"ﷲ ތައާލާ ތިބާއަށް ދެއްވި އަދަދު ނުކުރެވޭވަރުގެ ނިއުމަތްތަކަށް ޝުކުރުވެރިވީ ވަރަކަށް ހީނުުކުރާފަދަ ގޮތްގޮތަށް ރަހުމަތް ތަނަވަސްވެގެންދާނެއެވެ. ޝުކުރުވުމުން ކަރާމާތް ތައްވެސް ފެނުމަކީ އެކަށީގެންވާކަމެކެވެ."

***

ރުޚުސާ އަޒިއެލްގެ އަތުތެރޭގައި އޮތް ދަރިފުޅު ނަަގައިގެންގޮސް މާހިރާގެ އަތަށް ދިނެވެ. މާހިރާ އުރައިލަމުން އެކުއްޖާގެ އަތުގައި ބޮސްދިނެވެ. އެއަށްފަހު ޒޭބާއާއި ދިމާލަށް އެނބުރުނެވެ.

"ޒޭބާ އުރާނަންތަ؟"

"ލައްބަ..."ޒޭބާ އަވަހަށް ސޯފާގައި އިށީދެ އަތް ދިއްކޮށްލިއެވެ. ޒޭބާ އެކުއްޖާ އުރައިލުމާއެކު ވޭނެއްލިބުނުހެން ބާރުބާރަށް ރޮއިގަތެވެ. ހީވީ ހަމަ އަނިޔާއެއްލިބުނުހެންނެވެ. އޭނަގެ ހިތަށް ފިނިވާގޮތްވިއެވެ. ދަރިފުޅު ހަމަ މޫނު ރަތްކޮށްލައިގެން އަޑުކޮޅަށް ރޮއިނަގަނީއެވެ. ހުއްޓުވަން ހައްތާ ގަޔާއި ކައިރިކޮށްލުމުން އަދި ވަކިން އެތުއްތު ހަށިގަނޑަށް ވާގިއަރާގޮތްވެ ހަމަ ބޮޑުވޭނެއް ލިބުނުފަދައެވެ.

އޭނަގެ ހިތަށް ފިނިވާގޮތްވިއެވެ. ޒޭބާގެ މޫނަށް ރަތްކުލަވެރިވެގެން ދިޔައެވެ. އަނާގެ ހިތުގައިވެސް އޭނައަށްޓަކާ ނަފްރަތު އުފަންވީހެއްޔެވެ؟ އެކުއްޖާގެ ބައްޕަވެސް އޭނައާއި ގަޔާނުވީހެން އަނާގެ ހިތުންވެސް ޖާގައެއްނުލިބުނެވެ. އަވަސްއަވަހަށް ރުޚުސާ އަތަށް ދިނުމާއެކު އޭނަގެ ނަޒަރު ހުއްޓުނީ އަނާގެ މޫނަށެވެ. އަނާގެ ތުންފަތް ރަތްވެ ލޭ އޮހެމުންދާތަން ފެނުމާއެކު ވީގޮތް ވިސްނުނެވެ. އޭނަގެ ހިޖާބަށް ޖަހާފައިވާ ޕިނެއް އަނާގެ ތުންފަތަށް ހެރުނީ އޭނަ މޭގައި ޖައްސައިލި ވަގުތުގައެވެ.

"އޯ....ސުބުހާނަﷲ..ސޮރީ.....އައިމް ސޯ ސޮރީ..އަހަރެން...އަނާއަށް އަނިޔާވީ......" ޒޭބާ ކަންބޮޑުވުމާއެކު އަނގަމަތީގައި އަތް އެޅިއެވެ.

"އިޓްސް އޯކޭ..."ރުޚުސާ ވަރަށް ހިތްހެވެވެ."ޕިން ހެރުނީ ދޯ...އާޒް ޅަކުރާވަރުން ދެން މިވަރު ކަމަކާއިވެސް މިކުއްޖާ ހަމަ ވަރަށް ރޮއިފާނެ..."

ޒޭބާ ހައިރާންވެ އަންތަރީސްވިއެވެ. އެހާ ކުޑައިރު ޅަކޮށްގެން ކުއްޖަކަށް ބަދަލެއް ނާންނާނެއެވެ. އެކުއްޖާ ރުއީ ހަމަ ތަދުވެގެންނެވެ. އެކަމަކު ރުޚުސާގެ ވާހަކަ ހުރީ އާ މަންމައެއްގެ އިހުސާސްތަކާއެކުގައެއް ނޫނެވެ. އެހެންުނޫނަސް އޭނަގެ ހިތުގައި އެވަގުތު ރުޚުސާއާއިމެދު ދެކޮޅުވެރި ޖަޒުބާތުތަކެއް ހިލިގަތީ ކުރިންވެސް އެހިތް އެހާސާފު ނޫންވީމަ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނޫނެވެ. އޭނަގެ ހިތުގައި ރުޚުސާއާއިމެދު ނުރުހުމެއް ހަސަދައެއްނެތެވެ. ރުޚުސާގެ ކުށެއްނެތެވެ. ނެގެޓިވް ހަކަތަ އެތަނުން ދުރަށް ލެވޭނީ އެހެން މީހުންނާއިމެދު ރަގަޅަށް ވިސްނައިގެންނެވެ.

އަޒިއެލް ދުރަށް ދާން ހިނގައިގަތެވެ. އެހިތުގައިވީ އެއްޗެއް އޭނައަކަށް ނޭގުނެވެ. އަޒިއެލް ހީކުރާނީ ގަސްތުގައި ދަރިފުޅަށް ދިން އަނިޔާއެއްކަމަށެވެ. ނޫނެކެވެ. އޭނަގެ ނަފްސާނީ މައްސަލައާއިއެކުގައިވެސް އެއަށްވުރެ ސިކުނޑި ތަނަވަހެވެ.

***

ރުޚުސާ ހިތްވަރުކޮށްލައިގެން ހުއްޓަސް އަޒިއެލްއާއެކު އުޅުން ފަސޭހަނުވަނީ ބައެއްފަހަރު އަމަލު ހުންނަގޮތުންނެވެ. "މޭނިއާ" އެޕިސޯޑްތައް ފެނުމުން އޭނަގެ ހިތަށް ބިރުވެރިކަން ވަދެ ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނަ ދެދުވަހަށް ނަމަވެސް މަންމަގެ ގެއަށް ބަދަލުވާނެއެވެ. އެކަމަކު އަޒިއެލްއަށްޓަކާ ހިތުގައިވާ ބިރު ހާމަކުރަން ފަސްޖެހެއެވެ. ނަފްސާނީ މައްސަލަޖެހިފައިވާ މީހަކާއެކު ދިރިއުޅެވޭނީ ހިތްވަރުހުރެގެންނެވެ. ނޫނީ ހިތުގައި އެމީހަކަށްޓަކާ ކުލުނާއި ލޯބި ކިޔާ އެއްޗެއް އުފެދިގެންނެވެ. ޔަގީނުންވެސް އޭނައަށް އެނގެނީ އަޒިއެލްއާއެކު ދިރިއުޅެން ފަސްޖެހޭކަމެވެ. ކޮޓަރީގައި އެކަނިވާއިރަށް އޭނަގެ ހިތް ތެޅިގަންނަގޮތަށް ހަތަރެސްފައި ފިނިވެއެވެ. ހިނިތުންވަނީ ގަދަކަމުންނެވެ.

ރުޚުސާ ފާޚާނާއަށް ވަނީ ފޯނު ހިފައިގެންނެވެ. އެހެން މީހަކަށް ގުޅަން އުޅެފައިވެސް ދޮަރަށް ލެނގިލައިގެން ހުރިއިރު މައި ނޭވާ ލެވެމުން ދިޔައެވެ. ކުއްލިއަކަށް ބާރުބާރަށް ވަތްގަނޑުތައް ދަމާފައި ލައްޕާ އަޑު ކަންފަތުގައި ޖެހުނެވެ. އެއަށްފަހު އަޒިއެލްގެ ފިޔަވަޅުތަކުގެ އަޑެވެ. ދެކޮޅަށް ހިނގާ އަޑެވެ.

އޭނައަށް ކޮންމެވެސް ވަރަކަށް އަޒިއެލް ދަސްވެއްޖެއެވެ. އަޑު ބަދަލުވާގޮތެވެ. ބައެއްފަހަރު އަޑުހަރުވެ އަވަސްވެއެވެ. އެލޯ އެކި ދިމާލަށް ހިނގާގޮތެވެ. އެއްވެސް މާނައެއްނެތް ޚިޔާލުތަކެވެ. އަންނަ ދިމާލެއް ނޭގި ހިލިގަންނަ ސިނގު ރުޅިގަނޑެވެ. މިހާރުވެސް ނުނިދާތާ ދެރެއެއްވަރު ވެއްޖެއެވެ. އެއްޗެއް ކެއުމަކަށް ޝައުގެއް ނެތެވެ.މިރޭ ދެކޮޅަށް ހިނގަމުން ފަރުނީޗަރުތައް ހުރިތަނުން ބަދަލުކޮށް އެ މަސައްކަތްކުރަނީ އެމީހުންގެ ހަަރަކާތްތަކަށް ކޮންމެވެސް މީހަކު ފާރަލާކަމަށް ބުނެފައެވެ.

އެންމެ ކުރިން އޭނަ އަޒިއެލް ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. ވާހަކަދެއްކީ އޯގާތެރިކޮށެވެ. ސައި ގެނެސްދޭން އުޅުނެވެ. ރޭގަނޑު ކިތަންމެ ފިނި ގަދަ ނަމަވެސް އެކީގައި ހިނގައިލަން ގެންދަން އުޅުނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް އަޒިއެލްގެ ޝައުގެއްނެތެވެ. އެހެން ހުރެފައި ތަބީއަތު އަނެއްކާވެސް ގޯސްވެ ބިރުވެރި އޮއިގަނޑަކަށް ވަނެވެ. ކަންތައް ފޮރުވަން މަސައްކަތްކުރަނީ ކަމުގެ އިލްޒާމު އޭނަގެ ބޮލުގައި އެޅުވިއެވެ. އަދި އަޒިއެލްއާއި ދެކޮޅަށް މަކަރުވެރި ރޭވުމެއް ރާވާކަމަށް ތުހުމަތުކުރިއެވެ. އެ ލަފުޒުތަކާއި ބަހުރުވަވެސް އެހާ ނުރައްކާތެރިއެއް ނޫނެވެ. ނަމަވެސް ލަފުޒުތައް ތޫނުކަމުން ކެނޑިދާވާރުގެ ބާރު ހުއްޓެވެ.

އޭނަގެ ކަންފަތުގައި ކުއްލިއަކަށް ޖެހުނީ އަނާ ގެ ކުކުރުމުގެ އަޑު ކަންފަތުގައި ޖެހުނެވެ.

"އިޓްސް އޯކޭ އަނާ...ޑެޑީ އަނާދެކެ ލޯބިވޭ. ހީ ވޯންޓް ހާޓް ޔޫ..."ރުޚުސާއަށް މަޑުމަޑުން ބުނެެލެވުނެވެ.

އެކަމަކުވެސް އޭނަގެ ހިތުގައި ޝައްކު ބޮނޑިވެގަތެވެ. އެފަދަ އެއްވެސް ކަމަކަށް އޭނަގެ ޔަގީންކަމެއްނެތެވެ. މިރޭ ހާދަ ތަފާތެވެ. އަޒިއެލްގެ ބޮލަށް އެހެރީ ޖިންނި އަރާފައެވެ. މަސްތުގެ ހާލަތެކޭ ކޮން ތަފާތެއްހެއްޔެވެ؟ ސައިކޯވާއިރު އަތުން ފައިން ކުރެވޭކަމެއް އެނގޭނެހެއްޔެވެ؟އަމިއްލަ ނަފުސާއި ގާތް މީހުންނަށް ގެއްލުމެއް ދިނުމަކީ އެ ހާލަތުގައި އާއްމުކަމެކެވެ.

މަހެއްހާ ދުވަސްކުރިން ޑޮކްޓަރ ބުނި ޖުމްލަތަކެއް އޭނަގެ ކަންފަތުގައި ގުގުމައިލިއެވެ. "ބައިޕޯލާ ޑިސްއޯޑާ މެނޭޖްކުރެވޭނެ.އެކަމަކު ފަރުވާނުކުރަންޏާ ނުރައްކާވެދާނެ. ހަމައެކަނި އަޒިއެލްއަކަށް ނޫން. އޭނަގެ ވަށައިގެންވާ އެންމެނަށްވެސް..ލޯބިވާ މީހުންނަށްވެސް އެކަހަލަ ވަގުތެއްގައި އަނިޔާ ދީފާނެ..."

މިފަހަރުވެސް ވީ އެކަހަލަ ގޮތެކެވެ. އަޒިއެލް ބޭސް ކެއުން ހުއްޓައިލީއެވެ. އޭގެ ސަބަބުން އޭނަގެ ވިސްނުން ކޮށިކޮށް ގަބު ކޮށްލާކަމަށް ބުނެފައެވެ. އޭނަގެ ސިކުނޑި ރަގަޅުކަމަށާއި ނަފްސާނީ ބޭސްތަކަށް ބޭނުންނުވާކަމަށް ކިޔާފައެވެ.

އަނެއްކާ އެއްޗެއް ތަޅައިގެން ދިޔަ އަޑުއިވުމާއެކު އޭނަ ސިހިފައި މޭގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އޭނައަށް ހުރެވުނީ ނޭގުމުގެ ތެރޭގައެވެ. އަނާއަށް އަނިޔާކޮށްފާނެކަމުގެ ބިރުވެސް ހީވެފައެވެ. އަމިއްލަ ނަފުސް އެކަނި ސަލާމަތްކުރަން ހަދައިގެން ދަރިފުޅު އެއްލައިލެވުނީ ކޮންފަދަ އަލިފާންގަނޑެއްގެ ތެރެއަށް ކަމެއްވެސް ނޭގުނެވެ.

އަމްރާންއަށް ގުޅަންވީހެއްޔެވެ؟ ނޫނީ 911 އަށެވެ. ނޫނީ ހަމަ ތަޅުލައިގެން ހުންނަންވީހެއްޔެވެ؟ ބޭރަށް ނުކުމެވުނުނަމައެވެ.

"ރުޚުސާ؟" އަޒިއެލް ތަޅުގައި ހިފަމުން އޭނައަށް ގޮވައިލިއެވެ. އަޑު މަަޑެވެފައި ތުރުތުރެއް ހުއްޓެވެ." މަ ދެކެ ބިރުންތަ؟"

އޭނަ ޖަވާބެއްނުދިނެވެ.

"އަހަރެން މޮޔަވީއެއްނޫން...."ޢަޒިއެލް ބުނެލިއެވެ."ހަމަ ހޭލާ މިހިރީ. އެހެންމީހުންނަށްވުރެ ބޮޑަށް ކަންތައްތަކަށް ހޭލުންތެރިވެގެން...އެނގިއްޖެ؟"

އޭނައަށް ލޯ މަރައިލެވުނެވެ. އޭނަ މި ބަލިދެކެ ނަފްރަތުވާގޮތްވިއެވެ. ދޭތެރެއަކުން ބިރުން ފިލައިގެން ދޮރު ތަޅުލައިގެން ހުރުން އޭނައަށް ފަސޭހައެއްނޫނެވެ. ނަފްސާނީ ބަލި ގަބޫލުކޮށްގެން އެކީ ދިރިއުޅުމަށް މަސައްކަތްކުރެވުނުކަމީ ވިސްނާނުލާ އެޅުނު ކަތި ފިޔަވަޅެކެވެ.

އެކަމަކު ދަރިފުޅާއިމެދު ވިސްނަންޖެހޭނެ ނޫންހެއްޔެވެ؟

"އަނާ ހޭލާ މި އޮތީ..ދޮރު ހުޅުވަބަލަ ރުޚުސާ.."

"ފެންވަރަނީ...."ރުޚުސާ ބަހަނާއެއް ދެއްކިއެވެ.

"ޝަވަރަށް ދޫނުކޮށް....ތިހެން މީހުން ފެންވަރަނީ؟" އަޒިއެލް ދޮރުފަތުގައި މޫނު ޖައްސާލައިގެން ހުއްޓެވެ. އޭނަ އަވަހަށް ޝަވަރަށް ދޫކޮށްލިއެވެ. ހެދުމާއެއްކޮށް ހުރެ ފެން އަޅަން ފެށިއިރު ލޮލުން އޮހިގަތް ކަރުނަތައް ފެނާއެކުވިއެވެ.

***

ޒޭބާއަށް ކައިވެނީގެ ހުށަހެޅުން ލިބުނީ އެއްކޮށް ޔުނިވާސިޓީގައި އެއްކޮށް ކިޔަވާ ޒުވާނެއްގެ ފަރާތުންނެވެ. ހިތްހެޔޮ ދީނަށް ލޯބިކުރާ ޒުވާނެކެވެ. މީހުން އިހުތިރާމް އަދާކުރާފަދަ ވެރިއެއްގެ ސިފަތައް ފެންނަ ޒުވާނެކެވެ.

ހަވީރު ސަޔަށް އިންސާފުކުރަން ބަގީޗާތެރޭގައި ތިބީ ކައިލާއާއި ޒޭބާއެވެ. ދެކެވުނު ވާހަކައިގެ ތެރޭގައި އޭނަ ޒާމިލްގެ ކައިވެނީގެ ހުށަހެޅުން ހިއްސާކުރިއެވެ.

"ޒާމިލް އަކީ ރިވާޓެއް...އަހަރެން އަބަދުވެސް ހިތަށް އަރާ މެރީ ކުރާނީ ހިތް ހުޅުވަން ކެރޭވަރުގެ މީހަކާއޭ..އަހަރެންގެ ވާހަކަ އަޑުއަހާ އެ އިހުސާސްތައް ދެނެގަންނާނެ މީހަކާއި.."

"އެފަދަ މީހެއްކަން ނޭގެއެއްނު ޒާމިލްއަކީ...ކޮންމެހެން ހިތް ހުޅުވައިލުކަމީ މަޖުބޫރުކަމެއްނޫން...ދުނިޔެއަކީ ކުރު ދުވަސްކޮޅެއްގެ ދަތުރެއް....މިއީ އަހަރެމެން ރެންޓަށް އުޅެން އައިފަދަތަނެއް. ކައިވެނިކުރަން ދީންވެސް ބާރުއަޅާ.."

"ތިހެން ބުނާ މީހާ އަދިވެސް ހުހަށް ތިހުރީ...."އޭނަ ހީގަތުމުން ކައިލާ ލޯ ހަނިކޮށްލިއެވެ.

"އެކަމަކު ކައިވެންޏަށް އަހަރެން ރެޑީ ނޫނިއްޔާ؟ ފަހަރެއްގައި އަދިވެސް ހިތުގެ ކޮންމެވެސް ދިމާލެއްގައިވަނީ........އާޒް ކަމަށް ވަންޏާ.." އޭނަ ފެންކަޅިވިއެވެ.

ކައިލާ އިރުކޮޅެއްވާންދެން ހިމޭނުން އިނދެފައި ޒޭބާގެ އަތުގައި ހިފަހައްޓައިލިއެވެ."ޒޭބް....އެއްވެސް މީހަކަށް ހިތުން ދާއިމީ ޖާގައެއް ދިނުމަކީ މަޖުބޫރުކަމެއްނޫން.. ޒޭބްވެސް ޖެހޭ މުސްތަގުބަލެއް ހޯދަން. ސަބަބަކީ އާޒް މެރީޑް...ދަރިއެއް އެބަހުރި. އާޒް އެހެން ރާސްތާއެއް ޚިޔާރުކުރީ..އެހެންވީމަ ޒޭބްވެސް އާޒްއަށްޓަކާ ހުރުމުގެ މާނައެއްނެތް...ދެން ވިޔަސް ވާން ޖެހޭނީ އަނާގެ ދޮންމަންމައަށް. އަނާއަށް ލިބޭ ދެރައަކަށްވާނީ. މައިންބަފައިން ވަކިވުން...."

"ތިބުނީ ހަމަ ތެދެއް..އަހަރެން ފަހަރެއްގައިވެސް އެދެމީހުންގެ ދިރިއުޅަމަށް އެޅޭ ހިޔަންޏަކަށް ނުވާނަން.."

އާނ..ފަހަރެއްގައި އަދި އާޒްގެ ހިތުގައި އެއްޗެއް އޮތަސް ޒޭބް މެރީކުރުމުން އޭނައަށް އެނގޭނެ ދޯ އަބަދަށްޓަކާ ދިޔައީކަން.."

ޒޭބާގެ ލޮލުން ކަރުނަ ތިއްކެއް ނީރައިލިއެވެ.

***

ފިނި ހަވީރެކެވެ. ފަރުޒާނާއާއި ކައިލާ އަދި ރުޚުސާ ބަގީޗާ ތެރޭގައި އިށީދެލައިގެން ތިބީ ވާހަކަދައްކައިލުމަށެވެ. ބަހާރު މޫސުމްގެ ފެށުން ހުރިހާ ދިމާލަކުން ފެނެއެވެ. ގަސްތަކުގައި އާ ނިރުތައް ފޮޅި ޑޭޒީ އަދި ޑެފޮޑިލްއާއި ސްނޯޑްރޮޕްފަދަ މާތައް ބޯ ދިއްކޮށްލައިގެން ތިއްބެވެ. މާހިރާއާއި ޒޭބާވެސް ފަރުޒާނާގެ ދައުވަތަކަށް އައެވެ. ފަރުޒާނާ ކިޔާދިނީ އޭނަގެ ޒުވާން އުމުރުގެ ވާހަކަތަކެވެ. ދިރިއުޅުމުގައި ދިމާވި އުދަގޫތަކއް ކަޑައްތުކުރިގޮތެވެ. އީމާންކަމާއި ގުރުބާނީއެވެ.

"އަހަރެމެން ޒުވާންއިރު އެ ޒަމާން ވަރަށް ތަފާތު...އަންހެނުންގެ އަޑު ތަންކޮޅެއް މަޑު..އެންމެން އޭރު ތިބެނީ ކަންތައްތައް ސިއްރުކޮށްލައިގެން...އެކަމަކު ރޫހުތައް ވަރަށް ވަރުގަދަ....ކޮންމެފަދަ ކަމަކާއި ކުރިމަތިލުމުގެ ހިތްވަރު ހުރޭ. އަދި އަަރެމެންގެ މަންމައަކީ ހަމަ ވަރަށް ހިތްވަރުގަދަ ދެވަނައެއްނެތް އަންހެނެއް...އެހާ ހިކުމަތްތެރި...އުދަގޫ ދުވަސްތަކުގައި ދުއާތަކުގެ ބާރުގައި މަންމަ ހިފަހައްޓައިލި..ދަނޑުތަކުގައި މަސައްކަތްކޮށް ކާށިން ތެޔޮ ހާނަ ހަވާދު ހަދާހެދި....ހުރިހާކުދިން އައިސްފަ ތިތިބީ އެފަދަ ހިތްވަރުގަދަ ކަނބަލުންގެ ދަރިފަސްކޮޅުން...އީމާންތެރިކަން ހުރިއްޔާ ދިރިއުޅުމުގެ ކޮންމެ ހާލަތަކާއި ކުރިމަތިލާން އެނގޭނެ.."

"އެބަ އަންނަން ކޮފީއާއި ޗޮކްލެޓް ހިފައިގެން...ކޮންކުއްޖެއް ހެލްޕްވާނީ..."ކައިލާ ތެދުވުމުން ޒޭބާވެސް އެކީ ހިނގައިގަތެވެ.

"ޓޮއިލެޓަށް ވަދެލާފައި އަންނާނަން..އަވަނުގައި ޕައިވެސް ހުންނާނެ....ކުކީސްއާއި މަންމަހެދި ކުޅި އެއްޗެއްވެސް.."

ޒޭބާ ބަދިގެއަށް ވަނުމާއެކު ސިހުނީ އަޒިއެލް ފެނިފައެވެ. އޭނަ ކޮފީމެޝިން ކައިރީގައި ހުރެ ކޮފީތަށްޓެއް އަޅައިގެން އެނބުރުމާއެކު ދެމީހުންގެ ނަޒަރު ބަދަލުވިއެވެ. އެ ލޮލުގައި ވަކި އަސަރެއްނެތެވެ.

"ހެލޯ އާޒް. ފިލަން ނުދުވިޔަސް ހެޔޮ އަހަރެން މިއައީ ކައި ބުނެގެން އެއްޗެއް ބަލާ...."

"އަހަރެން ނޫނެއްނު ފިލަން ދުވަނީ...އަދިވެސް މެރީނުކޮށް ތިހުންނަނީ؟ އަހަރެން ހީކުރީ އެމެރިކަން ލޯބިވެރިޔާއާއެކު ހިޖުރަކުރީކަމަށް..." އަޒިއެލް ގޮނޑި ދަމާލައިގެން އިށީނެވެ. ދެވަނަފަހަރަަށް ޒޭބާގެ މޫނަށް ބަލާނުލިއެވެ.

"ވަޓް؟ ކޮން އެމެރިކަން އެކޭ؟ އާޒް ޕްލީޒް...އެކި އިލްޒާމް އަޅުވިޔަސް ތިހާ ތާކުން ތާކުނުޖެހޭ އިލްޒާމް މީހުންގެ ބޮލުގައި ނާޅުވަބަލަ.ތަންކޮޅެއް ހަމަޖެހޭ އެއްޗެއް ކިޔާބަލަ....."ޒޭބާ ރުޅިއަންނަގޮތްވިއެވެ.

"އާންޓް މަންމަ ކައިރީ ދެއްކި ވާހަކަތައް އަހަރެން އެހިން..."

"ކޮންއިރަކު؟"

ތިބުނަނީ ދެން އާންޓް މަންމައަށް އޮޅުވައިލަން ދެއްކި ވާހަކައެކޭތަ؟ ސްޕެޝަލައިޒްވެގެން ޖޮބެއް ހޯދައިގެން އެމެރިކާއަށް ބަދަލުވަނީއޯ...ޒޭބާގެ ބޯއިފްރެންޑަކީ ޑޮކްޓަރެކޭ ބުނި...."

"އޯ......ރިއަލީ؟ ކޮންދުވަހަކު؟ އެންމެ ރަގަޅު...މަންމައަށް އޮޅުނީކަމަށްވާނީ. ލާސްޓް ވީކްގައި ޒާމިލް ޕްރޮޕޯސްކުރީ..ޑޮކްޓަރެއްނޫން. އެކީ ކިޔަވާކުއްޖެއް....ރިވާޓެއް..."

"އަހަރެން މެރީކުރުމުގެ ކުރިން އާންޓް އެވާހަކަބުނީ..މިދިޔަ ހަފްތާއަކު ނޫން..ހަނދާންނެތުނީދޯ...ކުރީގެ ބޯއިފްރެންޑްއާއި ރުޅިވީ؟އެހާ އަވަހަށް މާޒީ ހަނދާން ނެތުނީ..ވަރަށް ކޫލް.... "

"އަސްތަޣުރިފުﷲ....މަންމަ ތިކަހަލަ ބުހުތާނު ދޮގެއް ނަހަދާނެ...އަދި އާންޓްކައިރީ. އަހަރެން ގަބޫލެއްނުކުރާނަން..."

"ކޮން ޒުވާބެއްގައި ދެކުދިން.."ފަރުޒާނާ ވަނުމުން ޒޭބާގެ މޫނަށް ރަތްކުލަވެރިވިއެވެ.

"އާޒް އަހަރަންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައިގެން. އަނެއްކާ ބޭސްކެއުން ހުއްޓާލީތަ؟" ޒޭބާ އަވަން ހުޅުވައިލިއެވެ. ފަރުޒާނާ ކަންތައްވީގޮތް އަހާފައި ތަފްސީލުދިނެވެ. އެއީ ހަމަ މާހިރާގެ ދުލުން ދެކެވުނު ވާހަކައެކެވެ. އެކަމަކު އެގަހުގެ އަނެއްފަރާތުގައި އަޒިއެލް އިންކަމެއް ފަރުޒާނާ ނުދެނެހުއްޓެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު