ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅެނިކޮށް، އެ ސަރަހައްދުން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ކަރަންޓު ހޮނިހިރު ދުވަހުގެ މެންދަމު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ހޮނިހިރު ދުވަހުގެރޭ މެންދަމު 3:30 ހާއިރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުތަކުންނާއި ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ނެޓްވޯކް ފީޑަރުގެ ބައެއް ނިވިގެން ކަމަށެވެ.
އެކަން ހިނގީ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
އެކަމާ ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އަނބުރާ ދޭން ފެށިފައިވަނީ ފަތިހު 4:56 ހާއިރު ކަމަށް ވެސް، އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ، ސަބްސްޓޭޝަނަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ހުށަހަޅައި، މި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެނައުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ވަނީ، ސަބްސްޓޭޝަންތަކަށް ގެއްލުންދޭ މީހުންގެ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި އައްޑޫޫ ސިޓީގެ ފޭދޫގައި ހުންނަ ޓްރާންސްފޯމަރަކުން ނަރު ބުރިކުރަން އުޅުނު މީހަކު ފިހި، މީގެ ދެ ހަފުތާކުރިން އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދީފައިވެއެވެ. އަދި ޓްރާންސްފޯމަރަކުން ނަރު ބުރިކުރަން އުޅުނު މީހަކު މީގެ ތިން މަސް ކުރިން ހައްޔަރުކޮށް ބަންދުކޮށްފައި ވެސް ވެއެވެ.
ޓްރާންސްފޯމަރުތަކުން ނަރު ބުރިކުރާ މައްސަލަ ދޭތެރެއަކުން ފެންމަތިވާއިރު، އެއީ ކަރަންޓުގައި ޖެހި، ފުރާނައަށް ވެސް ގެއްލުންވާނެ ފަދަ ނުރައްކާތެރި ކަމެކެވެ.