ވެލެންސިއާއަށް ފިލި ނައިޖީރިއާ ކުޅުންތެރިއަކު ދުވާފަރު ބޯޓެއްގައި، މައްސަލަ އިމިގްރޭޝަނަށް

މި އަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ ކުލަބު ވެލެންސިއާގެ ޓްރަޔަލްއަށް ގެނައި ވެލެންސިއާގެ ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ފިލައިގެން ރ. ދުވާފަރަށް ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާތީ އެ މައްސަލަ އިމިގްރޭޝަނަށް އެ ކުލަބުން ހުށައަޅައިފިއެވެ.

ވެލެންސިއާއިން ބުނީ, ނައިޖީރިއާއަށް ނިސްބަތްވާ ދެ ކުޅުންތެރިޔަކު، ޓްރަޔަލްއިން ފާސް ނުވުމުން އަނބުރާ ފޮނުވާލުމަށް ޓިކެޓް ހަމަޖައްސާދީފައި އޮއްވާ އެ ދެ ކުޅުންތެރިން ކްލަބަށް ފިލައިގެން އުޅޭ ކަމަށެވެ.

ކްލަބު ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން މީޑިއާތަކަށް ދިން އިންޓާވިއުއެއްގައި ބުނީ, ނައިޖީރިއާގެ ދެ ކުޅުންތެރިން ޓްރަޔަލްއަށް އައީ އަމިއްލައަށް އެދިގެން ކަމަށާއި، އެ ކުޅުންތެރިން އައީ ހުނަރު ސާބިތުކޮށްދޭނެ ކަމަށް ބުނެ، އަމިއްލަ ޚަރަދުގައި ކަމަށެވެ.

އަޒްމީން ބުނީ، ޓްރަޔަލްގައި ދެ ކުޅުންތެރިން ދެއްކި ކުޅުމަށް ވެސް، ޓީމުގެ ޓެކްނިލް ޓީމު ހިތްހަމަނުޖެހުމުން، އަނބުރާ ގައުމަށް ފޮނުވާލަން ޓިކެޓް ވެސް ނަގައިދީފައިވާނެ ކަމަށެވެ.

"އެ ކުޅުންތެރިން ވެލެންސިއާގެ ޕްރެކްޓިހަށް ޖޮއިން ކުރި ހިސާބުން ފެށިގެން އެކި ކަންކަމަށް 150،000 އެއްހާ ރުފިޔާ ޚަރަދުކޮށްފައި، ޓިކެޓާ ހުރިހާ އެއްޗެއް ހަމަޖައްސައިދީފައި ކަންކަން ކޮށްދިނުމުން، ފުރަން އޮތް ދުވަހު އެއާޕޯޓަށް ގެންދަން ބަލާދިޔައިރު، އެޕާޓްމަންޓްގައި ނެތް. ގުޅީމާ ބުނީ، އެއާޕޯޓުގައޭ. ފަހުން މި އެނގުނީ، ނުފުރާކަން،" އަޒްމީން މަޢުލޫމާތު ދީފައިވެއެވެ.

ކުލަބުން ވަނީ ދެ ކުޅުންތެރިން ވެސް ފިލައިގެން އުޅޭކަމުގެ މައްސަލަ މިހާރު އިމިގްރޭޝަނާއި ޕޮލިހަށް ހުށަހަޅާފައިވާނެ ކަމަށެވެ. ހަމައެހެންމެ މި މައްސަލައިގައި ވެލެންސިއާގެ އިހުމާލެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޓްރަޔަލްތަކަކީ ކުޅުންތެރިންގެ ފެންވަރު ބެލުމަށް، ކްލަބުތަކުން ދޭ ފުރުސަތަކެއް ނަމަވެސް ކްލަބުން ޓްރަޔަލްތަކަށް ކުޅުންތެރިން ގެންދަނީ އެއްބަސްވުމެއް އެކުލަވާލައިގެންނެއް ނޫނެވެ. އަދި، އާއްމުކޮށް ޓްރަޔަލްތަކަށް ދާ ކުޅުންތެރިން އަންނާނީ ވެސް އަދި ދާނީ ވެސް އަމިއްލަ ޚަރަދުގައިކަން ފާހަގަކުރެވެއެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ވެލެންސިއާއަށްވަނީ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ބިދޭސީ ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން ފީފާއިން 2022 ވަނަ އަހަރުގެ ޖޫން މަހު ވަނީ އެ ކްލަބަށް ކުޅުންތެރިއަކު ޓީމުގައި ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އަދަބުދީ ޖޫރިމަނާއެއް ވެސް ކޮށްފައެވެ.

comment ކޮމެންޓް