"ތިބާއަށް ދިމާވާ މުސީބާތްތަކަކީ ފާފަތައް ފުހެވޭ ސަބަބަކަށްވެސް ވެއެވެ. އަދި އެ މުސީބާތްތަކަށް ކެތްކުރުމަކީ ދަރަޖަ އުފުލިގެންދާކަމެކެވެ."
***
އުފާވަނީ ހަޔާތުގެ މި ދަތުރުގައި އަތުގައި ހިފައިލާނެ ތެދުވެރި ވަފާތެރި ބައިވެރިޔަކު ހުރީތީއެވެ. އޭނަގެ ބައްޕައާއި ހަމްޒާގެ ސޫރަވެސް ލޮލުގެ ސްކްރީނަށް އެރިއެވެ.
އެދެމީހުންވެސް އޭނައަށް ބޭވަފާތެރިވީއެވެ.
***
އިރުގެ ރަން އަލިން މަގުތައް ދިއްލާ އަޅާލާފައިވާއިރު މާރުކޭޓުވެސް ފުދޭވަރަކަށް ހަލަބޮލިއެވެ. ޒުބޭރުއާއި މިރިއަމް އެކީގައި މިގޮތަށް ގެއިން ބޭރަށް އައި ފުރަތަމަ ދުވަހެވެ. އާއިލީ ކަމެއްގައެއްނޫނެވެ. ނޫނީ މަޖުބޫރުވެގެނެއްނޫނެވެ. ގެއަށް ބޭނުންވާ އެއްޗެހި ގަނެލުމަށެވެ. އެކީ "ޑޭޓް"އަކަށް ނިކުމެވުނުފަދައެވެ. އެކަކުވެސް އެހެން ދުލުން ނުބުންޏަސް ދެމީހުންނަށްވެސް އެފަދަަ އިހުސާސެއްކުރެވުނެވެ. ޒުބޭރުގެ އަތުގައި ވިޔެފައިވާ ވަށިގަނޑެއް ހުރިއިރު އޭނަ ތަންކޮޅެއް ބާރަށް އަތް އެއްލަމުން ދިޔަގޮތުން އަންހެނެއްގެ ސްޓޯލްގައި ހުރި ފަޅޯތަކެއްގައި ނުޖެހުނީ ކިރިޔާއެވެ. އެ އަންހެންމީހާގެ އަލިފާނުގެ ނަޒަރު އޭނައާއި އަމާޒުވިއެވެ.
"ކެއަފުލް....."އޭނަ ޒުބޭރުގެ ގަމީހުގެ އަތުކުރިއަށް ލައްކިއެއް ޖެހިއެވެ.
މޭވާ ގޮޅިއަށް ގޮސްފައި ޒުބޭރު އަނބެއް ނެގިއެވެ. އޭގައި މަޑުމަޑުން ތަޅައިލިއެވެ.
"ދޮންވިތޯ ބަލަން ތިހެނެއް ނޫން ޗެކްކުރަނީ..."އޭނަގެ ބޮލަށް އުދަގޫވިއެވެ.
"މިހެން ކަން ޔަގީން...ހޮއި އަޑެއް ހުރިއްޔާ.....އޭގެ މާނައަކީ..""
"އޭގެ މާނައަކީ އަމިއްލައަށް ލަދެއްގައި ބެދެނީޔޯ......"އޭނަ ޒުބޭރު އަތުން އެ ޖަހައިގަތެވެ. އަދި މަޑުމަޑުން ފިތައިލިއެވެ. ތަނޑިއާއި ދިމާލުން ކުޑަކޮށް ތޮށިގަނޑު ނެއްޓޭގޮތްވިއެވެ.
"މިގޮތަށް ބަލާނީ.."
"އާހް.ވީއިރު ކައިވެނިވެސް އަންނަން ޖެހެނީ އަނބުތަކުގެ މާހިރަކަށްވެސް ވެގެން..ކުރިން އެއްވެސް މީހަކު އެވާހަކައެއް ނުބުނޭ..."
މިރިއަމްގެ ކޯތާފަތަށް ހޫނުވުމާއެކު އޭނަ އެ އަނބު ވަށިގަނޑުގައި ބޭއްވިއެވެ. އެއަށްފަހު މަސްގަންނަން އެ ދިމާލަށް ހިނގައިގަތެވެ. ފުރަތަމަވެސް ފެނުނީ ކުނަލެއްގެ މަތީގައި ވިދަވިދާ އޮތް ކަންނެލި މަހެކެވެ. އިރުގެ އަލި އެޅި އެލޯ ބިއްލޫރިކޮޅެއްފަދައިން ދިއްލިފައިވިއެވެ. މަސްވިއްކާ މީހާ ފަޚުރުވެރިކަމާއެކު ބޮޑު މާސިންގާ ފަރުމަހެއް އިޝްތިހާރުކޮށްލިއެވެ.
"އަހަރެން މީތި ގަތިއްޔާ މިރިއަމްއަށް ފިހޭނެ؟"?ޒުބޭރު އޭނައާއި ދިމާލަށް ކުޑަކޮށް ގުދުވެލިއެވެ.
"އަހަންނަށް މިއީ ކޯނޗެއްކަމެއްވެސް ނޭގޭ. އެނގޭތަ؟."އޭނަ ނޭފަތް ގުރުޑުކޮށްލިއެވެ.
"ނޫން. އެކަމަކު އެޑްވެންޗާ ޚިޔާލަށް ގެނެސްބެލަ..."ޒުބޭރު ޖެއްސުންކޮށްލިއެވެ.
"މީގެއިން އެޑްވެންޗާއަކަށްވާނީ އެކަނި ކާނާ ވިހަވުން..."
ޒުބޭރު ހިނިގަނޑެއް ޖަހާލާފައި ބޯ ހޫރައިލުމަށްފަހު ދާން ހިނގައިގަތެވެ. ގެއަށް ދިޔައިރު އެ ވަށިގަނޑު ބަރާވެފައިވީ މޭވާއާއި ތަރުކާރީއިންނެވެ.
އެއްފަރާތުގައި ހުރި ރުކެއްގެ ހިޔަނީގައި ދެ މީހުން ތިބިތަން ފެނުނެވެ. ލައިލާ ސިގްރެޓުން ދުންތައް ދުއްވައިލިއިރު ދުވާލުގެ ގަދައަލީގައި އޭގެ ހުޅުކޮޅު ކިރިޔާ ފެނުނުކަމެވެ. އޭނަގެ ކައިރީގައި ހުރި އިސްކޮޅުން ދިގު ޒުވާނާ މީހުންތަކަށް ބަލަމުން ދިޔައީ ތަޖުރިބާކާރު ދެލޮލުންނެވެ. އޭނަގެ އިނގިލި ދިއްކޮށްލީ ޒުބޭރުއާއި ދިމާލަށެވެ.
"އޭނަ.....ވަށިގަނޑު ހިފައިގެން އެ ދާ ފިރިހެނާ މަގަުމަތިން އެހެން ހިނގާފައި އުޅެވޭނީ ދެން މަދު ދުވަސްކޮޅަކަށް..."
ލައިލާއަށްވެސް އެ ޒުވާނާގެ ނަޒަރު ހުރި ދިމާލަށް ބަލައިލެވުމާއެކު ސިހޭގޮތްވެ މެޔަށް ބާރުވެލިއެވެ. އެއީ އޭނަގެ އެކުވެރިޔާ މިރިއަމްއެވެ. ނޫނީ އެއް އިރެއްގައި އެކުވެރިއެކެވެ. މިރިއަމް ފޭރުތައް ބަލައިލަން ގުދުވެލަމުން މަޑުމަޑުން ހޭ އަޑު އިވުނެވެ.އެ ހުނުން ޚާއްސަވެފައިވީ އޭނަގެ ކައިރީގައި ހުރި ޒުވާނަކަށެވެ. ޒުބޭރުއަށެވެ. ކުޑައިރު ދުޝްމިނުންކަމަށް ހެދިގެން އުޅުނަސް ދެމީހުންގެ ހިތުގައި އޮތީ އެކީ ގެއެއް ބިނާކުރުން ނޫންހެއްޔެވެ؟އުއްމީދުވެސް ނުކުރާފަދަ ގުޅުމެކެވެ.
އޭނަގެ ލޮލުގެ ކޮންމެވެސް ދިމާލަކުން ދިލަ ނެގިއެވެ. އެސްފިޔަ ތަޅުވައިލިނަމަވެސް ލޯ ކަރުނުން ބަރާވިއެވެ. އެއް އިރެއްގައި އޭނައާއި މިރިއަމް ރަށުގެ މަގުތައް ކުޑަކޮށްލާފައި ހިނގިއެވެ. ލުއި ކާނާ ޕެކެޓްތަކާއި ލޮލީއަދި ޖޫސްޕެޓީ ފަހާ ދުވަމުންނެވެ. އެކުދިންނަށްވެސް ގަނެވޭވަރަށްވުރެ އަގުބޮޑު ހެދުންތަކާއިމެދު ހުވަފެންތައް ދެކެމުން ސޭޓުންނަށް ހީލަމުންނެވެ. އޭރު ދިރިއުޅުން ކިހާ ސާދާހެއްޔެވެ؟ މޫދުހެން ދުރަށް ހުޅުވިފައިވާ ދިރިއުޅުމެކެވެ.
ލައިލާއަށް އެ އާދައިގެ ދިރިއުޅުން މަޑުމަޑުންގޮސް ބަދަލުވީ ފޫހިކަމަކަށެވެ. އެހެންވެ އޭނަ ހިނގައިގަތީ މިރިއަމް ދިޔަ މަގާއި އިދިކޮޅަށެވެ. އުފަލާއި މަޖާ، އަޑުހަރު މިއުޒިކް، ސިގްރެޓް އަދި ރޭގަނޑު ހޭލާ އުޅުމުގެ ސަގާފަތަށް ލޯބިކުރެވުނެވެ. އެފަދަ އެކުވެރިންގެ އަވާގައި ޖެހުނެވެ. ކުރީކޮޅު އެމަގުން މިނިވަންކަމުގެ ރަހަ ލިއެވެ. އެކަމަކު ނެގި ކޮންމެ ފިޔަވަޅަކާއެކު ހުސްކަން އިހުސާސްވިއެވެ. އޭނަ އުފާވެރިކަމުގެ ފަހަތުން ދުވިއެވެ. ނަމަވެސް ހިނގަމުން ދިޔަ ބިންގަރާސް ދިޔައީ އަނދިރިވަމުންނެވެ. އުފަލާއި ހިތްހަމަޖެހުން ގުޅިފައިވަނީ ﷲތައާލާއާއި ދިމާލަށް ދަތުރުކުރުމުން ކަމެއް ނޭގުނެވެ. ދުނިޔޭގެ ޚަޒާނާތައް މިލްކުވިޔަސް ހިތަށް ރޫހާނީ އުފަލެއް ނުލިބޭނެއެވެ.
މިރިއަމް އެހެން މޭވާއެއް ނަގާފައި ޒުބޭރު އަށް ދައްކައިލިއިރު އެއީ ހަމަ ސާދާ މަންޒަރެކެވެ. ނަމަވެސް ދުނިޔޭގައި ލެއްވިހާ މުއްސަދިކަމެއް އެ އާދައިގެ ވަގުތުކޮޅުގައިވިއެވެ. ސިގްރެޓުންވެސް ފޫބައްދާނުލެވޭފަދަ ހުސްކަމެއް ލައިލާގެ ހިތުގައި ހިނގައިގަތެވެ.
ޢޭނައާއެކުގައި ހުރި ޒުވާނާ އެއްފަރާތަކަށް ޖެހިލިއެވެ. ކޮންމެ ފިޔަވަޅެއްވެސް އޭނަ އަޅަނީ ހިސާބުކުރަމުންނެވެ. ލައިލާ ލޯ ހުއްޓިފައިވީ މިރިއަމްގެ ހަރަކާތްތަކަށެވެ. އެންމެފަހުން މީހުންގެ ތެރެއަށް ވަދެ އޭނަގެ ނަޒަރުން ގެއްލުނެވެ. އޭނަގެ މޭގައި ދިލަ ރިހުމެއް އުފެދުނެވެ. މާޒީއަށްޓަކާ އެހިތް އެދި ގޮވަންފެށިއެވެ. ދެރަވިއެވެ. އުފާވެރިކަން ފަހާ ދުވަން ހަދައިގެން އޭނަގެ މައުސޫމްކަމާއި ލޯބިކަންވެސް އެއްލައިލެވުނުކަމުގެ ހިތި އިހުސާސްކުރެވުނެވެ.
***
ޒުބޭރު މެންނަށް ގެއާއި ހަމަޔަށް ފޯރިއިރު އެއްވަމުން ދިޔަ ވިލާތަކުން އުޑުމަތި އަނދިރިކޮށްލައިފިއެވެ. ހޫނު ކެއުމާއިއެކު ހިނިތުންވުންތައް ބަދަލުކުރެވި ދުވާލު ރޭގަނޑަށް ބަދަލުވިއެވެ. ޒުބޭރުއަށް ކޯލެއް އައުމުން އެ ކްލައިންޓް އާއި ބައްދަލުކުރަން އޭނަ ނުކުތީ ވާރޭ ކޯޓު ހަށިގަނޑަށް މަހާލައިގެންނެވެ.
މިއިން ޒަމާނެއްގައިވެސް ވާރޭ ހުއްޓާނެފަދަ އިޝާރާތެއްނެތި ބޯކުރަމުން ދިޔައެވެ، ޓިނުފުރާޅުގައި ތިކިތައް ތެޅޭ އަޑާއެކު ކުޑަދޮރާއި ދިމާލަށް ފެން ފައިބަމުން ދިޔައީ ކުޑަ ކޯރެއް އެދިމާލުގައި ހަދައިލަމުންނެވެ. މަންމަވެސް އިޝާ ނަމާދަށްފަހު އެހާ އަވަހަށް ނިދުނީ ވާރޭގެ ހިތްގައިމު ނާނާގެ ސަބަބުންނެވެ. މިރިއަމް މަންމަ ގާތުގައި އިށީދެލައިގެން އިނެވެ.
އޭނަގެ ސަމާލުކަން އަތުލީ ދޮރުގައި ޓަކިޖަހާ އަޑަށެވެ.
"މިގަޑީގައި ކާކުބާ.."އޭނައަށް ފޯނުން ގަޑި ބަލައިލެވުނެވެ.
އަވަސް، އަދި ނުތަނަވަސްވެފައިވާ ގޮތަކަށް އެމީހަކު ޓަކި ޖަހަނީއެވެ.
އޭނަ އަނގަޔަށް ގޮތެއް ހަދާފައި ޝޯލް ބޮލުގައި އޮޅާލައިގެން ނުކުތެވެ. އޭނަ ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި ކުއްޖާ ފެނުމުން ލޯބޮޑުކޮށްލެވުނެވެ.
"ލައިލާ.."
އޭނަގެ ކުރީގެ ގާތް އެކުވެރިޔާ ހުރީ ވާރެޔާއި ތެމިފޯވެގެންނެވެ. އިސްތަށިގަނޑު ކަންހުޅިއާއި ދިމާލުން ތަތްލަވާފައިވާއިރު އައިލައިނާގެ ރޮގުތައް މޫނުމަތީ ދެމިލާފައެވެ. އެތައް އަހަރަކަށްފަހު މޫނުމައްޗަށް ބަދަލު އައިސްފާ ވިއެވެ. މޫނުގެ ބައްޓަންވަކިން ތޫނުވިޔަސް ވަރުބަލިވެފައިވާ ލޮލެވެ.އެވަރުންވެސް މިރިއަމްއަށް އެ މޫނުމަތިން ފެނުނީ ކުރިގެ ސަކަ ލައިލާއެވެ. ދެނެފަރިތަ މޫނެއްކަން ވިސްނުނީ ހަމަ ވިދުވަރެއްފަދައިންނެވެ.
"މިރިއަމް......" ލައިލާގެ އަޑުގައި ކަންބޮޑުވުމުގެ ކުލަވަރުވިއެވެ. އެ އަޑު ވާރެއާއެކުވިއެވެ."ޒުބޭރުވަނީ ނުރައްކަލުގައި. ކޮންމެެވެސް ބަޔަކު އޭނައަށް ފާރަލާ..ކޮންތަނަކަށް ދިޔައީ؟"
މިރިއަމްގެ ހިތުގައި ލައްކިއެއްޖެހިފަދައެވެ. ބިރުން ފިނިވާގޮތްވިއެވެ. އޭނަ ހަނދާންވީ އެ ފޯނުކޯލެވެ. ޒުބޭރު ފައިވާން ލީއިރު ހެމުން އެއްޗެކޭ ބުނެލިއެވެ.
"އޭނަ ދިޔައީ ކްލައިންޓަކާއި ބައްދަލުކުރަން.." މިރިއަމްއަށް ބޭ އިޚުތިޔާރުގައި ނުކުމެވުނީ ވާރޭގެ ތެރެއަށެވެ. އޭނަގެ ސިކުނޑި ފުރޮޅިގަތީ ލިބުނު ޕެނިކްއިންނެވެ. އޭނައަށް ހިނގައިގަނެވުނީ މަގާއި ދިމާލަށެވެ. އިސްތަށިގަނޑު މޫނަށް ފައިބައިގަތުމުން ޝޯލް ރަގަޅުކޮށްލިއެވެ. އަދި އެނބުރި ބަލައިލިއެވެ."މަންމައާއިއެކު މަޑުކޮށްދެއްޗޭ. ޕްލީޒް. މަންމަ އެކަނި ނަުބަހައްޓާތި.."
އެއާއެކު ވާރޭގެ ތޫފާން އޭނަ ދިރުވައިލިފަދައެވެ. އޭނަ ދުވެގޮސް ގެއްލުނީ ބޯ ވާރޭގެ ފަރުދާގެ ތެރެއަށެވެ. ލައިލާ އާގަމަވެ އަނގަ ހުޅުވިފައި ހުރެވުނެވެ. ޒުބޭރު މަރައިލަން ދަތް ވިކައިގެން ހުންނަ ކުޑަ މިރިއަމް ތޫފާނުގެ ތެރޭ ފުރާނަ އަތަށް ލައިގެން އެދިޔައީ ހިމާޔަތްކުރުމަށެވެ. ހާލަތު ފުރޮޅިގެންދަނީ އަޖައިބުވާފަދަގޮތަކަށެވެ.
***
ދޮރުމަތީގައި ލައިލާ ބުދެއްހެން ހުއްޓުން އަރާފައި ހުރިއިރު ވާރެއާއި ތެމިގެން އައުމުން ހީކަރުވައިގެން ރޫރޫ އަޅައެވެ. އޭނަގެ ހެދުމުން މުށިމައްޗަށް ފައިބަމުން ދިޔައީ ވާރޭގެ ފެންތިކިތަކެވެ. އެހާ އަވަހަށް އޭނަ އެކަނިވެދާނެކަމަށް އުއްމީދެއްނުކުރެއެވެ. އެކަމަކު އެތައް ޒަމާނެއްގެ ދުރުކަމަށް ފަހު މިހުރެވުނީ އަނެއްކާ މިރިއަމްގެ ގޭގައެވެ.
ކޮންމެވެސް ދިމާލަކުން ދޮރެއް ހުޅުވުނު އަޑު އިވުނެވެ. ފަނޑު އަލިކަމެއް ފެތުރިފައިވާ ކޮރިޑޯއިން ފެނުނީ މިރިއަމްގެ މަންމަ ޖަމީލާ އަންނަތަނެވެ. މަޑުމަޑު ހިނގުމެއްގައެވެ. ބޮލުގައި ޝޯލެއް އޮޅާލައިގެންނެވެ. މޫނުމަތިން ފެންނަނީ ބަލިކަމުގެ އަސަރުތަކެވެ. ލައިލާގެ މޫނަށް ބަލަހައްޓައިގެން ހުރީ ބީރައްޓެއްސެއްފަދައިން އެމޫނު ދަސްކުރަން އުޅޭފަދަ ގޮތަކަށެވެ.
"އައްސަލާމް އަލައިކުމް..." ޖަމީލާގެ އަޑުގައި އެކަމަކު އޯގާތެރިކަންވިއެވެ.
"ވައަލައިކުމުއް ސަލާމް.."އޭނައަށް އެހެން ކިޔައިލުމުގެ ނަސީބު އެލިބުނީ އެތައް އަހަރެއްފަހުންނެވެ.
"އަހަރެން ދަންނަ ކުއްޖެއްތަ؟"
ލައިލާއަށް އެ ޖުމްލަ އިވުމުން ދެރަވެ ހިތް ހަލާކުނުވީ ކިރިޔާއެވެ. މިރިއަމްގެ މަންމައަށް އޭނަ ނޭގުނީހެއްޔެވެ؟ ފުރާޅަށް ފައިބަމުންދާ ވާރޭގެ ހަރު އަޑުގެ ތެރެއިން އޭނަގެ އަޑު އިވުނީ މަޑުންނެވެ.
"މިއީ ލައިލާ..މިރިއަމްގެ ކުރީގެ އެކުވެރިއެއް...އެންމެ ގާތް އެކުވެރިޔާ..އެންމެން ބޮޑުވީ އެއް ރަށެއްގައި.. އަނބުގަހަށް އަރާ އަނބު ބިންނަމުން ބަނބުކެޔޮ ގަސްދަށުގައި ދުވަމުން އެކީ ކާށިއާއި މަދު ކައިގެން އުޅުނީ، އަބަދުވެސް އަޑުހަރުވާނީ ލައިލާގެ.އަބަދު ކޮންމެވެސް ކަހަލަ ސަކަރާތެއް ޖަހަން އުޅޭނީ...ޖަމީލާއްތަ ހަނދާންވެއްޖެތަ؟"
ފުަރަތަމަ އެލޮލުން ފެނުނީ ހުސްކަމެވެ. މަޑުމަޑުންގޮސް ދެނެގަތްހެން ހީވިއެވެ. ދުންފިނީގެ ތެރޭ ދިއްލުނު ފާނޫޒެއްހެހްނެވެ. އެތުންފަތަށް ހިނިތުންވުމަކުން އުޖާލާވެ ވޮށެއްހެން ލޯ ދިއްލުނެވެ.
"އާނ..މާގަދަޔަށް ހީ ހަދާ ކުއްޖާ...އަބަދުވެސް މިރިއަމް ދަމާގޮސް ކޮންމެވެސް ސިޔާސަކަމެއް ކުރުމުގައި އުޅުނު ދަރި....."
އޭނައަށް ހެވުނެވެ. ކަރުނައިން ލޯ ވިދަންފެށިއެވެ.
"ލައްބަ..އެއީ މި ލައިލާ......"
ކުރިންހެން ޖަމީލާގެ ލޮލުން ނުރުހުމުގެ ކުލަވަރެއް ނުފެނުނެވެ. އޭގެ ބަދަލުގައި އެލޮލުގައިވީ އޯގާތެރިކަމާއި ހޫނުކަމެވެ. އަމިއްލަ ދަރިފުޅަށް ބަލާނީވެސް އެފަދަ ނަޒަރަކުންނެވެ. ލޯތްބާއި ކުލުނުން ފުރިފައެވެ.
"ފެށިތަނާއި މާ ދުރަށް ދެވުނީ ދޯ.. އެކަމަކު އެއްވެސް މަގެއް ﷲ ތައާލާއާއި އެހާ ދުރެއްނޫން...."ޖަމީލާ ދެން ކިޔައިލަދިނީ ހަދީސެކެވެ.
"ލައިލާއަށް ހީވަނީ ލައިލާ ތިހިރީ އަނދިރީގެ ތެރެއަށް ގެއްލިފައިހެން؟ ﷲތައާލާ އެއްވެސް ގޮތަކުން އަޅުތަކުން އެގޮތަށް ގެއްލެނިނުކުރައްވާ. އެމީހުންނަށް ފުރުސަތުދެއްވާ...ނޭވާ ލަންޏާ ތައުބާގެ ދޮރު ހުޅުވިފައިވޭ..." ޖަމީލާ އިތުރަށް ބުނެލިއެވެ.
އޭނަ އުއްމީދުކުރިވަރަށްވުރެ އެ ޖުމްލަތަކުން އޭނަގެ ހިތަށް އަސަރުކުރުވިއެވެ. އޭނަ ހީކުރީ ފާޑުކިޔާނެކަމަށެވެ. ކުރިންފަދައިން ނުރުހުމުގެ ނަޒަރު އަމާޒުވާނެކަމުގައެވެ. އޭނަ ލަދުގަންނަވައިލާނެކަމުގައެވެ. އެކަމަކު ކުރިން ބިރުގަތް ޖަމީލާދައްތަގެ ފަރާތުން ފެނުނީ އޯގާތެރިކަމެވެ.
އޭނަގެ ލޮލުން ހޫނު ކަރުން ތިރިއަށް ދެމިހަތެވެ. މަޑުމަޑުން އަތްތިލަ ލޮލުގައި ޖައްސައިލެވުނެވެ."ޢަހަރެން...އަހަންނަށް ނޭގޭ ފަށަންވީ ކޮންދިމާލަކުން ކަން..."
ޖަމީލާގެ ތުރުތުރުލާ އަތުން އޭނަގެ އަތުގައި ހިފައިލިއެވެ. ނިޔަތް އިޚުލާސްތެރިއެވެ.
"އެންމެ ފިޔަވަޅެއް އަޅާ.އެންމެ ނަމާދެއް..އެންމެ ފަހަރަކުނަމަވެސް އެނބުރި އާދޭ...ﷲ ތައާލާ ބައްލަވާވޮޑިގެންވޭ...ހަމަ ގަބޫލުކުރައްވާނެ...އެހެން ކަންތައް އޭގެ ފަހަތުން އަންނާނެ.."
އޭނަގެ ހިތުގެ ކަނުގައި ކޮންމެވެސް ކަހަލަ އިހުސާސެއް އުތުރިއަރައިގަތެވެ. ސިގްރެޓުގެ އަގެއްނެތް ހިތްހަމަޖެހުމެއްނޫނެވެ. އަނދިރި ކޮޓަރިތަކުގެ ހުނުމެއްނޫނެވެ. އުއްމީދުގެ އަލި ދޯދިފަށެކެވެ.
ވާރޭގެ ރަހުމެއްނެތް ތިކިތަކުން ކުޑަދޮރަށް ހަމަލާދެމުން ދިޔައިރު ލައިލާއަށް ކިޔުނީ އޭނަ އެ އެ ބަސްތަކާއި ދުރަށް ދިޔަ ކަލިމައެވެ.
"لَا إِلَٰهَ إِلَّا ٱللَّٰهُ........"
ނުނިމޭ...