އަތަށް މައިކް އައީ މުލައްދަނޑީގެ ބާރު ގަދަވީމާ، ޚަރަދު ހަމަޖައްސައިފިން: އިމްރާން

މައުރޫފް ވާހަކަދައްކަވަން މަސައްކަތް ކުރެއްވުމުން، އިމްރާނާއި (ކ) ސަމީރު (ވ) މައިކުގައި ހިފަހައްޓަވާ މަންޒަރު: ހަމަނުޖެހުން ނިމުނުއިރު މައިކު އޮތީ އުފުރާލައިފަ --- ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު: ދައުރު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ގެއްލުންދެއްވި މައިކުގެ ޚަރަދު ހަމަޖައްސައިދެއްވާފައިވާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް ރޭ ވިދާޅުވެއްޖެއެވެ.

ދާއިރާގެ ރައްޔިތުން ތިބޭ ވަޓްސްއަޕް ގްރޫޕަކަށް ރޭ ފޮނުއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ، މައިކު ހަލާކުވީ އޭނާގެ އަތުން އެކަނި ނޫން ކަމަށާއި ހަލާކުވީ އޭނާގެ އިތުރުން، އެ ވަގުތު ވާހަކަދައްކަވަން މަސައްކަތްކުރެއްވި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރުގެ އަތުން ކަމަށެވެ.

https://sun.mv/211361

އެކަމަކު، ބައެއް މީހުންނަށް ފެންނަނީ އޭނާ އެކަނި މައިކަށް ގެއްލުންދެއްވި މަންޒަރު ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި، މައިކް އޭނާގެ އަތަށް އައީ މުލައްދަނޑީގެ ބާރު ގަދަވީމާ ކަމަށް އޭނާގެ މެސެޖުގައި ވިދާޅުވިއެވެ.

މައިކް ހަލާކުވީ އޭނާގެ އަތުން އެކަނި ނޫން ކަމަށް އިމްރާން ވިދާޅުވި ނަމަވެސް ވީޑިއޯއިން ފެންނަ ގޮތުގައި މައިކަށް ދަމަނީ އިމްރާނެވެ.

"ގެއްލުމުގެ ޚަރަދު އަޅުގަނޑު ދޭން ހަމަޖައްސާފައި އޮންނާނީ، ރައްޔިތުންގެ މުދަލުގެ އަގު ޖެހޭނެ ނަގަން، އެކަން ވާނީ [ރައްޔިތުންގެ މަޖިލީހަށް] އަންގާފައި މިހާރު،" އިމްރާންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

"މައުރޫފް ޒާކިރު ހުޅުޖަހަން ގޮވަން ދޫކޮށްލައިގެން އަޅުގަނޑު ނުހުންނާނަން. އަދަބު އަހުލާގު ދެއްކުމަކީ ފެންފޮދަކަށް ވެގެން ހުރުމެއް ނޫން. އަޅުގަނޑު ސޯޝަލް މީޑިއާގައި މިހާ ޑީޓެއިލްކޮށް ނުލިޔުނަސް މިއީ ކަން ހިނގި ގޮތް،" އޭނާގެ މެސެޖުގައިވެއެވެ.

ވަޓްސްއެޕް ގްރޫޕަށް ފޮނުވާފައިވާ މެސެޖް: އިމްރާން ވިދާޅުވީ މައިކްގެ ޚަރަދު ހަމަޖައްސާފައިވާ ކަމަށް --

ފާހަގަކުރެވޭ ގޮތުގައި އިއްޔެގެ ކޮމިޓީ ބައްދަލުވުމުގެ އަޑު އަހަން ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންގެ އިތުރަށް ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި އިމްރާންގެ އިތުރުން، މައުރޫފާއި ސަމީރު ވެސް ހިމެނެއެވެ.

އެ ކޮމިޓީގައި ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަދި ކޮމިޓީގެ ނައިބު މުގައްރިރު އަބްދުﷲ ޝަރީފް ވަނީ އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ. އެ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމުން، ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ.

އެއާއެކު، ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެތިބި ނޫސްވެރިންނާއި އެމްޑީޕީ މެންބަރުން ވެސް ނުރުހުން ފާޅުކޮށް އިހުތިޖާޖުކުރަން ފެށިއެވެ.

އެ އިހުތިޖާޖުތަކުގެ ތެރެއިން، މައުރޫފް ކޮމިޓީގެ މައިކެއް ކައިރިއަށް ވަޑައިގެން ވާހަކަދައްކަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް، އިމްރާން ވަޑައިގެން، އޭނާއަށް ހުރަސް އަޅުއްވަން މައިކް ދުރަށްޖައްސަން މަސައްކަތް ކުރާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެނެއެވެ. އެ ވަގުތު ސާމިރު ވެސް މައިކް ވެސް ހިފަހައްޓަވައި، މައުރޫފަށް ވާހަކަދައްކަވަން ފުރުސަތު ދެއްވަން މަސައްކަތް ކުރައްވާ މަންޒަރު ފެނެއެވެ.

ވީޑިއޯތަކުން ދެން ފެންނަނީ، އެ މައިކް ދެކޮޅަށް ދަމަމުން ގޮސް، ވަކި ހިސާބަކުން އިމްރާން މައިކް އުފުރާލައި ވައްޓާލައްވާ މަންޒަރެވެ.

މަޖިލީހުގައި ހިމެނޭ ތަކެއްޗަކީ ދައުލަތުގެ މުދަލަށް ވާތީ، އެ ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލަތައް ސުލޫކީ ކޮމިޓީއަށް ހުށަހަޅައިގެން ބެލޭނެއެވެ.

މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލު ތަޅުމުން ފާސްކުރުމުގެ މަސައްކަތް މިއަދު ކުރަން އޮތް ނަމަވެސް، މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާއި ޖަލްސާ ބާއްވާނެ ވަގުތެއް އަދިވެސް ހާމަ ނުކުރެއެވެ.

comment ކޮމެންޓް