ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރުގެ ކޮއްކޮ އަންޝުލާ ކަޕޫރު ލޯބިވެރިޔާ ރޯހަން ތައްކަރުއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.
އިންޑިއާގެ އެންމެ މަގުބޫލު އެއް ފިލްމީ އާއިލާއަކަށް ނިސްބަތްވާ އަންޝުލާ ރާއްޖެއަށް އައިސްފައި ވަނީ މީގެ އެއް ދުވަސްކުރިންނެވެ.
އަންޝުލާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރާކަމަށް ބުނެ އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގެ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. ފޮޓޯތައް ޕޯސްޓުކުރަމުން އަންޝުލާ ބުނީ ލޯބިވެރިޔާ ރޯހަންއާ އެކު މިވަގުތު ތިބީ އޮފީހުން ބޭރުގައި ކަމަށެވެ.
ހަމައެއާއެކު ދެ މީހުންގެ ކައިވެނީގެ ކަންކަން ޕްލޭން ކުރަމުން ކުޑަ ދުވަސްކޮޅަކަށް ސިކުނޑި ހަމަޖައްސާލުމަށް ރާއްޖެއަށްކުރި ދަތުރަށް އޭނާ ދޭން 10/11 ކަމަށް އަންޝުލާ ވަނީ ބުނެފައެވެ.

އަންޝުލާ އާއި ރޯހަން ރާއްޖޭގައި--ފޮޓޯ/އިންސްޓަގްރާމް
ބ.އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ދަ ވެސްޓަން މޯލްޑިވްސް މިރިއަންދޫގައި ޗުއްޓީ ހޭދަކުރަމުން އަންނަ އަންޝުލާ ވަނީ އެ ރިސޯޓުގެ މާހައުލަށާއި ރިސޯޓުން ލިބެމުން އަންނަ ޚިދުމަތްތަކާއި މެހެމާންދާރީއަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.
އެ ރިސޯޓުގެ ސްޕާގެ ޚިދުމަތަށް ތައުރީފު ކުރަމުން އަންޝުލާ ބުނީ، ފަތުރުވެރިންގެ މަގުބޫލު މަންޒިލް ހަނިފަރު ބޭ ކައިރީގައި އޮންނަ ދަ ވެސްޓަން މޯލްޑިވްސް މިރިއަންދޫ ރިސޯޓުގެ މެރިން ލައިފް އަދި ސްނޯކްލިންގް ތަޖުރިބާ އަކީ އަޖައިބެއް ކަހަލަ މަންޒަރުތަކެއް ފެނުނު ދަތުރެއް ކަމަށެވެ.
އެމެޒޯން ޕްރައިމް ވީޑިއޯއިން މި އަހަރުގެ ޖޫން މަހު ގެނެސްދިން ރިއަލިޓީ ޝޯ "ދަ ޓްރެއިޓަސް އިންޑިއާ"އިން މުނިފޫހިފިލުވުމުގެ ދާއިރާއަށް ތައާރަފްވި އަންޝުލާ އަކީ ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ހަގު ކުއްޖާއެވެ. ދޮށީ ދަރިފުޅަކީ އެކްޓަރު އަރުޖުން ކަޕޫރެވެ.
ރާއްޖޭގެ ރީތިކަމަށް އަބަދުވެސް ތައުރީފުކޮށް ވާހަކަ ދައްކަމުން އަންނަ އަންޝުލާ ވަނީ 2023 ވަނަ އަހަރު ވެސް ލޯބިވެރިޔާ ރޯހަންއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.