ތަކަންދޫ ގެއަކުން ވަގަށް ނެގި 32،000 ރުފިޔާ އަދިވެސް ނުފެނޭ

ތަކަންދޫ ބަނދަރުމަތި: އެ ރަށު ގެއަކުން ވަގަށްނެގި 32000ރ. އަދި ވެސް ނުފެނޭ-- ފޮޓޯ: ޝަފްރާޒް އަލީ

ހއ. ތަކަންދޫގައި އުމުރުން 65 އަހަރުން މަތީގެ ދެމަފިރިން އެކަނި އުޅޭ ގެއަކަށް ވަގުން ވަދެ, ވަގަށް ގެންދިޔަ 32000 ރުފިޔާ އަދިވެސް ނުހޯދޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު އެ ވައްކަން ކުރީ އެ ދެމަފިރިން އާދައިގެ މަތިން ހަވީރު ބަނދަރު މައްޗަށް ގޮސް އުޅުނު ވަގުތުގައެވެ. އުމުރުން 65 އަހަރުވުމުން ލިބޭ އިނާޔަތުގެ ފައިސާގެ ތެރެއިން ބައެއް ނަގައި އެ ދެމަފިރިން ހުރީ ގޭގައި ބަހައްޓައިފައެވެ.

އެ ވައްކަން ކުރިތާ 11 ދުވަސް ވެފައިވާއިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަދި އެ ގެއްލުނު ފައިސާ ނުފެންނައިރު އެ މައްސަލައިގައި މީހަކު ވެސް ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

https://www.sun.mv/211162

މައްސަލަ އަދިވެސް އަންނަނީ ތަހުގީގު ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ވައްކަން ކުރި ދުވަހު, އެ ދެމަފިރިން ބޭރަށް ދިޔައީ ގޭގެ ކޮޓަރިތައް ތަޅުލައި, ތަޅުދަނޑި ގޭގެ ވަކި ތަނެއްގައި ފޮރުވާފައި ކަމަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ. އެ ވައްކަން ކޮށްފައި ވަނީ އެ ދެމަފިރިންގެ ކަންކަން ވަރަށް އެނގޭ މީހަކު ނުވަތަ ބަޔަކުކަމަށް ބެލެވޭ ކަމަށާއި އެއީ ފައިސާ ބަހައްޓާފައި ހުރި ކޮޓަރިއަށް ވަދެފައިވަނީ ކޮޓަރީގެ ތަޅު ހަލާކު ނުކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

"ފައިސާ ބަހައްޓާފައި ހުންނަނީ ޓްރެވެލިން ބޭގެއްގައި. އެ ބޭގު ވެސް ތަޅުލާފައި ހުންނަނީ. އެ ތަޅު ހަލާކު ކޮށްލައިފައި ހުރިހާ ފައިސާއެއް ގެންގޮސްފައި ވަނީ," އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތަކަންދޫގައި ފުލުހުންގެ މަރުކަޒެއް މިހާރު ހުންނައިރު މި މައްސަލަ ރިޕޯޓް ކުރުމުން ފުލުހުން އެ ގެއަށް ގޮސް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ސާމްޕަލްތައް ވަނީ އެ ދުވަހު ނަގައިފައެވެ.

ތަކަންދޫގައި މިފަދަ ކުށްތައް ކުރުމަކީ އެހާ އާއްމު ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު އެ ރަށުގައި އުޅުނު ނަމަވެސް އެހެން ކަހަލަ ކުށްތައް ކުރުމަކީ އެ ރަށުގައި އާއްމު ކަމެއް ނޫނެވެ.

ރަޖިސްޓްރީގައި ނުވަ ސަތޭކައަށް ވުރެން ގިނަ މީހުން ތިބި ނަމަވެސް ތަކަންދޫގައި ދިރިއުޅެނީ ދެތިން ސަތޭކަ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. ރަށުގައި މީހުން އުޅޭ މިންވަރު މަދުވެފައިވަނީ ތައުލީމު ހާސިލު ކުރުމަށާއި ވަޒީފާ ހޯދުމަށް ޒަމާނުންސުރެއް އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު މާލޭގައި ދިރިއުޅޭތީއެވެ.

comment ކޮމެންޓް