ދެ އަހަރާއި ބައިތެރޭގައި މަސައްކަތް ނިންމާ ގޮތަށް، ނިލަންދޫ އެއާޕޯޓު އަޅަން އެމްއޭސީއެލްއަށް

ނިލަންދޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުން: މަސައްކަތް ހަވާލުކުރީ ދެ އަހަރާއި ބައިތެރޭގައި މަސައްކަތް ނިންމާ ގޮތަށް ----- ފޮޓޯ/ ރައީސް އޮފީސް

ދެ އަހަރާއި ބައިގެ މުއްދަތުގައި ނިންމާ ގޮތަށް، ފ. ނިލަންދޫގެ އެއާޕޯޓު އެޅުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ މިރޭ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައެއް އަތޮޅުތަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ.

މަޝްރޫއުގެ އިތުރު ތަފުސީލުތައް ރައްޔިތުންނާ ހިއްސާކުރައްވައި، ރައީސް ވިދާޅުވީ، އެއާޕޯޓު އެޅުމަށް، ގާތްގަނޑަކަށް 1،500 މީޓަރު ދިގުމިނުގެ ރަންވޭއެއް އެޅޭ ގޮތަށް އެމްޓީސީސީން ބިން ހިއްކައި ނިންމަމުން އަންނަ ކަމަށެވެ. އިތުރު 300 މީޓަރުގެ ބިން ހިއްކަން ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު މިރޭ ނިލަންދޫއަށް ވަޑައިގަތުން: ވިދާޅުވީ، ގިނަވަގެން ދެ އަހަރާއި ބައި ތެރޭ ނިލަންދޫ އެއާޕޯޓު ނިންމައިދެއްވާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އެހެންވެ، އެ މަޝްރޫއުގެ ތެރެއިން، 1،800 މީޓަރުގެ ރަންވޭއެއް އެޅުމަށް ބޭނުންވާ ވަރަށް ބިން ހިއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެމްއޭސީއެލްއާ ހަވާލުކުރީ އެއާޕޯޓު ތަރައްގީ ކުރުމާއި ހިންގުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެކުންފުނިން ނިލަންދޫގައި އެންމެ ޒަމާނީ ފެންވަރުގެ ފުރިހަަމަ އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، އެންމެ ގިނަވަގެން ދެ އަހަރާއި ބައި ތެރޭގައި މި އެެއާޕޯޓު ނިންމައި ތިބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ ބައްލަވާ އެއަށް ވުރެ ވެސް އަވަސް ވާނެ ކަމަށްރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވި ގޮތުގައި، ނިލަންދޫ އެއާޕޯޓަކީ އެރަށުގެ އިތުރަށް ފ. އަތޮޅުގެ ތަރައްގީއަށް ކޮންމެހެން ބޭނުން ތަނެކެވެ.

https://sun.mv/190300

ނިލަންދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކުރީ، މާރިޗު 27، 2024ގައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް އެންމެ ގިނައިރު ވެގެން 30 މިނިޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ނިލަންދޫގައި އެއާޕޯޓެއް އަޅަން ބަޖެޓުގައި ފައިސާ ވެސް ހަމަޖެއްސި ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ.

comment ކޮމެންޓް