އެވަޓަން ބަލިކޮށް ލިވަޕޫލްގެ މޮޅުވުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން ބަލިކޮށް ލިވަޕޫލުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފިއެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ.

މި މެޗުން މޮޅުވުމާއެކު ލިވަޕޫލުން ވަނީ މި ސީޒަނުގައި އެ ޓީމުން ކުޅުނު ފަސް މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމުގައި ފަރަގު ބޮޑުކޮށްފައެވެ. ދެވަނައިގައި އޮތް ޓޮޓްނަމް ހޮޓްސްޕާއަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ.

މެޗަށް ނިކުތްއިރު ކޯޗު އާން ސްލޮޓް ވަނީ 241 މިލިއަން ޕައުންޑް ޚަރަދުކޮށް އެ ޓީމަށް އަލަށް ގެނައި އެލެކްޒެންޑާ އިސާކް އާއި ފްލޯރިއަން ވާޓްޒް ބެންޗަށް ބަދަލުކޮށްފައެވެ.

މި މެޗުގެ 10 ވަނަ މިނިޓުގައި ލިވަޕޫލްގެ ރަޔާން ގްރަވެންބަޗް ވަނީ މުހައްމަދު ސަލާ ދިން ޕާހަކުން ލަނޑެއް ޖަހައި ލިވަޕޫލް އަށް ލީޑު ނަގައިދީފައެވެ.

މި ލަނޑު ޖެހިތާ ނުވަ މިނިޓު ފަހުން ހޫގޯ އެކިޓީކޭ ވަނީ އިތުރު ލަނޑެއް ޖަހައި ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ޑޭވިޑް މޯޔެސްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެވަޓަންއިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1އަށް ބަދަލުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިދްރީސާ ގުއޭޔޭ އެވެ.

މި މެޗުން އެވަޓަން ބަލިވެފައިވާއިރު، މޯޔެސްގެ އިރުޝާދުގެ ދަށުން އެންފީލްޑްގައި ކުޅުނު 23 މެޗުގެ ތެރެއިން އެއްވެސް މެޗަކުން އޭނާގެ ޓީމެއް މޮޅުވެފައެއް ނުވެއެވެ.

comment ކޮމެންޓް