ސަންޖޭގެ ތަރިކަ މުދަލެއް ކަރިޝްމާ ބޭނުމެއް ނޫން

ފިލްމީ ތަރި ކަރިޝްމާ ކަޕޫރު އަދި ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރު--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރުގެ ކުރީގެ ފިރިމީހާ ސަންޖޭ ކަޕޫރުގެ ތިން ބިލިއަން ޑޮލަރުގެ އަގުހުރި ތަރިކަ މުދަލުގެ މައްސަލައަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަކަށް ލިބި އެއަށް ނިމުން އަންނާނެ ގޮތެއް ބަލަ ގިނަ ބަޔަކު ބޭނުންވެފައިވާ މައްސަލައެކެވެ.

ކަރިޝްމާއާއި ސަންޖޭގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެ ކުދިންނަށް ބައްޕަގެ ވަސިއްޔަތުގައި ތަރިކަ މުދަލުން އެއްވެސް ބައެއް ދިނުމަށް ނިންމާފައިނުވާތީ އެ މައްސަލަ ވަނީ ދިއްލީގެ ހައިކޯޓަށް ހުށަހަޅާފައެވެ.

މައްސަލަ ހައިކޯޓަށް ހުށަހެޅުމާ ގުޅިގެން ބައެއް މީހުން ޚާއްސަކޮށް ސަންޖޭގެ ހުވަފަތްވެފައިވާ އަންހެނުން ޕްރިޔާ ސަޗްދޭވްގެ ވަކީލުންގެ ޓީމުން ވަނީ ކަރިޝްމާ ސަންޖޭގެ ފައިސާ ހޯދަން މަސައްކަތްކުރާކަމުގެ ތުހުމަތުކޮށްފައެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގެ ބަހުސްތައް ވަރަށް ހޫނުވެފައިވާއިރު ކަރިޝްމާގެ ވަކީލުންގެ ޓީމުން ރައްދުގައި ބުނެފައިވަނީ، ސަންޖޭގެ ތިން ބިލިއަން ޑޮލަރުގެ ތަރިކަ މުދަލުން އެއްވެސް އެއްޗެއް ކަރިޝްމާ ބޭނުންނުވާ ކަމަށެވެ.

ކަރިޝްމާ ބަތަލާގެ ދެ ކުދިން ސަމައިރާ އަދި ކިއާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފައިސާއަށް ވުރެ ބޮޑަށް އެ މައްސަލައަކީ ސަންޖޭގެ ދެ ކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންގެ މުސްތަގުބަލު ރައްކާތެރިކޮށް ދިނުމުގެ މަޤްސަދުގައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ކަރިޝްމާގެ ޓީމުން ވަނީ ބުނެފައެވެ.

ޕްރިޔާގެ ވަކީލުންގެ ޓީމުން ކޯޓުގައި ބުނެފައިވަނީ ކަރިޝްމާއާއި ސަންޖޭގެ ދެ ކުދިން ކަމަށްވާ ސަމައިރާ (20 އަހަރު) އަދި ކިއާން (15 އަހަރު)އަށް ސަންޖޭގެ މުދަލުން 1،900 ކްރޯޑު ރުޕީސް (21.5 މިލިއަން ޑޮލަރު) ދީފައިވާނެ ކަމަށެވެ.

ނަމަވެސް، މިހާތަނަށް ވެސް އެކަމާ ބެހޭ އެއްވެސް ލިޔުމެއް ކަރިޝްމާގެ ކުދިންނާ ހަވާލުކޮށްފައިނުވާއިރު، އެއީ ޕްރިޔާގެ ބާރު އޮންނަ އާރްކޭ ފެމިލީ ޓްރަސްޓްގެ ތެރެއިން ދެ ކުދިންނަށް ލިބޭ ފައިސާތަކެއް ކަމަށް ކަރިޝްމާގެ ޤާނޫނީ ޓީމުން ވަނީ ބުނެފައެވެ.

ސަންޖޭއާއި ޕްރިޔާގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު ޕްރިޔާގެ ކުރީގެ ކައިވެންޏަށް ލިބިފައި ހުންނަ އަންހެއް ކުއްޖާއަކީ ސަންޖޭ އެޑޮޕްޓްކޮށްފައިވާ ކުއްޖެއް ކަމަށް ބުނެ، އެ ކުއްޖާގެ ނަމުގެ ފަހަތަށް ވެސް ވަނީ ސަންޖޭގެ ނަން އިތުރުކޮށްފައެވެ.

ސަންޖޭއާއި ކަރިޝްމާގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެ ކުދިންނަށް ސަންޖޭގެ މުދަލުން ހަމަ ހަމައަށް ހައްގު ބައި ނުލިބެންވީ ކީއްވެތޯ އަހާ ބަތަލާގެ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގައި އޮތް ޕޯލޯ މެޗެއް ކުޅެނިކޮށް ހާޓް އެޓޭކެއް ޖެހި، ސަންޖޭ މަރުވިތާ ތިން މަސް ވެފައިވާއިރު އޭނާގެ ވަސިއްޔަތް މިހާތަނަށް ވެސް ޕްރިޔާ ގެންގުޅެނީ ފޮރުވައިގެންނެވެ.

ސަންޖޭގެ ތަރިކަ މުދަލުން އޭނާގެ މަންމައަށް ވެސް އެއްވެސް ބައެއް ނުލިބޭ ކަމަށް ޕްރިޔާގެ ވަކީލުން އެންގުމާ އެކު ޕްރިޔާއާ ދެކޮޅަށް ސަންޖޭގެ އާއިލާއިން ވެސް ވަނީ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ސަންޖޭއާއި ކަރިޝްމާގެ ކައިވެނިކުރެވުނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ފަހުން 2003 ވަނަ އަހަރެވެ. ސަންޖޭގެ ގާތުން ކަރިޝްމާ ވަރިވެފައިވަނީ ބަތަލާއަށް ގެވެށި އަނިޔާކުރާ ކަމަށް ބުނެ، ކައިވެންޏަށް 13 އަހަރުވީ ފަހުންނެވެ.

ކަރިޝްމާއާ ކައިވެނި ކުރުމުގެ ކުރިން އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ނަންދީތާ މަހްތާނީއާ ކައިވެނިކޮށްގެން އުޅުނު ސަންޖޭއަކީ އިންޑިއާއާއި އިނގިރޭސިވިލާތުގެ އޮޓޯމޯޓިވް އިންޑަސްޓްރީގައި ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ކާމިޔާބު ވިޔަފާރިވެރިއެކެވެ.

comment ކޮމެންޓް