސްކައުޓް އެސޯސިއޭޝަނަށް އޮފީހެއް ހަމަޖެހޭނެކަމަށް ވިދާޅުވިއެވެ.

މިއަދު 'ސަން'އިން ސުވާލުކުރުމުން، މިދިޔަ ހަފުތާގައި ސްކައުޓް އެސޯސިއޭޝަނަށް އޮފީހެއް މިނިސްޓްރީން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/211239

ސްކައުޓް އެސޯސިއޭޝަނުން ބުނީ، މިނިސްޓްރީން ވަނީ ފިލާ ބިލްޑިންއިން ބައެއް އެ އެސޯސިއޭޝަން ހިންގުމަށް ހަމަޖައްސާފައި ކަމަށާއި، މާދަމާ އޮންނަ ކޭމްޕް ނިމުމުން އާ އޮފީހަށް އެސޯސިއޭޝަންގެ ސާމާނުތައް ބަދަލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އޮފީސް ބަދަލުވި ނަމަވެސް، މިހާރު ވެސް އޮންނަ ގޮތަށް އޮންލައިން ޚިދުމަތްތައް ގަވާއިދުން ކުރިއަށްދާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

މީގެ ކުރިން، މިދިޔަ މޭ މަހު، ގައުމީ ސްކައުޓް ދުވަހު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސްކައުޓްގެ ހަރަކާތަށް ސަރުކާރުގެ ތެރެއިން ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެ ދުވަހު އިމާރާތުގެ ވާހަކަ ވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެ ހަރަކާތަށް ބޭނުންވާ ކަންކަމަށް، މާލީ ގޮތުންނާއި އުމްރާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް