ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމާ ގުޅިގެން އިއްޔެއަކީ މުޅި ރައްޔިތުންގެ މަޖިލިސް ޚަރާބުގެ މަގަށް ސޮއްސާލި ދުވަހެއްގެ ގޮތުގައި، މައި އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު މިރޭ ސިފަކުރައްވައިފިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މިރޭ ވާހަކަ ދައްކަވަމުން، 17ވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅުމުގައި ސަރުކާރުން ހުރިހާ މަރުހަލާއެއްގައި ވެސް އޮޅުވާލީ ކަމަށާއި، އެގޮތުން ބިލު ހުށަހެޅީ އަމިއްލަ މެންބަރެއް ކަމަށް ބުނެ، ސަރުކާރުން ހެދީ ދޮގު ކަމަށެވެ.
ޝާހިދު އެ އިޝާރާތްކުރެއްވީ އިއްޔެ މީޑިއާ ބިލު ފާސްކުރަން ވޯޓަށް އެހި ވަގުތު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް، އެ ބިލަކީ "ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު" ހުށަހެޅި ބިލެއްކަމަށް ވިދާޅުވި ވިދާޅުވުމަށެވެ.
"ސީދާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަ އޮތީ، ތިމަން މަނިކުފާނަށް އެނގިގެން ހުށަހެޅި ބިލެއްނޫނޭ، ދައުލަތުގެ ވަޒީރުން ވިދާޅުވަމުން ގެންދެވީ ތިމަންބައިމީހުންނަށް އެނގިގެން ހުށަހަޅާފައި އޮތް ބިލެއްނޫނޭ، މިއީ އަމިއްލަ މެންބަރަކު ހުށަހަޅައިގެން އުޅޭ އަމިއްލަ ބިލެކޭ، ދެން މިއަށް ގެންނަން ޖެހޭ ހުރިހާ ބަދަލެއް ގެންނާނަމޭ، އެކަމަކު އެންމެފަހުން ބުޅާ ގޯނިން ބޭރުވީ ވޯޓަށް އަހާ ހިސާބުން،" ޝާހިދު ވިދާޅުވިއެވެ.
ބިލު ފާސްކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭއްވި ޖަލްސާ ދުވަހުގެ ކުރީ ރޭ ބޭއްވި މީޑިއާ ފޯރަމަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، މި ބިލުގެ ސަބަބުން އާންމުން ކުރާ ކަންކަމަށް އަސަރުނުކުރާނެ ކަމަށް ވިސްނައިދޭން އެ ފޯރަމްގައި ބައިވެރިވި ސަރުކާރުގެ އިސްވެރިން މަސައްކަަތްކުރި ކަމަށެވެ.
ނަމަވެސް މި ބިލު ފާސްކުރުމުން, ސޯޝަލް މީޑިއާގައި ލިޔާ ލިއުންތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ކަމަށް، ބިލުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ކޮންމެ ގޮތަކަށް ސަރުކާރުން ވާހަކަ އޮޅުވައިލަން މަސައްކަތްކުރިކަމުގައި ވިޔަސް، މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ޖަރީމާއެއް ހިންގަންކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
އެހެންކަމުން ބިލު ތަސްދީގުނުކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ޝާހިދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ގޮވާލައްވައިފައެވެ.
ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ މާއްދާތަކަށް މި ބިލު ތައާރުޒުވާކަން ފާހަގަކުރައްވައި ޝާހިދު ވަނީ، އަސާސީ ހައްގުތައް ހިފެހެއްޓުމުގެ މިންގަނޑުތަކެއް ގާނޫނުއަސާސީގައި އޮންނަކަން ވެސް ފާހަގަކުރައްވައިފައެވެ.
ގާނޫނުއަސާސީގެ 16ވަނަ މާއްދާގައިވާ ގޮތުން ހައްގުތައް ނުވަތަ އެއިން މިންވަރެއް ހިފެހެއްޓޭނީ އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މިނިވަން، ޑިމޮކްރެޓިކް މުޖުތަމައެއްގައި އެފަދަ ޙައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަކަށެވެ. އަދި އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ހައްގުތައް ހިފެހެއްޓުމަށް ގާނޫނުއަސާސީން ހުރަހެއް ނާޅާކަން ވެސް، ގާނޫނުއަސާސީގައިވެއެވެ.
ޝާހިދު ވިދާޅުވީ، އެ ހުދޫދުން ބޭރުވާނެ އެއްވެސް ކަމެއް ރައީސަށް ނުފެންނާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެން އެންމެ ރަނގަޅު ގޮތަކީ އިލްމީގޮތުން ބިލުގެ މައްސަލަ ހައްލުކުރުމެވެ.
"އަޅުގަނޑުގެ ކުރިން ވާހަކަފުޅުދެއްކެވި ބޭފުޅުން ވިދާޅުވި ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އުސޫލުތަކެއް ޚަރާބުކޮށްލާފަ ބިލު ފާސްކުރެއްވި، ރައްޔިތުންގެ މަޖިލީހުގައި ބިލަށް އިސްލާހު ހުށަހަޅަން ދެއްވީ 27 މިނެޓު، ބިލު ޓޭބަލްކުރެއްވީ އެއް މިނެޓު ދެއްވައިފަ،"
"ދެން އެހެން ގޮސް އަޅުގަނޑުމެންގެ އެ އިއްޒަތްތެރި ޝަރަފުވެރި މުއައްސަސާ މުޅިން ޚަރާބުގެ މަގަށް ސޮއްސުވާލި ދުވަސް އިއްޔެ މިއީ،"
އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް އަވަހަށް ބިލު އަނބުރާ ގެނައުމަށްފަހު، ގާނޫނުއަސާސީގެ ތެރެއަށް ސަރުކާރުން އަލުން ވަނުން ކަމަށް، ޝާހިދު ވިދާޅުވިއެވެ.
ހަމަ އެއާއެކު، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ފާސްކުރި އަބުރުގެ ގާނޫނު، ކުރީ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން އުވާލި އުވާލުމަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ، ދެން އަންނަ އެމްޑީޕީ ވެރިކަމެއްގައި މީޑިއާ ކޮންޓްރޯލް ބިލު ގާނޫނަކަށްވެއްޖެ ނަމަ ބާތިލުކުރައްވާނެ ކަމަށެވެ.