ދަށްނުވެ، ޑޮލަރެއްގެ އަގު އަދިވެސް 20 ރުފިޔާއިން މަތީގައި

ޑޮލަރު: ޑޮލަރެއްގެ އަގު އަދިވެސް ހުރީ 20 ރުފިޔާއިން މަތީގައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ ނަމަވެސް އަދިވެސް ޑޮލަރުގެ އަގު 20 ރުފިޔާއިން ދަށްނުވާކަން އެނގިއްޖެއެވެ.

ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ އަގު ދަށްވާން ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، މާރިޗު 6، 2024 ގައެވެ. އޭރު ޑޮލަރުގެ އަގު 18 ރުފިޔާއަށެވެ. އެކަމަކު، ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާއިން މަތީގައެވެ. އެ އަގުގައި ޑޮލަރުގެ އަގު ހިފެހެއްޓިފައި ހުންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.

އެންމެ ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކާ ގްރޫޕުތަކާއި މީހުންގެ ފަރާތުން އެނގޭ ގޮތުގައި ޑޮލަރެއްގެ އަގު އަދިވެސް ހުރީ 20 ރުފިޔާއިން މަތީގައެވެ. އެގޮތުން، އެންމެ އާންމުކޮށް މިހާރު ޑޮލަރެއް ލިބެން ހުރީ 20.10 ރުފިޔާއަށެވެެ. އަދި، ބައެއް މީހުން 20.15 އާއި 20.20 އަށް ވެސް އަންނަނީ ޑޮލަރު ވިއްކަމުންނެވެ. އެހެންވެ، ޑޮލަރެއްގެ އަގު އަދިވެސް ހުރީ 20 ރުފިޔާއިން މަތީގައެވެ.

https://sun.mv/205111

ފާހަގަކޮށްލެވޭ ގޮތުގައި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ގަވާއިދެއް ހަދާފައެވެ.

އެ ގަވާއިދާ އެކު ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެކަމަކު، އެ ގަވާއިދުގެ ދަށުން އެތައް މިލިއަން ރުފިޔާއެއް މާރުކުރި ނަމަވެސް ޑޮލަރުގެ އަގަށް ބަދަލެއް ނާދެއެވެ. އެގޮތުން، އެމްއެމްއޭއިން ވަނީ ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެ ބޭންކަށް ނަގަން ނިންމާފައެވެ.

އެހެންވެ، ވިޔަފާރިތަކާއި އާންމުން ވެސް ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމުގެ ސަބަބުން ތަކެތީގެ އަގުތައް ވަނީ ބޮޑުވެފައެވެ.

އެކަމަކު، ރައީސް މުއިއްޒު ވަނީ ސިޔާސީ ބޭނުމުގައި ވިޔަފާރިވެރިން ގަސްތުގައި ރާވައިގެން ތަކެތީގެ އަގު ބޮޑުކުރީ ކަމަށް ތުހުމަތުކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ޑޮލަރު ދޫކުރާ ކަމަށާއި އެ މީހުން ތަކެތީގެ އަގު ބޮޑުކުރީ ގަސްތުގައި ކަމަށެވެ. އެސްޓީއޯ މެދުވެރިކޮށް މޭވާއާއި ތަރުކާރީ ހިމެނޭހެން އާންމުން ބޭނުންކުރާ ގިނަ ބާވަތްތައް އެތެރެކުރަން ނިންމީ އެހެންވެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/211547

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު ޓީޓީ ހެދުމަށް ވިޔަފާރިތަކަށް އެ ބެންކުން ވިއްކީ 69 މިލިއަން ޑޮލަރެވެ. ނަމަވެސް، މި އަހަރު، މިދިޔަ އަށް މަހުގެ ތެރޭގައި އެކަނި ވެސް 73 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން އާންމުންނާއި ވިޔަފާރިތަކުގެ އިތުރުން ޒަރޫރީ ކަންކަމަށް ވެސް ގިނަ ބަޔަކު ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހެއެވެ. ކާބޯތަކެތި ހިމެނޭހެން އެންމެ ޒަރޫރީ ބާވަތްތައް ވެސް އެތެރެކުރާ ގައުމަކަށް ވުމުން ޑޮލަރުގެ އަގާ އެކު ދިވެހި އިގުތިސާދަށް ވަރަށް ބޮޑަށް އެނގުންވެއެވެ.

ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގަން ފެށީ ދަރަނީގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އެ ގޮތުން، މި އަހަރު އެކަނި ވެސް ދަރަންޏަށް 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. ބޭރުގެ މާލީ އިދާރާތަކުން ވެސް އެ ކަންބޮޑުވުން ފާޅުކުރިއިރު، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗާއި މޫޑީޒްއިން ވެސް ރާއްޖެއަށް ދީފައިވަނީ 'ޖަންކް' ރޭޓިންއެކެވެ.

comment ކޮމެންޓް