ލިސާން: ވާހަކަ --

ހާސްކަމާއެކު ވާފިރު ދުވެފައި ނުކުމެ ފައުޒީއަށް ގޮވަން ފެށިތަނާ ކުއްލިއަކަށް ބާރު އަޑު ފައްގަނޑަކާއެކު ކޮޓަރީގެ ދޮރު ލެއްޕިއްޖެއެވެ.

އެ އަޑަށް ނަދީދާ ސިހުނެވެ. އޭނާއަށް ބާރުބާރަށް ގޮވައިލެވުނީ ވާފިރަށެވެ. ކުއްލިއަކަށް ތަނަށް ވެރިވެގެން ދިޔަ އާދަޔާޚިލާފު ހިމޭންކަމާއެކު ނަދީދާއަށް ވަށައިގެން ބަލައިލެވުނެވެ. އޭނަގެ މޫނުމަތީން ބިރުވެެރިކަން ފެނެއެވެ. އޭރުވެސް ސަމްރާ އުޅެނީ ގައިގައި އަޅާ ވޭނަށް ކެތްނުކުރެވިގެންނެވެ. ނަދީދާގެ ހާސްކަން ފަހުމްވި ސަމްރާ އުނދަގުލުން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ.

"މިހާރު މިތަނުގައި އެކަކު ވެސް ނެތް..." ސަމްރާ ބުންޏެވެ. އެއާއެކު ނަދީދާ އަވަސްވެގަތީ ސަމްރާއަށް އެހީވުމަށެވެ.

ނަމީރާއެކު ބޭރަށް ނުކުތް، ރައާބިލް ޝުކުރުގެ ބެލުމަކުން ނަމީރަށް ބަލައިލިއެވެ. ރައާބިލްގެ މޫނުމަތީގައިވި އަސަރުތަކުން އޭނަ އައި ބޭނުން ބުނަން ނަމީރު ޖެހިލުންވިއެވެ. ރައާބިލް ގާތު އޭނާގެ ބައްޕަގެ އަނިޔާއިން ސަލާމަތްވާން އެތަނުން ފިލަން ބުނަން ބޭނުންވިއެވެ. އެމީހުންގެ އަތު ނުޖެހޭ ހިސާބަށް ދާށޭ ބުނަން ބޭނުންވިއެވެ. އެހެން ނަމަވެސް އެހެން ކަންތައް ކޮށްފިނަމަ ބައްޕަގެ އަނިޔާއާއި ކުރިމަތިލާން ޖެހޭނީ އޭނާއެވެ. އިތުރަށް އެ ބިންގަރާހަށް ދާކަށް އޭނަ ބޭނުމެއް ނޫނެވެ. އުމުރު ދުވަހު އެކަހެރިވެގެން އެތަނުގައި ހުންނާނެ ހިތްވަރެއް އޭނަގެ ނެތެވެ. ލޯބިވާ މީހުންނާ ދުރުގައި ހުންނާނެހާ ހިތްވަރެއް ވެސް ނެތެވެ. ބައްޕަގެ އެދުމަށް ކިޔަމަން ވުމަށް ނަމީރު އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ދިޔަ ސަބަބަކީ އެއީއެވެ.

ނަމީރު ގާތުގައި ތިބި ސިފައިންތައް ކުރިއަށް ޖެހިލުމާއެކު އޭނަ އަތުން އިޝާރާތްކޮށްލީ މަޑުކުރުމަށެވެ. ކޮންމެވެސް ސަބަބަކާ ހުރެ ދަރިފުޅު އުފަން ނުވަނީސް، ރައާބިލް ހައްޔަރުކޮށްގެން ދާން އޭނާގެ ޒަމީރު ދެކޮޅުހަދަނީއެވެ. އޭނާއަކީ ވެސް ބައްޕައެކެވެ. މި ހިނދުކޮޅު ރައާބިލްގެ ހިތުގައި ހިނގާނޭ އިޙްސާސްތައް އޭނާއަށް ވަރަށް ރަނގަޅަށް އަންދާޒާކޮށްލެވެއެވެ. އެ އުފާ ރައާބިލްގެ އަތުން ނިގުޅައިގަންނަން ބޭނުން ނުވާ ސަބަބަކީވެސް އެއީއެވެ. އެންމެ ގާތް އެކުވެރިޔާ އެ އުފަލުން މަޙްރޫމްކޮށްލަން އޭނާ ބޭނުންނުވާތީއެވެ.

"ކިހިނެއްވީ؟" ނަމީރު ސިފައިންނަށް އިޝާރާތްކުރި މަންޒަރު ފެނުމާއެކު، ރައާބިލްއަށް ކުޑަ ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. ކޮންމެވެސް ނުބައެއް އުޅޭކަމުގައި އޭނާގެ ސިކުނޑިން ސިގްނަލް ދޭން ފެށިއެވެ. ނަމީރު އެތަނަށް އައި ބޭނުމާ ބެހޭގޮތުން ސުވާލު އުފެދުނެވެ.

"ނަމީރު... ކިހިނެއްވީ؟" ރައާބިލްއަށް އޭނަގެ ސުވާލު ތަކުރާރުކޮށްލެވުނެވެ. ނަމީރުގެ ހިމޭންކަމާއި އެ ނަޒަރުން ކޮންމެވެސް ގޯހެއް އުޅޭކަމުގައި، ރައާބިލްގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. ރަޙްމަތްތެރިޔާގެ މޫނުމަތީގެ ކުލަވަރުތައް ދެނެގަތުމަކީ އޭނައަށް މާ އުނދަގޫ ކަމެއް ނޫނެވެ. ނަމީރު ކޮންމެވެސް ކަމެއް ސިއްރުކުރަމުން ދިޔަކަން ރައާބިލްއަށް އެނގުނެވެ.

"ރައާބިލް…." ނަމީރު ރައާބިލްއަށް ގޮވައިލި ނަމަވެސް އިތުރަށް އެ ދެމެދުގައި ވާހަކަތަކެއް ދެކެވޭ ގޮތެއް ނުވިއެވެ. ރައާބިލްގެ ކަންފަތުގައި ޖެހުނީ ތުއްތު ތުއްްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެހިނދު އެހެން ހުރިހާކަމެއްގެ މަތީން ރައާބިލް ހަނދާންނެތުނެވެ. ދަރިފުޅާމެދު ހިތުގައި އުފެދުނު އިޙްސާސްތައް އުތުރި އަރަން ފެށިއެވެ. އެ ތުއްތު ދަރިފުޅު ދެކެން ކެތް މަދުވެފައިވާ ޙާލު ލޯތްބާއި ޙަމްދަރުދީއާ ކުލުނުން އެހިތް ފުރިގެން ދިޔައެވެ.

ސަމްރާ ވިހެއި ދަރިފުޅު ގެނެސް ސަމްރާ އަތަށް ދެމުން ނަދީދާ އެ ކުއްޖާއަށް ބަލައިލިއެވެ. ފުރިހަމަ ރީތިކަމެކެވެ. ސަމްރާގެ އަތުގެ ހިމާޔަތް ލިބުމުން ކަންނޭނގެއެވެ. އެ ތުއްތު ދަރިފުޅުގެ ތުންފަތްމަތީން ހިނިތުންވުމެއް ފާޅުވިއެވެ. އިސްތަށިގަނޑުގެ މުށިކުލަ ނޫނީ ދެން ހުރީ ސަމްރާގެ ފަރާތުން ލިބުނު ސިފަތަށްކަން ގައިމެވެ. އެ ކަޅުކުލައިގެ ކަޅިއާ ރީތިކަމެވެ. އެެއްވެސް އައިބުކަމެއް އެ ކުއްޖާގެ ފުށުން ނަދީދާއަކަށް ފާހަގައެއް ނުވިއެވެ. އޭނާގެ ހިތުގައި އެ ކުއްޖާއާ މެދު، ލޯބި އުތުރި އަރައިގަތެވެ. އޭނާއަށް ލޯތްބާއެކު އެ ދަރިފުޅުގެ ގައިގައި ފިރުމައިލެވުނެވެ. އަދި ސަމްރާއަށް ބަލައިލުމަށްފަހު ސަމްރާގެ ބޮލުގައި ވެސް ފިރުމައިލިއެވެ.

ސަމްރާ ނަދީދާއަށް ބަލައިލާފައި އޭނާގެ ކައިރީގައި އޮތް އުޅާ ނަގާ ދަރިފުޅުގެ އަތުގައި އަޅުވައިލަދިނެވެ. ނަދީދާ ސުވާލުކުރަން ފެށުމުން އޭނާއަށް ފަހުމްވާނެހެން ކޮންމެވެސް ވަރަކަށް ވާހަކަތައް ކިޔައިދެވޭތޯ ސަމްރާ މަސައްކަތްކުރިއެވެ

ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ވާފިރު ވެސް އައިސް ސަމްރާގެ އަތުތެރޭގައި އޮތް ދަރިފުޅަށް ބަލައިލުމާއެކު، އޭނަގެ ހިތަށްވެސް ކުލުނާ ޙަމްދަރުދީ ވަނެވެ. އެ ދަރިފުޅު އުރާލުމަށްފަހު، ލޯބިކޮށްލާފައި ސަމްރާ އަތަށް އޭނާ އަލުން ދަރިފުޅު ދިނެވެ.

ހުޅުވިފައި ހުރި ދޮރުން ބޭރުގައި ވެއްޓިފައި އޮތް ފައުޒީ އޭރުވެސް ނުތެދުވެވިފައި އޮތްތަން ފެނެއެވެ. އެހެންނަމަވެސް އޭރު އޭނާއަށް ކޮންމެވެސް ވަރަކަށް ހަމަހޭވެރިކަން ވަމުން ދިޔައެވެ. ސަމްރާގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނު ވަގުތު ވާފިރާ ނަދީދާއަށް ވެސް ބަލައިލެވުނެވެ. އެވަގުތު ސަމްރާ އެކޭ އެއްގޮތަށް ރައާބިލްއާއި އަދި އިތުރު ޒުވާނަކު ވެސް އެ މީހުންގެ ލޮލުގައި އަޅައިގަތެވެ. ރައާބިލްގެ ލޯ ނޫކުލައިގައި ހުރި އިރު، ނަމީރުގެ ލޯ ހުރީ ފެހިނޫ ކުލައިގައެވެ. ރައާބިލް ފުރަތަމަ ފަހަރަށް ނަދީދާއާއި ވާފިރަށް ފެނުނީ އެ ރެއެވެ. އެ މޫނުމަތީން ގޯސް ވައްތަރެއް ނުޖަހައެވެ. އެއީ ރީތި ޒުވާނެކެވެ. ޖެހިލުންވި ނަމަވެސް އެ ދެމީހުން އެމީހުންނަށް ކަމެއް ނުކުރާނެކަމުގައި ހިތް ބުނެލިއެވެ. އެހެން ތިއްބާ ސަމްރާ އެ ދެމީހުންގެ އަތުގައި ހިފައްޓާލާފައި ނޫކުލައިގެ ލޮލުގެ ވެރިޔާ އަކީ ދަރިފުޅުގެ ބައްޕަ ކަމުގައި ބުނެލައިފިއެވެ. އަދި ރައާބިލް ތަޢާރަފްކޮށް ދިނެވެ.

ރައާބިލް ދަރިފުޅު އުރާލާފައި، އުޅެން ފެށި ގޮތުން އޭނަ ސަމްރާ ދެކެ ވާ ލޯބި ފާޅުވަމުން ދިޔައެވެ. އެތަން ފެނި، ނަަދީދާއާއި، ވާފިރު ދުރަށް ޖެހިލާ ފުރުސަތު ދިނެވެ. އެ ދެމީހުން ތިބީ ހައިރާންވެފައެވެ. ރައާބިލް ދަރިފުޅު ގައިގައި އަޅާފައި އޮތް ރަޖާ ހިއްލާލަމުން އެ ދަރިފުޅުގެ އަތަށް ބަލައިލިއެވެ. އަދި ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ.

ނަމީރުވެސް ދުރުގައި ހުރެފައި އައިސް ރައާބިލްގެ އަތުގައި އޮތް ތުއްތު ފުރާނައަށް ބަލައިލިއެވެ.

އެވަގުތު އަނެއްކާވެސް ބާރު އަޑު ފައްގަނޑެއް އިވިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި ފެނުނީ ބިޔަ މީހުންތަކެކެވެ. އެ މަންޒަރު އެންމެންނަށް ފެނުނެވެ. އެ މީހުންގެ ތެރެއިން ކުރީގައި ހުރީ އެހެން ދެވަނަ މީހެއް ނޫނެވެ. އެއީ އިންޖާބެވެ. އޭނަ ހުރީ ރުޅި އައިސް ރަތްވެފައެވެ. ފައުޒީ ރަނގަޅަށް ހޭވެެރިކަންވެ ތެދުވިއެވެ. އޭނައަށް ނުރައްކަލުގެ ހިލަން ވުމާއެކު އަމިއްލަ މީހާގެ ދިފާޢުގައި ރައްކާތެރިވާންވެގެން ކިޔަވަން ފެށިއެވެ. އެހެންނަމަވެސް އޭނައަށް މާބޮޑު ކަމެއް ކުރެވޭ ގޮތެއް ނުވިއެވެ. އިންޖާބު އެ ދިމާލަށް ބަލައިލުމާއެކު އެ ދިޔަ ގޮތަށް ގޮސް ފައުޒީގެ ފުރާނަ ދުއްވާލައިފިއެވެ. އެއާއެކު ނަދީދާގެ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމައިލިއެވެ. ދެން އަނެއްކާވެސް އިންޖާބު އެނބުރުނީ އެމީހުންނާ ދިމާލަށެވެ. އޭނަ ސަމްރާއާ ދިމާލަށް ފިޔަވަޅެއް އަޅައިލުމާއެކު، ރައާބިލް އެކަމަށް ހުރަސް އެޅިއެވެ. އޭރުވެސް އޭނާގެ އަތުގައި ދަރިފުޅު އޮތެވެ.

"ބައްޕާ... ބައްޕަ ކީއްވެތޯ ތިއައީ؟ އަޅުގަނޑު ރައާބިލް ގޮވައިދެން ދާނަމޭ. މިކަންތައް ނިމެންދެން މި މަޑުކުރީ..." ނަމީރު ވީގޮތް ތަފްސީލު ކޮށްދޭން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އިންޖާބު އަތުން މަޑުކުރުމަށް އިޝާރާތްކުރުމާއެކު، އިތުރު ގޮތެއް ނެތްފަދައަކުން ނަމީރު ހިމޭންވިއެވެ. ބައްޕައާ ޖަދަލުކުރުމަކީ ބުއްދިވެރިގޮތަކަށް ނުވާނެތީއެވެ. ވެގެން އުޅޭ ގޮތް ރައާބިލްއަށް ނަގައިގަނެވުނީ ދެނެވެ.

"ނަމީރު... " އިވުނު އަޑު ޤަބޫލުނުކުރެވުނު ފަދައަކުން ރައާބިލްއަށް ގޮވައިލެވުނެވެ. އިތުރަށް ބުނާނެ އެެއްޗެއް އޭނާގެ ސިކުނޑިއަށް އެވަގުތު ނައެވެ. އެކުވެރިޔާ އޭނާއަށް އެފަދަ ދެރައެއް ދީފާނެކަމަށް ފަހަރެއްގައި ވެސް އުންމީދުކުރެވިފައެއް ނުވެއެވެ. ނަމީރަށް ކުރެވުނު ކުށްވެރި އިޙްސާސްއާއެކު، ރައާބިލްއާ ހަތަރު ކަޅިހަމަކޮށްލަން އޭނަ ޖެހިލުންވިއެވެ. ނަމީރުގެ އެ އަމަލުން ރައާބިލްއަށް ހުރިހާކަމެއް ޔަޤީންވިއިރު، އެކުވެރިޔާއާ މެދު ޝަކުވާއިން އެ ހިތް ފުރިގެން ދިޔައެވެ. އެންމެ އިތުބާރު ކުރެވުނު އެކުވެރިޔާވެސް އޭނާއާ އެންމެ ފަހުން ދެކޮޅުވީ އެވެ. ކުރާނީ ކީއް ހެއްޔެވެ؟

އިންޖާބު ކުއްލިއަކަށް ސަމްރާއަށް ބަލައިލުމާއެކު، ސަމްރާ ތެޅި ފޮޅެން ފެށިއެވެ. އޭނަގެ ހަށިގަނޑުގައި އަޅަން ފެށި ވޭނާއެކު، ހީވީ ފުރާނަވެސް ހަށިގަނޑާ ވަކިވެދާނެހެންނެވެ.

"މަގޭ ދަރިފުޅު." ވާފިރާ ނަދީދާއަށް ހަޅޭއްލަވައިގަނެފައި ސަމްރާގެ ގައިގައި ހިފައިގަނެވުނެވެ. "ހެޔޮނުވާނެ ތިހެން ނަހަދާ!"

"ސަމްރާ... " ރައާބިލްއަށް ވެސް ގޮވައިލެވުނެވެ. އޭނަ އެ ދިމާލަށް ދާން އުޅުނު ނަމަވެސް އިންޖާބުގެ ސިފައިން އައިސް އޭނަގެ ދެ ފަރާތުން ހިފައްޓާ އެކަމަށް ހުރަސްއެޅިއެވެ. އަތުގައި އޮތް ދަރިފުޅުގެ ސަބަބުން ރައާބިލްއަށް ވެސް އޭނާގެ ފުރިހަމަ ބާރެއް އެވަގުތު ނުދެއްކުނެވެ. ސަމްރާ ތެޅި ފޮޅެމުން ދިޔައިރު ވާފިރާއި ނަދީދާ ވެސް ދިޔައީ ރޮމުންނެވެ. ސަމްރާ ސަލާމަތްކުރުމަށް ރައާބިލް ތެޅެމުން ދިޔަ މަންޒަރު އެމީހުންނަށް ވެސް ފެނުނެވެ. ރައާބިލްގެ ދެލޮލުން އައި ކަރުނަވެސް މެއެވެ.

"ސަމްރާ ދޫކޮށްލާ… އޭނަގެ ކުށެއް ނެތް… އޭނައަށް ރަޙުމުކުރޭ…" ރަޢާބިލް ބުނަމުން ދިޔައެވެ.

"ބައްޕާ... ހެޔޮނުވާނެ ހުއްޓާލާ..." އެ މަންޒަރު ބަލަން ނަމީރަށް ކެތް ނުކުރެވުމާއެކު، އޭނަ އެންމެފަހުން، އެ ދެމެދަށް ވަނެވެ. "އެއީ ނިކަމެތި އިންސާނެކޭ..."

އޭރު ވެސް ސަމްރާ ދިޔައީ ތެޅި ފޮޅެމުންނެވެ.

"ހެޔޮނުވާނެ ބައްޕާ... އޭނަ މަރާނުލާ... ރައާބިލް ގޮވައިގެން ދާން ހިނގާ. އަހަރެމެން ބޭނުމީ ރައާބިލްއެއްނު. އެ އިންސިއެއް ނޫނެއްނު. " ނަމީރު ހަމަ އާދޭސް ކުރަނީއެވެ. އިންޖާބު އޭނަ ކުރަމުން ދިޔަ ކަންތައް ހުއްޓައިލުމާއެކު، ސަމްރާގެ ހަށިގަނޑަށް އަރަމުން ދިޔަ ބާރު މަޑުމަޑުން ކެނޑެން ފެށިއެވެ. އެހެންނަމަވެސް އޭރު އޭނާގެ ހަށިގަނޑަށް ވަމުން ދިޔައީ ބުނެދޭން ނޭނގޭ ގޮތްތަކެކެވެ. އަތްފައި ހީވަނީ ބަދެފައި ވާހެންނެވެ.

އިންޖާބު ބަލައިލީ ރައާބިލްގެ އަތުގައިވާ ދަރިފުޅަށެވެ.

"ނަމީރު… އޭނަ އަތުގަ އެ އޮތް ދަރިއަށް ބަލާބަލަ..." އިންޖާބު އަމުރުކުރިއެވެ. އެއާއެކު ނަމީރު އިތުރު އެއްޗެއް ނުބުނެ ރައާބިލްއާ ކައިރިވެލިއެވެ. އިތުރު ތަފްސީލަކަށް ނުދިޔަ ނަމަވެސް އިންޖާބު އެބުނަނީ ކީކޭކަން ނަމީރަށް ފަހުމްވީއެވެ.

ރައާބިލް ހުރި ފިޔަވަޅު މަތީ ހުުރީއެވެ. ނަމީރާ މެދު ހިތުގައި ވަނީ ހުސް ޝަކުވާއެވެ. ޖުންދީ ހައްޔަރުކުރުމުގެ ފަހަތުގައި ވެސް ހުރީ ނަމީރުކަމުގައި ރައާބިލް ހީކުރިއެވެ. އޭނާއަށް އިންޖާބަށް ވެސް ނަޒަރެއް ދެވުނެވެ. އޭރު އިންޖާބު ހުރީ ނަމީރުގެ ޖަވާބެއްގެ އިންތިޒާރުގައެވެ.

ނަމީރު އެ ތުއްތު ދަރިފުޅުގެ މޫނަށް ބަލައިލާފައި ނިތުގައި އަތް ހިންގައިލިއެވެ. އޭނައަށް އެއްވެސް ތަފާތެއް ފާހަގައެއް ނުކުރެވުނެވެ. ނަމީރު ކުރަނީ ކީއްކަން އެނގޭ ޙާލު ރައާބިލް އެކަމާ ދެކޮޅު ހަދާކަށް ނޫޅުނެވެ. ސަބަބަކީ އޭނަ ގަދަ ހެދި ނަމަވެސް، އިންޖާބާ އޭނަގެ ސިފައިން އެ ކަންތައް ކޮންމެ ގޮތަކުން ވެސް ކުރާނެ ކަން އެނގޭތީ އެވެ. އެ ފުރުސަތު އެ މީހުންނަށް ދިނެއްކަމަކު ވާނެ ގެއްލުމެއް ނެތްކަން އެނގޭތީވެސް މެއެވެ.

"މީ ފުރިހަމަ އިންސާނެއް. އެއްވެސް ތަފާތެއް ފާހަގައެއް ނުވޭ ބައްޕާ..." ނަމީރު ފަސް އެނބުރިލާފައި އިންޖާބަށް ބަލައިލިއެވެ.

"ފުރިހަމަ އިންސާނެކޭ؟ ޔަޤީންތަ؟" ޤަބޫލުނުކުރެވިފައި ހުރި ފަދައަކުން، އިންޖާބު އަހައިލިއެވެ.

"ލައްބަ ބައްޕާ..." ނަމީރު ޔަޤީންކަން ދިނެވެ. އެހެންނަމަވެސް ދެން ވެސް އިންޖާބަށް އެކަން ޔަޤީންކުރަން އުނދަގޫވިއެވެ. އޭނަ ގޮސް ރައާބިލްގެ އަތުގައި އޮތް ދަރިފުޅަށް ބަލައިލިއެވެ. ނަމީރު ބުނީ ތެދެކެވެ. އެއީ އިންސާނެކެވެ. ވީއިރު އެމީހުންނާއެކު އެ ކުއްޖާ ގެންދިޔުމުގެ ބޭނުމެއް ނެތެވެ.

"ކަލޭގެ އަތުގައި ތި އޮތް ދަރި ހަމަ މިހާރު އެމީހުންނާ ހަވާލުކުރޭ..." އިންޖާބުގެ އަމުރާއެކު ސިފައިން ކުރިއަށް ޖެހިލި ނަމަވެސް، އޭނަ އަތުން އިޝާރާތްކުރީ މަޑުކުރުމަށެވެ. ރަޢާބިލް ދަރިފުޅުގެ ގައިގައި ބައްދާލާފައި މެއާލާ ފިއްތައިލިއެވެ. އޭނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ ދަރިފުޅުގެ ކޯތާފަތުގައެވެ. އެއާއެކު ތުއްތު ދަރިފުޅު ކުކުރާލައިފިއެވެ. ރައާބިލް ސަމްރާއަށް ބަލައިލިއެވެ. އޭރުވެސް ސަމްރާގެ ހަށިގަނޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރު އެޅުމެއް ވެއެވެ. މަޑުމަޑުން ސަމްރާގެ އަނގަ އަރިއަކަށް ދާން ފެށިއެވެ. ރައާބިލް ގޮސް ސަމްރާގެ ގާތުގައި ހުއްޓުމަށްފަހު، ފެންކަޅިވެފައިވާ ހާލު ސަމްރާއަށް ބަލަައިލިއެވެ. އެ ޙާލުގައި ސަމްރާ އޮތްތަން ފެނި އޭނާގެ ހިތަށް އިންތިހާ ވޭން ލިބިގެން ދިޔައެވެ. އެވަގުތު ތޫނު އެއްޗަކުން ހިތް ޒަޚަމްކޮށްލި ނަމަވެސް އެހާ ވޭން ނާޅާނެކަން ގައިމެވެ.

"ސަމްރާ... އަހަންނަށް މާފުކުރޭ... މިހުރިހާ ކަމެއް ވީ އަހަރެންގެ ސަބަބުން... އަހަންނަށް މާފުކުރޭ..." ރައާބިލް ބުނަމުން ދިޔައެވެ. ސަމްރާއަށް އެ ވަމުންދާ ހުރިހާކަމެއް ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ހަމަ އޭނާއެވެ. އެފަދަ ގުޅުމެއްގެ ނިމުމަކީ ހިތި އެއްޗެއްކަން، އޭނާއަށް ނަމީރު ދިޔައީ ކެނޑިނޭޅި އިންޒާރު ދެމުންނެވެ. އެ އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުމުގެ ނަތީޖާ ނިކަން ދެކިބަލާށެވެ. އޭގެ ހުރިހާ ގެއްލުމެއް އެ ލިބެނީ ސަމްރާއަށެވެ. އޭނަ އެންމެ ލޯބިވާ މީހާއަށެވެ. އަމިއްލަ ނަފްސަށް ދުވަހަކު މާފުކުރެވޭނެ ކަމެއް ނޭނގެއެވެ. އުމުރު ދުވަހު އެ ހިތި ހަނދާންތަކުން މިންޖު ނުވެވޭނެއެވެ. ސަމްރާއާ ހެދި ރައާބިލް އުޅޭ ގޮތް ފެނި ނަދީދާއާ ވާފިރަށް ވެސް ތިބެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ތި ދަރި އެ މީހުންނާ ހަވާލުކޮށްފަ އަހަރެމެންނާ އެކު ދާން ހިނގާ..." އިންޖާބުގެ އަޑު އަނެއްކާވެސް އެތަނުގައި ގުގުމައިގެން ދިޔައެވެ. ރައާބިލްއަށް ބަލަހައްޓައިގެން އޮތް ސަމްރާ ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަ އެކަނިކޮށްލާފައި ރައާބިލް ދާން ރުހެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އެއީ އޭނާގެ ލޯތްބެވެ. ދަރިފުޅުގެ ބައްޕައެވެ. ސަމްރާގެ އާދޭސް އެކުލެވޭ ބެލުމުން، ރައާބިލްގެ ހިތަށްވި އުނދަގުލާއެކު ސަމްރާގެ ގާތުގައި ހުންނަން ބޭނުންވާން ފެށިއެވެ. އޭނާ އިންޖާބުގެ އެދުމަށް އިޖާބަ ދޭން ބޭނުންނުވެފައި ހުންނަން ފެށުމުން އިންޖާބު ނަމީރަށް ބަލައިލިއެވެ. އެއްޗެއް ނުބުނި ނަމަވެސް ބައްޕަގެ އެދުން ފަހުމްވުމާއެކު ނަމީރު، ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާ ގޮސް ރައާބިލްގެ ކައިރީގައި މަޑުކޮށްލާ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"މީ ހުސް ކަލޭގެ ކަންތައް..." ރައާބިލް ގާތަށް ރުޅި އައެވެ. އޭނަ ދެބުމަ ގޮށް ޖަހަައިލަމުން، ބުނެލިއިރު، އެ ދެލޯ ވަނީ ނޫކުލައަކުން ދިއްލިފައެވެ. ނުރުހުމާއި ހިތްހަމަނުޖެހުން އެ މޫނުމަތީން ފާޅުވަމުން ދިޔައެވެ.

"ރައާބިލް... އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން. ގަދަ ނުހަދާ އަހަރެމެންނާ އެކު ހިނގާ... އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެންމެ ގާތް އެކުވެެރިޔާއަށް ގެއްލުމެއް ލިބޭކަށް." ނަމީރުގެ އަޑުން ހިތާމައިގެ އަސަރު ފާޅުވި ނަމަވެސް އެކަން ދެނެގަންނަން ރައާބިލް ނުކުޅެދުނެވެ. އެއަށް ވުރެ ބޮޑަށް އޭނާ ހުރީ ޖަޒުބާތީ ވެފައެވެ. ރައާބިލްއަށް ހުރިހާ ކަމެއްގެ ޒިންމާ އެޅުވުނީ ނަމީރުގެ ބޮލުގައެވެ. އެކަމުގެ ސަބަބުން، އޭނާގެ ރުޅިގަނޑު އިތުރަށް ހިލުން ނޫންކަމެއް ނުވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު