"ގިޔާމަތްދުވަހު ތިބާ ދޫކޮށްފައި އައި ދުނިޔެއާއިމެދު ހިތާމައެއްނުކުރާނެއެވެ. ހިތާމަކުރާނީ ނަމާދު ލަސްކުރެވުނުކަމަށްޓަކައެވެ. ގުރުއާން ނުކިޔެވުނުކަމަށްޓަކައެވެ. ޒިކުރުކުރަން ހަނދާން ނެތުނުކަމަށްޓަކައެވެ. ދުނިޔެއާއިހެދި މަރުދަން ޖެހުމުގެ ބަދަލުގައި އާޚިރަތަށްޓަކައި ހެޔޮ އަމަލުކޮށް ތައްޔާރުވާށެވެ."

***

"އަމްރާން ހިމޭންވިއެވެ.

"އަހަންނަށް ބައެއްފަހަރު އަހަރެން ފެންނަނީ ދެމީހުންގެ ގޮތުގައި..އެކަކަށް ސާފުކޮށް ހަގީގަތް ފެނޭ..އަނެކަކު އޭގައި ހުޅުޖަހައިލާ..." އަޒިއެލް ކުރިއަށް ގެންދިޔައެވެ.

"ތިބުނާ ދެ އާޒްއަށްވެސް ލޯބި ހައްގު..ސަބަބަކީ ކޮންމެހެން އާޒް ޕާފެކްޓްވީމައެއްނޫން.އެކަމަކު ލޯތްބަކީ މީހާ ހަމަޖެހޭ މީހަކަށް ވެގެން ދެވޭ ހަދިޔާއެއް ނޫންވީމަ...އެއީ އިންސާނަކަށްވީތީ ދެއްވާފައިވާ ރަހުމަތެއް..."

އަމްރާންގެ ޖުމްލައާއިމެދު އޭނަ ވިސްނައިލިއެވެ.

"އެކުއްޖާ އުއްމީދުކުރާފަދަ މީހަކަށް އަހަރެން ނުވެއްޖެއްޔާ؟"

އޭރުން ހަމަ އެކުއްޖާ ލޯބިވާނެ ބައްޔާއެކީގައިވެސް...އަހަރެމެންފަދައިން...."

އަޒިއެލް ދިގު ނޭވާއެއް ދޫކޮށްލިއެވެ.

"ކަމީލާގެ ކުރިން އެއްވެސް ގާލްއެއްދެކެ ދޮންބެ ލައިކްވިންތަ؟ ރިއަލީ ލައިކް....މިބުނީ..."

"ނޫން. އެކަހަލަ ކަމަކާއި ވިސްނާވަރަށް ވުރެ މެޑިސިން ދާއިރާ މާ ބިޒީކޮށް ދިޔައީ...އެކަމަކު ލިބޭ ނިއުމަތަށް ޝުކުރުވެރިވީމަ އިތުރަށް ދެއްވާނެކަން އާޒްވެސް ދަންނަމެއްނު. އިމްތިހާނުތައް އަންނާނީ އެކި ސިފައިގާ....މި ގާލް ވެދާނެއްނު އާޒްއަށް ލިބޭނެ އެންމެ ބޮޑު އެއް ބްލްސިންކަމަށް..."

"އެހެންވިއްޔާ ޓްރައިކުރާނީ....މިފަހަރު މިކަން ފަސާދަނުކޮށް ރަގަޅަށް ކުރިއަށް ގެންދެވޭތޯ ބަލަން މަސައްކަތް ކުރާނީ....."

އަމްރާން އޭނަގެ ކޮއްކޮގެ ކޮނޑުގައި އަތް ބޭއްވިއެވެ. އިތުރު އެއްޗެއް ބުނުމެއްނެތިއެވެ. އަތުގެ ހޫނުކަމާއި ދުޢާތަކުން އަޒިއެލްއަށް ފުދެއެވެ.

***

ރުޚުސާއަށް ދައުވަތު ދީގެން އެގެއަށް ގެނައީ އަޒިއެލްއެވެ. ހަމައެކަނި މަންމައާއި ބައްދަލުކުރުވުމަށެވެ. ނަމަވެސް ރުޚުސާ އައިވަގުތު މާހިރާއާއި ޒޭބާއަށްވެސް ސިޓިން ރޫމަށް ނުކުމެވުމުން އަޒިއެލް ތިރިއަކަށް ނާދެއެވެ. ރުޚުސާ ފެނުމާއެކު ފަރުޒާނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. ޒައިތޫނި ފެހިކުލައިގެ ބުރުގާއެއް އަޅައިގެން ހުރި އެ ކުއްޖާ ފެނުމުން މަރުހަބާ ކިއެވެ. މާހިރާއާއި ޒޭބާއަށް ތައާރަފުކޮށްދިނެވެ. ރުޚުސާ ހުރީ ޖިންސަކާއި އަތްދިގު ހެދުމަކާއެކު ޖެކެޓެއް މަހާލައިގެންނެވެ.

"ރުޚުސާ ފެނުމުން ހަނާދަނަށް މިއައީ ގުރުއާނުގެ އާޔަތެއް.." ފަރުޒާނާ ބުނެލިއެވެ.

ރުޚުސާ ހައިރާންވިއެވެ.

"ގުރުއާނުގެ ހުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވެއެވެ."އަދި ތިމަންރަސްކަލާގެ ތިޔަބައިމީހުން ތަފާތު ގައުމުތަކާއި ގަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ތައާރަފުވުމަށްޓަކައެވެ."

ރުޚުސާ ހިނިތުންވެލިއެވެ."އަޅުގަނޑު މިއައީ ހަމައެކަނި އަޒިއެލް ދަސްކުރާކަށް ނޫން. އޭނަ އެފަދަ ރަގަޅަށް ތަރުބިއްޔަތުކުރި އަސްލުފަރާތްތަކާއި އެ ހިޔާވަހިކަން ވެސް ދެނެގަންނަން..."

ފަރުޒާނާގެ ލޯ ތެމުނެވެ.

"ވަރަށް ގިނަ ތޫފާންތަކާއި އެކުއްޖާ ކުރިމަތިލައިފި...އަހަރެމެން އެންމެންވެސް..އެކަމަކު އަހަންނަށް ރުޚުސާ ފެނުމުން އިހުސާސްވީ ހަމައެކަނި އޭނަ ސަލާމަތްކޮށްދޭނެ މީހެއްގެ ގޮތުގައެއްނޫން..އެކަމަކު އޭނަ އަމިއްލަ ނަފުސް ސަލާމަތްކުރަން މަސައްކަތްކުރާއިރު އެހީތެރިވެދީ އަބަދު ގާތުގައި ހުންނާނެ މީހެއްގެ ގޮތުގައި..ވަރަށް އުފާވެއްޖެ ރުޚުސާފަދަ ކުއްޖަކު އާޒްގެ ބައިވެރިއަކަށްވީކަމަށްޓަކާ..ﷲތައާލާއަށް ހަމްދުކުރަން...."

ރުޚުސާ ފަރުޒާނާގެ އަތުގައި ހިފަހައްޓައިލަމުން ބާރުކޮށްލިއެވެ.

މާހިރާވެސް އޭނައަށް އެނގުނުގޮތަކަށް އިނގިރޭސިން ވާހަކަދައްކަން މަސައްކަތްކުރިއެވެ. ރުޚުސާއަކީ ޕާކިސްތާނު މަންމައަކާއި އިނގިރޭސި ރައްޔިތަކަށް ލިބިފައިވާ ކުއްޖަކަށްވުމާއެކު އޭނައަށް ލިބިފައިވަނީ ޔޫރަޕްގެ ސިފަގަނޑެވެ. ޒޭބާގެ ހިތުގައި އޮތްހާ ޖަޒުބާތުތަކެއް ފޮރުވާލާފައި ހިނިތުންވުމާއިއެކު ރުޚުސާއާއި ވާހަކަދެއްކިއެވެ. ކައިވެންޏަކީވެސް ލިޔެވިފައިވާ އެއްޗެކެވެ. އެދެމީހުންގެ ނަން އެކީ ލިޔެވިފައިވާއިރު އެކަން ހުއްޓުވަން އޭނައަކީ ކާކުހެއްޔެވެ؟ މަސައްކަތްކުރަންވެސް އޮވެއެވެ. ނަމަވެސް އަޒިއެލް ހަޔާތުގެ ބައިވެރިޔަކަށް ހޮވީ ރުޚުސާއެވެ. އެވަރުން އޭނައަށް އަޒިއެލްގެ ހިތުގައި އޭނައަށް މަގާމެއްނެތްކަން އެނގި ދުރުގައި ހުންނަން ދަސްވެއްޖެއެވެ. އޭނަވެސް ޖެހޭނީ އެހެން ރާސްތާއެއް ޚިޔާރުކުރުމަށެވެ. ހިތުގެ މައްޗަށް ހިލަ އަޅާށެވެ.

***

އަޒިއެލްގެ ސިކުނޑީގައި އެކި ޚިޔާލުތައް ރޭސްޖަހައިގަތެވެ. އޭނަގެ ނޭވާ ލަސްވެ ހަށިގަނޑު ތެޅިފޮޅިގަތްފަދައެވެ. މިފަހަރު މޭނިއާ އައީ މާ އަވަހަށް ކުރިއަށްވުރެ ވަރުގަދަކޮށެވެ. ކައިލާ ގޮވައިލުމުން މަންމައާއި އަމްރާންވެސް އަވަހަށް އައެވެ. އަމްރާން އަވަހަށް ކަކޫމައްޗަށް ތިރިވއެވެ.

"ބްރީތް ވިތް މީ....ދޮންބެމެން މިތިބީ.. ޔޫ އާ ނޮޓް އެލޯން..."

މަންމަވެސް އަޒިއެލްގެ އަތްތިލައިގާ ހިފެހެއްޓިއެވެ. މަޑުމަޑުން ދުޢާކުރަންފެށިއެވެ.

"ތިއްތި...ހަނދާންކޮށްބަލަ މިއަށްވުރެ ޔޫ އާ ސްޓްރޯން..." ކައިލާގެ އަޑު މަޑެވެ. އަޒިއެލްގެ އެސްފިޔަތައް ތުރުތުރުލިއެވެ. މަޑުމަޑުން ހުޅުވުނެވެ. ނާޒުކް ނަމަވެސް ކުޑަ އަމާންކަމެއް ސިކުނޑިއަށް ވެރިވިއެވެ. ކުޑަ އާއިލާއެއްނަމަވެސް ގުޅި ބަދަހިވެފައެވެ. ލޯތްބާއި އަޅައިލުމުގެ މިސާލެކެވެ.

***

މޭޕަލް ގަހުގެ ފަތްތައް އަލިފާނުގެ ކުލަތަކުން ހުޅުހިފާފައިވާފަދައެވެ. ސްކާލެޓް، އަނދަމުންދާ އޮރެންޖް އަދި ރަން ރީދޫކުލައެވެ. ވައިރޯޅިތަކުގެ ތެރޭގައި ނަށަމުންދާ ހުޅުތަކެއްފަދައިން ފަތްތައް އެކި ދިމާލަށް އުދުހިގަންނައިރު އެ ކުދި ނެށުންތެރިން ވިނަގަނޑު މަތީގައި ޖެހި ބިންމަތި މަތަވަނީ އެތަން ޒީނަތްތެރިކޮށްލަމުންނެވެ. ހިނގަން ހަދާފައިވާ ގަލުގެ ހިމަ މަގުތަކާއި މުށިތަކުގައި ޖެހޭއިރު ފަށުވިކޮޅުތައް އެކަތި އަނެކައްޗާއި މައްލަވަކޮށް މަޑުމަޑުން ސިއްރުތައް ބުނާފަދައެވެ.

ޚަރީފުގެ އެ ހިތްގައިމު ބަގީޗާތެރޭގައި ތިބީ އާއިލައާއި އެކުވެރިންނެވެ. އިމާމްއާއެކުގައި އައި މީހުންވެސް ތިބީ އަޒިއެލްއާއި ރުޚުސާގެ ކައިވެނީގެ ރަސްމިއްޔާތު ފުރިހަމަކޮށްދިނުމަށެވެ. އަޒިއެލް ގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އެންމެފަހު ވަގުތުވެސް އޭނަގޮސް ވާހަކަދެއްކީ އަމްރާންއާއެވެ.

"މކުރެވެން އުޅެނީ ރަގަޅުކަމެއްތަ؟ އަހަރެންގެ ފަރާތުން ރުޚުސާއަށް ރައްކާތެރިކަން ނުދެވިއްޖެއްޔާ؟"

އަމްރާން ފަރުވާތެރިކަމާއެކު ކޮއްކޮގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ."އާޒް ޖެހެނީ އާޒްގެ ފަރާތުން ރުޚުސާ ރައްކާތެރިކުރާކަށް ނޫން...އޭނައާއިއެކު ތެދު މަގުގައި ހިނގުން...އެނިމުނީ.."

އަޒިއެލް ބަލައިލިއިރު ރުޚުސާ ހުރީ މަންމައާއި ބޮޑުދައިތަ މާހިރާއާއެކު ހިނިތުންވެލައިގެންނެވެ.

"އަދިވެސް ބައެއް ދުވަސްތަކުގައި ހަމަ މުޅިން ބޮއްސުންލައިގެންދޭ...ބައެއް ހަފްތާގައި ކޮންމެ އާޔަތާއިމެދު ކޮންމެ ނޭވާއަކާއިމެދު ސުވާލު ކުރެވޭ..."

"އާޒް...ރުޚުސާއަށް އެކަން އެނގޭ. އެނގިހުރެ އާއެކޭ ބުނީ.."

އޭނަ ހަމަޖެހިލާފައި ރުޚުސާއާއި ދިމާލަށް ހިނގައިގަތެވެ.

"އަދިވެސް ފިލަން ދުވަނީތަ؟" ރުޚުސާ މަޖާވެލާފައި އެހިއެވެ.

"ހޫމް އެކަމަކު ޗޫޒްކުރީ މަޑުކުރަން.އެމީހުން ބުނީ ޕާފެކްޓްއެއްނޫނޭ..އެމީހުން ބުނީ ޕްރެޒެންޓްއޭ. އެހެންވީމަ ބައެއްފަހަރު އެއީ މާ ބިރުގަންނަކަމެއް..."

އެހާ ބޮޑު ވަލީމާއެއް ނޫނެވެ. އެންމެން ކުއިލްޓްމަތީގައި އިށީދެލައިގެން ތިބީ ހިމޭންކަމާއެކުގައެވެ. ޚުތުބާއަށްފަހު ކައިވެނިކުރެވުނެވެ. ރުޚުސާ އައިވަރީ ކުލައިގެ އަބާޔާއެއް ލައިގެން ހުރިއިރު އަޒިއެލްވެސް ހުރީ ހުދު ކުރުތާ ހެދުމެއްގައެވެ. ކައިވެންޏަށް އެއްބަސްވިއިރު އަޒިއެލްގެ އިނގިލިތައް ރޫރޫއެޅިއެވެ. ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އެންމެން ދުޢާކޮށް މަރުހަބާ ކިއެވެ. ފަރުޒާނާގެ ލޮލުން އޮހުނީ އުފާވެރިކަމުގެ ކަރުނައެވެ. ކުޑަކުއްޖަކު ބާރުބާރަށް އަހައިލިއެވެ."އަޒިއެލް އަންކަލް ރޮނީތަ؟"

އަޒިއެލްގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އެހެން މީހުންނަށްވެސް ރޮވުނެވެ. ރުޚުސާގެ އަތްތިލަ އަޒިއެލްގެ އަތްމަތީގައި ބޭއްވިއެވެ.އެ މަންޒަރު ފެނުމުން ޒޭބައަށް އިސްޖަހައިލެވުނެވެ. އޭނަގެ ބޮލަށް އެނބުރުން އެރިއެވެ. އެތަން ކީއްކުރަން ދުނިޔެ ދޫކޮށްދާންވެސް ޟަމީރު އެދުނެވެ.

ޚަރީފު މޫސުމްގެ ފިނި ހިތްގައިމު ރެއެކެވެ. އުޑުމަތީގައި ހަނދު ވިދާ ބަބުޅައެވެ. ސިޓިން ރޫމްގައި ހިފާފައިވަނީ އާވި ވަހާއި ލާޓޭ އަދި ޕަމްޕްކިން ޕައިގެ ވަހެވެ. ފަޔާ ޕްލޭސް ކައިރީގައި އެންމެން އިށީދެލައިގެން ތިބީ ރަގް މަތީގައާއި ދުވަސްވެފައިވާ ކުޝަންތައް މަތީގައެވެ. އެއްވެސް މީހެއްގެ އަތުގައި ފޯނެއްނެތެވެ. އެންމެން ހަމަ ވާހަކަދައްކާލާ އެކުވެރިކަން ބަދަހިކޮށް އަނގަ ތަޅައިލަން ތިބީއެވެ.

"ހަނދާން އެބަހުރިތަ؟ އާޒް ޓައިމް މެޝިނެއް ރޭވިދުވަސް؟" ޔޫސުފް އެހިއެވެ.

"އެކަމަކު އޭތި ވޯކްކުރިއެއްނު ބައްޕާ...އުމައިމާ އާންޓީގެ ބުޅާ ތިންދުވަސްވާންދެން ގެއްލުނު....."އަޒިއެލް އަމިއްލަ ނަފުސް ދިފާއުކުރިއެވެ.

"ޢެސޮރު ދުވެފައި ދިޔަކަމަށްވާނީ ދުމާއި އަދި ޕިލޯސޮފިކަލް މުނާޖާއާއި ދުރަށް...." ޒޭބާ ބޭނުންވީ ކޮންމެވެސް ގޮތަކުން އަޒިއެލްއާއި ވާހަކަދެއްކުމަށެވެ. ރުޅިއައިސްގެން ތިބުމުގެ މާނައެއްނެތްތާއެވެ. އެންމެން ހޭންފެށުމުން އަޒިއެލް އަވަހަށް ގުރުއާން ކިޔަވަންފެށިއެވެ.

"إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ހަމަކަށަވަަރުން އުދަގޫކަމާއެކު ފަސޭހަކަންވެއެވެ.<އައްޝަރަހް ސޫރަތުގެ ހަވަނަ އާޔަތް>

ކައިލާ އޭނަގެ މަންމަގެ ކޮނޑުގައި ބޯ އެޅިއެވެ.

***

ސްނޯވެހެން ފެށިގޮތަށް ހުރިހާ ދިމާލެއް ހުދުކޮށްލައިފިއެވެ. ކޮންމެ ތަނެއް ސްނޯގެ ފަށަލައިން ފޮރުވި ހަޑިމިލައެއްވެސް ފިލުވާލައިފިއެވެ. ނަމަވެސް ފިނިކަން އިންތިހާއަށް ގަދައެވެ. ޒޭބާއާއި ކައިލާ ފިނި ހެދުމުގައި ތިބެ ހިގަމުން ދިޔައީ ހޫނު ކޮފީ ބޮމުންނެވެ.

"އަހަރެން ދުވަހަކު ހިތަށް ނާރާ ސްނޯ ވެހޭއިރު މިހެން މަގުމަތިން ހިނގާފައި ދެވޭނެއޭ...ކިހާ ހިތްގައިމު...."ޒޭބާ ހިނިތުންވެލިއެވެ.

"ހުވަފެންތައް ފުރިހަމަކުރަން މަސައްކަތާއިއެކު ދުއާ ބޭނުންވޭ..އެންމެންވެސް ބުނާނެ ނަސީބޭ...އެއީ މުޅިން ގޯހެއް..ނަސީބެއް ނޫން..އޯލްވޭސް ﷲ..."

އެމީހުން ހިނގައިލަން ނުކުތްއިރު އަޒިއެލްއާއި ރުޚުސާ ބަގީޗާތެރޭގައި ސްނޯބޯޅަ އުކަން ތިބިތަން ފެނުނުގޮތަށް އޭނަގެ ހިތް އިތުރަށް ފިނިވިއެވެ. އެއީ އެއް އިރެއްގައި އޭނަވެސް ހުންނަން ބޭނުންވި މަގާމެވެ. މިރަށަށް އައުމުގެ މަގުސަދެވެ. އަޒިއެލްއަށް އެހީތެރިވުމެވެ. ހަޔާތުގެ ރާސްތާގައި އެ އަތުގައި ހިފައިގެން ކުރިއަށް ދިޔުމެވެ. ނަމަވެސް އެ ހުވަފެން ފުނޑުފުނޑުވެއްޖެއެވެ. ޚިޔާލުތަކުން އެއް ފަރާތްކޮށްލަން އުޅުނަސް ސިކުނޑިއަށް ފެންނަނީ އެ މަންޒަރެވެ.

ސްނޯ ހައްތާ ބޯކޮށްލިއެވެ. ދުރު ފެންނަވަރު ކުޑަވިއެވެ."ހެވެންލީ..........ދުނިޔޭގެ މަންޒަރުތައް މިހާ ފުރިހަމަވީމަ ސުވަރުގެ ޚިޔާލަށްވެސް ނުގެނެވޭނެ.."

"ޒޭބް ތިކަން އޮތީ ތިހެން...ދުނިޔެއިން މިސާލު ޖައްސަވާފައިވަނީ..."ކައިލާ ކަރުކެހިލިއެވެ." ވާހަކައެއް ބުނަންތަ؟ ރުޚުސާއަށް ތިއްތިއާއެކު އުޅެން އެނގޭނެތަ؟"

"އޮފްކޯޒް..."ޒޭބާގެ ފިޔަވަޅުތައް ހުއްޓުނެވެ."ކީއްވެ ތިހެން އެހީ؟"

'އަހަންނަށް ހަމަ ފީލްވަނީ ރުޚުސާގެ ޖެހިލުމެއް ހުންނަކަން...އެލޮލުން ކުޑަ ބިރުވެރިކަމެއް ފެނޭ..މިއީ ސިއްރެއް އިނގޭ ނުކިޔައްޗޭ...ރުޚުސާ ބުނީ އިއްޔެ ހެދުނު ވަރަށް މަޖާކޮށް ބަދިގޭގައި ޕޭންކޭކުހަދަންވެސް ތިއްތި ހަމަ ހެލްޕްވިއޭ.. އަދި ކޮޓަރީގައި ނަށާލާފައި ސްވިޒަލޭންޑަށް ނެކްސްޓްވީކްގައި ދާން ޕްލޭންކުރިއޭ. ރޭގަނޑުވީއިރު ރާގު ބަދަލުވެ ހަމަ ރުޅިންނޯ ވާހަކަދެއްކީ... ޜުޚުސާ އޭނަ ކޮންޓްރޯލްކުރަނީއޭ. އެނެމީއެކޭ...އެހެންވެ ބިރުން ފެންބޯންކަމަށް ހަދާފައި ނުކުތީއޯ...ހެނދުނު ބުނި ކާމްވީ ވާހަކަ...ޑީލްކުރަން ފަސޭހައެއްނުވާނެ ދޯ...ހިތަށް އަރަނީ ހަމަ އަދި ވަރަށް ކަންތައް އޮންނާނެއޭ..."ކައިލާ ކިޔައިދިނެވެ.

ޒޭބާ ފުން ނޭވައެއް ދޫކޮށްލިއެވެ.

"ކައި...އެނގޭތަ؟ އަހަރެން މިއުޅެނީ އެހެން ގެއަކަށް ބަދަލުވާން..ޔުނި އާއި ކައިރި ތަނެއް...މަންމަވެސް އެގޮތް ބޭނުންވާތީ.."

"އޯ...."

"ދެމީހުންނަށް ހަމަ އެކީ އުޅެވޭނެ...ޔުނި ނިންމާލާފައި..އަދި ވީކެންޑްގައި އެގޭގައި ހަމަ ހުރެވޭނެ..." ޒޭބާ ގަދަކަމުން ހިނިތުންވެލިއެވެ މަންމަގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބެން އޮތް އެންމެ ރަގަޅުގޮތަކީވެސް އެއީއެވެ.

***

ދުވަސްތައް ވޭތުވެގެން ދިޔައީ ހީނުކުރާހާ ހަލުވިކޮށެވެ.

ޕީޗްކުލައިގެ ރަޖައެއްގެ ތެރޭގައި ވެޑުވިގެން އޮތް ހުދު ކަފަކޮޅެއްފަދަ ލޯބި އަންހެންކުއްޖާ ރުޚުސާގެ އަތުތެރޭގައި ނިދާފައި އޮތްއިރު އަޒިއެލް ގާތުގައި އިށީދެލައިގެން އިނެވެ. އަމްރާންގެ ދަރިފުޅު މެލެކްވެސް ކަމީލާގެ މޭގެ ތެރޭ ބޮނޑިވެލައިގެން އޮތެވެ. އެންމެންވެސް ތިބީ އެތަނުގައެވެ. ދަރިފުޅަށް ކިޔާނެ ނަމެއްގެ ވާހަކަދެކެވުނެވެ.

"އަނާ.....ކިހާ ލޯބި ކުރު ނަމެއް...އަނާ އަޒިއެލް" ކައިލާ ބުނެލިއެވެ.

"ބިއުޓިފުލް..."

ކައިލާ އަނާގެ މޫނަށް ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލިފައި އިންތަން ފެނުމުން ރުޚުސާ ގާތަށް އައެވެ.

"ޔޫ އޯކޭ؟ ރުޚުސާއެހިއެވެ.

"ޖަސްޓް..ހިތަށް އެރީ މިދަރިރުޅު ބޮޑުވާނީ އަހަންނަށް ކުޑައިރު ނޭގުނު ތިއްތިގެ ވާޝަން އެނގިގެންނޭ.."

ރުޚުސާ އޭނަގެ އަތަށް ފިތައިލިއެވެ."އަދި އެނގޭނެ ބައްޕައަށް މިހިސާބަށް އައުމުގައި އެންމެ ބޮޑު ޕާޓެއް ކުޅުނީ އާންޓް ކައި ކަން.."

ކައިލާ އަނާގެ މައުސޫމްކަމުން ފުރިފައިވާ މޫނަށް ބަލާލާފައި ދުއާކުރިއެބެ."މޭ ޔޫ ކެރީ ޔޯ ފާދަސް ޖެންޓްލްނެސް..އެންޑް ޔޯ މަދސްސް ސްޓްރެންތް..އަދި ދުވަހެއްގެ ކޮޅުންވެސް އާއިލާއިން ތިއީ ކިހާ ޚާއްސަކުއްޖެއްކަން ހަނދާންނައްތާނުލާނެކަން..."

***

ރަން އަވި ކުޑަދޮރުތަކުގެ ބިއްލޫރިތައް ފުރާނާލާފައި ސިޓިންރޫމަށް އެޅިފައިވާއިރު ނިކަން ހިތްގައިމެވެ. އަޒިއެލް އޭނަގެ ދަރިފުޅު އުނގުގައި ބާއްވައިގެން ނިކަން ލޯބިން ވާހަކަދައްކަމުން ދިޔައިރު އެއްވެސް މައްސަލައެއް ހުރިހެން ހިޔެއްނުވެއެވެ. ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. ރުޚުސާ ގާތުގައި އިންއިރު އެ މަންޒަރު ބަލަން އިނީ ނިކަން ހިތްހަމަޖެހިފައެވެ. ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދެމިގެން ދިޔައެވެ. ބެލް އަޅައިލުމާއެކު އެތެރެއަށް ވަދެގެން އައީ މާހިރާގެ ދެމައިންނެވެ. އަތުގައި ޕާރުސަލް އޮތެވެ.

ޒޭބާއަށްވެސް ޖެހުނީ ގަދަކަމުން ހީލުމަށެވެ.

"އަވަހަށް ވަދޭ...ރަގަޅު ގަޑިއެއްގައި ދައްތަމެން ތި ދުރުވީ.."ރުޚުސާ މެހުމާންދާރީ އަދާކުރުމުގައި ދެވަނައެއްނެތެވެ. ތެދުވެގެންގޮސް މާހިރާގެ އަތުގައި ހިފައިގެންގޮސް ގޮނޑީގައި ބޭންދިއެވެ.

"ﷲ ރަހުމަތްް ލައްވާށި..."މާހިރާ ހިނގައިގަތީ އަޒިއެލްއާއި ދިމާލަށެވެ."މާޝާﷲ...މާޝާﷲ.. އެސްފީނާއިން ސަލާމަތްކުރައްވާށި.....ހާދަ ލޯބި ކުއްޖެއް...ހަމަ ރުޚުސާގެ ކާބޮން ކޮޕީއެއް..."

ރުޚުސާ އަޒިއެލްގެ އަތުތެރޭގައި އޮތް ދަރިފުޅު ނަަގައިގެންގޮސް މާހިރާގެ އަތަށް ދިނެވެ. މާހިރާ އުރައިލަމުން އެކުއްޖާގެ އަތުގައި ބޮސްދިނެވެ. އެއަށްފަހު ޒޭބާއާއި ދިމާލަށް އެނބުރުނެވެ.

"ޒޭބާ އުރާނަންތަ؟"

"ލައްބަ..."ޒޭބާ އަވަހަށް ސޯފާގައި އިށީދެ އަތް ދިއްކޮށްލިއެވެ. ޒޭބާ އެކުއްޖާ އުރައިލުމާއެކު ވޭނެއްލިބުނުހެން ބާރުބާރަށް ރޮއިގަތެވެ. ހީވީ ހަމަ އަނިޔާއެއްލިބުނުހެންނެވެ. އޭނަގެ ހިތަށް ފިނިވާގޮތްވިއެވެ. ދަރިފުޅު ހަމަ މޫނު ރަތްކޮށްލައިގެން އަޑުކޮޅަށް ރޮއިނަގަނީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު